ޔުއެއާފާ ޔޫރޯ 2020

ތާރީހީ މޮޅާއެކު އެއް ވަނައިގައި އިޓަލީ ދެވަނަ ބުރަށް

ތާރީހީ މޮޅަކާއި އެކު އިޓަލީ ގްރޫޕު އޭގެ އެއްވަނައިގައި ޔޫރޯ 2020 ގެ ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ. މި މެޗުން އިޓަލީން މޮޅުވީ 1-0 ގެ ނަތީޖާ އަކުންނެވެ.

އިޓަލީގެ ސްޓޭޑިއޯ އޮލިމްޕިއޯގައި މިރޭ ވޭލްސް އާއި ވާދަކުރި މެޗުގައި މޮޅަށް ކުޅެފައި ވަނީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައިވާ އިޓަލީންނެވެ. އިޓަލީ މޮޅުވި ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕެސިނީ އެވެ. ޕެސިނީ މި ލަނޑު ކާމިޔާބު ކޮށްދިނީ ހިލޭ ޖެހުމެއްގައި ވެރާޓީ ދިން ބޯޅަ އަކުން ވޭލްސްގެ އޭރިއާ ތެރޭގައި ހުރެފަ އެވެ.

ފުރަތަމަ ހާފުގައި ވޭލްސް އަށް ގޯލު ޖެހުމަށް ފުރުސަތު ލިބުނެވެ. އެގޮތުން ޖޭމްސް ނަގައިދިން ހުރަހެއް ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރެފައި ރަމްސީ ބޮލުން ފޮނުވާލި ނަމަވެސް، ގޯލާއި އަމާޒު ނުވެ ދަނޑި މަތިން ބޯޅަ ދިޔައީ ބޭރަށެވެ. އަދި ދެވަނަ ހާފުގައި ރޮޑޮން ދިން ބޯޅައެއް މުޅިން ހުސްކޮށް ޕެންލްޓީ އޭރިއާ ތެރޭގައި ހުރެފައި ބޭލް ވެއްޓިލާފައި ޖެހި ވަނީ ގޯލާއި އަމާޒު ނުވެ މަތިން ގޮސްފަ އެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ލީޑު ފުޅާ ކުރަން އިޓަލީއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ހިލޭ ޖެހުމަކުން ބެނަޑާސްކީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި 65 ވަނަ މިނެޓުގައި ކިއޭސާ ދިން ބޯޅަ އެއް ޕެންލްޓީ އޭރިއާ ތެރެއިން ބޮލެއްޓީ ފޮނުވާލި ނަމަވެސް ވޭލްސްގެ ކީޕަރު ވޯޑު ވަނީ ހުށިޔާރު ކަމާއެކު އެ ބޯޅަ މަތަކޮށްފަ އެވެ.

މި ނަތީޖާ އާއެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އިޓަލީ ދެވަނަ ބުރަށް ދިޔައީ ގްރޫޕުގެ އެއް ވަނައިގަ އެވެ. އިޓަލީ އަށް ޖުމްލަ ނުވަ ޕޮއިންޓު ލިބިފައިވެ އެވެ. ވޭލްސް ދެވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު ފައިދާ ގޯލުންނެވެ. ވޭލްސް އަށް ވެސް ވަނީ ދެވަނަ ބުރު ޔަގީންވެފަ އެވެ. މިރޭ ދެން ކުޅުނު މެޗުން މޮޅުވެ ސްވިޒްލެންޑް އޮތީ ގްރޫޕުގެ ތިން ވަނައިގަ އެވެ. ހުރިހާ މެޗަކުން ބަލިވެ ތުރުކީ އޮތީ ގްރޫޕުގެ ފުލުގަ އެވެ.