ދުނިޔެ

ތުރުކީއަކީ ގުޅުން ބަދަހިކުރަން ރަނގަޅު ގައުމެއް

ތުރުކީ އަކީ ގުޅުން ބަދަހިކުރަން ރަނގަޅު ގައުމެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް ވިދާޅުވެއްޖެ އެވެ.

ތުރުކީއާ ގުޅުން ބަދަހިކުރަން އިޒްރޭލުގެ ރައީސް އިސާކް ހަރްޒޮގް ކުރައްވާ މަސައްކަތްތަކަށް ތައުރީފް ކުރައްވައި ނަފްތަލީ ބެނެޓް ވިދާޅުވީ ރައީސް އެކުރައްވަނީ ގައުމަށް ފައިދާހުރި މަސައްކަތެއް ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުން ރައީސް ކުރައްވާ މަސައްކަތްތަކާ މެދު ސަރުކާރު އޮތީ ރުހިގެންނެވެ. އޭނާ އަދި ވިދާޅުވީ އަންކާރާ ދޫކޮށްލެވެން ނެތް ކަމަށާއި މަޝްވަރާ މޭޒުދޮށަށް އެއްވާން ޖެހޭ ކަމަށެވެ.

ބެނެޓް ވިދާޅުވި ގޮތުން ތުރުކީއާ މަޝްވަރާ ކުރުމުގައި އިޒްރޭލު ވަރަށް ބޮޑަށް ސަމާލުވާނެ އެވެ. އެއީ ހަރުދަނާ ގުޅުމަކަށް މަގުފަހި ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ތުރުކީއަށް ކަމުނުދާ ކަމެއް އޮތް ނަމަ އިޒްރޭލު އޮތީ މަޝްވަރާއަށް ތައްޔާރަށް ކަމަށް ވިދާޅުވެ ބެނެޓް ވިދާޅުވީ އީރާނާއި ތުރުކީ އަކީ އެހައި ގާތް ދެގައުމަށް ނުވުމަކީ އިޒްރޭލަށް ކަމުދާ ކަމެއް ކަމަށެވެ.

އިޒްރޭލާއި ތުރުކީއާ ގުޅުވައި މީޑިއާގައި ދެކެވޭ ވާހަކަތައް މިދުވަސްވަރު ވަރަށް ގިނަ އެވެ. ސަބަބަކީ އިޒްރޭލުގެ ރައީސް އަންނަ މަހު ތުރުކީއަށް ރަސްމީ ދަތުރެއް ކުރައްވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެފައި އޮތުމެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތު ޗަވްސޯލޫ ވިދާޅުވި ގޮތުން އިޒްރޭލާ ގުޅުން ބަދަހި ކުރުމުގައި ފަލަސްތީން މާޔޫސްވާ ވަރުގެ ކަމެއް ނުކުރައްވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ފަލަސްތީނަށް ވުރެ އިޒްރޭލު، ތުރުކީއަށް މުހިންމު ނުވާނެ ކަމަށެވެ.

މެވްލޫތު ވިދާޅުވި ގޮތުގައި ފަލަސްތީނާއި އިޒްރޭލު ސުލްހަ ކުރެވެން އޮތް އެންމެ ކުރު މަގަކީ ދެދައުލަތެވެ. ވަޒީރު އަދި ވިދާޅުވީ ތުރުކީގެ ސިޔާސަތަކީ ވެސް އިޒްރޭލަށް މިނިވަން ދައުލަތެއް އޮންނަ ފަދައިން ފަލަސްތީނަށްް ވެސް މިނިވަން ދައުލަތެއް އޮތުން ކަމަށެވެ.

އިރުމަތީ ގުދުސްގައި އިޒްރޭލު ހިންގާ ޖަރީމާތަކަކީ އޮތް ކަންބޮޑުވުމެއް ކަމަށް ތުރުކީ ބުނެ އެވެ. ހުޅަނގު އައްސޭރިގައި ޔަހޫދީން އާބާދުކުރަން ޔަހޫދީ ވިޔަފާރިވެރިން ފަންޑުކޮށްގެން ހިންގާ ޕްރޮޖެޓްތަކަށް ވެސް ވަރަށް ފާޅުގައި ތުރުކީ ފާޑުކިޔަ އެވެ.