ދުނިޔެ

ބައިޑަން އާއި ޣަނީ ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން، އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޣަނީއާ ބައްދަލު ކުރައްވަން ތާރީހު ކަނޑައަޅައިފި އެވެ. ވައިޓް ހައުސްއިން ބުނީ ބައިޑަން، ޣަނީއާ ބައްދަލު ކުރައްވާނީ ވައިޓް ހައުސްގައި ޖޫން 25 ގައި ކަމަށެވެ.

ވައިޓް ހައުސްއިން ބުނި ގޮތުން ޣަނީއާއެކު އަފްޣާނިސްތާންގެ ހައި ކައުންސިލް ފޮ ނޭޝަނަލް ރިކޮންސިލިއޭޝަންގެ ޗެއާމަން ޑރ. އަބްދުﷲ އަބްދުﷲ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. ދެ ރައީސުން ބައްދަލު ކުރައްވާއިރު އަފްޣާނިސްތާންގެ ހާލަތު ވެސް ދަނީ ސަރުކާރުގެ މުށުން ދޫވަމުންނެވެ. ތާލިބާނުން މިހާރު ވެސް ގެންދަނީ ސަލާމަތީ ބާރުތަކަށް ހަމަލާދީ އިތުރު އަވަށްތައް ހިފަން މަސައްކަތް ކުރަމުންނެވެ.

އަފްޣާނިސްތާނުން ތިބި އެމެރިކާ ސިފައިންނާއި ނޭޓޯ ސިފައިން ސެޕްޓެމްބަރު 11 އިގެ ކުރިން ބާލާނެ ކަމަށް ބައިޑަން އޮތީ ވިދާޅުވެފަ އެވެ. މި ބަދަލާއެކު އަފްޣާނިސްތާނަށް އޮތް އެންމެ ބޮޑު ބިރަކީ ތާލިބާނުންގެ އުންޑަތަކެވެ.

ވައިޓް ހައުސްއިން ބުނީ ރައީސް ޣަނީ ބައިޑަންއާ ބައްދަލު ކުރައްވައި އަފްޣާނިސްތާންގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާއި އެމެރިކާއިން އަފްޣާނިސްތާނަށް އެހީތެރި ވެދޭނެ ކަމަށެވެ. އަފްޣާނިސްތާންގައި ސެކިއުރިޓީ ބެލެހެއްޓުން އަދި އިގުތިސޯދީ އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށް ވެސް ވައިޓް ހައުސްއިން ބުނެ އެވެ.

އަފްޣާނިސްތާން ޓެރަރިސްޓުންގެ ހާއްޔަކަށް ވާން އެމެރިކާ ދޫކޮށް ނުލާނެ ކަމަށް ވެސް ވައިޓް ހައުސްއިން ބުނެ އެވެ. އެހެން ބުނި ނަމަވެސް އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބާލަން ފެށި ފަނުން ތާލިބާނުން އަންނަނީ ބާރު ގަދަ ކުރަމުންނެވެ.