ދުނިޔެ

އީރާނުން އިޒުރޭލަށް ދިން ހަމަލާގެ ޒިންމާ ނަންގަވަން ޖެހޭނީ ނަތަންޔާހޫ: އުރުދުޣާން

އީރާނުން އިޒުރޭލަށް ހަމަލާދިނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ހެދި ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ހަނގުރާމައިގެ ސަބަބުން އިޒުރޭލަށާއި މެދުއިރުމައްޗަށް ސަބަބުން ލިބޭ ހުރިހާ ގެއްލުމެއްގެ ޒިންމާ ނަތަންޔާހޫ އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން އަކީ އިޒުރޭލަށް ފާޑުވިދާޅުވުމުގައި އަރާހުންނެވި ލީޑަރެކެވެ. ޒަޔަނިސްޓުންނަކީ މުސްލިމުންގެ ލެއަށް ފެންބޮވައިގެންފައި ތިބި ބައެއް ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

މެދުއިރުމަތީގައި ހަނގުރާމައެއް ކުރަން ޖެހޭ ސަބަބެއް -- ނަތަންޔާހޫގެ އަމިއްލަ އެޖެންޑާއަކަށް މެނުވީ، ނެތް ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ނަތަންޔާހޫ ވެރިކަމުގައި ދެމިހުންނެވުމަށް ކުރައްވާ އެންމެ މޮޅުކަމަކީ އަރަބިންގެ ބިންތައް ފޭރިގަނެ ޔަހޫދީ އާބާދީތައް ބިނާކުރެއްވުން ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

ނަތަންޔާހޫ ވެރިކަމަށް ވަޑައިގަތީއްސުރެ މެދުއިރުމަތީގައި ހަމަޖެހުމެއް ނެތް ކަމާށައި ޒަޔަނިސްޓުން ކުރާ ކޮންމެ ކަމަކަށް ރުހި -- ލޯމަރާލައިގެން ތިބި މީހުންނަށް ވެސް ކަމުނުދިޔައީ އީރާން ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އީރާނުން އިޒުރޭލަށް ހަމަލާދޭން ޖެހުނީ އީރާންގެ އެމްބަސީއަކަށް ޔަހޫދީން ހަމަލާދިނުމުން ކަމަށާއި -- ހިތާމައަކީ ހުޅަނގުގެ ވެރިންނަށް މި މަންޒަރު ފެނިވަޑައިނުގަތުން ކަމަށެވެ.

އިޒުރޭލުން ކުރާ ކޮންމެ ކަމެއް މުސްލިމުން އޯކޭނުވާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. ދުނިޔޭގެ މަސްލަހަތު ގެއްލެނީ ބާރުގަދަ ގައުމުތަކުން އެ ބާރުގެ ބޭނުން ނުހައްގުން ބޭނުންކުރާތީ ކަމަށް ވެސް ތުރުކީގެ ރައީސް ވިދާޅުވި އެވެ.

ސީރިއާގެ ވެރިރަށް ދިމިޝްގައި ހުންނަ އީރާންގެ އެމްބަސީ އިމާރާތަށް އިޒުރޭލުން ހަމަލާދިނުމަކީ ބައިނަލްއަގްވާމީ ގާނޫންތަކާ މުޅިން ޚިލާފު ކަމެއް ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އިޒުރޭލުގެ މި އަމަލަކީ އެއްމެ ކުޑަމިނުން ގޯސްކަމެއް ކަމަށް ބުނެލަން ވެސް ހުޅަނގަަށް ނުކެރުނު ކަމަށް ވެސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވި އެވެ.