އެޗްއާރްސީއެމް

ވިސްލްބްލޯއަށް ބަޖެއްޓެއް ލިބިއްޖެ، ދެން ޔުނިޓް ހިނގާނެ

ވިސްލް ބްލޯވާ ޕްރޮޓެކްޝަން ޔުނިޓްގެ މަސައްކަތްތައް މިހާތަނަށް ކުރިއަށް ނުގެންދެވުނީ ބަޖެޓު ނެތިގެން ކަމަށާއި މިއަހަރަށް ބަޖެޓެއް ހަމަޖައްސައިދީފައިވާތީ ހޭލުންތެރި ކުރުވަން މިއަހަރު ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީ) އިން ބުނެފި އެވެ. -- އަހަރުގެ މިހާރު ގުނަމުން ދަނީ ހަވަނަ މަހެވެ.

ވިސްލްބްލޯވަ ޕްރޮޓެކްޝަން ޔުނިޓްގެ މަސައްކަތްތަކާ ގުޅޭ ގޮތުން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްއާރްސީއެމްގެ މެމްބަރު ޑރ. އަހްމަދު އަދުހަމް އަބްދުﷲ ވިދާޅުވި ގޮތުގައި ވިސްލްބްލޯވަ ޕްރޮޓެކްޝަން ޔުނިޓްގެ މަސައްކަތްތައް މިދިޔަ އަހަރު އެކަށީގެންވާ ގޮތަކަށް ކުރިއަކަށް ނުގެންދެވުނެވެ. އެހެންވީ ބަޖެޓެއް ހަމަޖައްސައިދީފައި ނެތުމުންނެވެ.

އޭނާ ވިދާޅުވީ އެ ޔުނިޓަށް މި އަހަރު 1.09 މިލިއަށް ރުފިޔާގެ ބަޖެޓެއް ލިބިފައިވާ ކަމަށާއި އެހެންވެ ޔުނިޓްގެ މަސައްކަތަކަށް ފަސޭހަ ތަކެއް ލިބި މަސައްކަތްތައް ވެސް ފަށާފައިވާ ކަމަށެވެ.

ޔުނިޓުގެ މަސައްކަތް އެހާ ބޮޑަށް އާންމުނަށް އެނގިފައި ނުވާތީ ހޭލުންތެރި ކުރުވަން ތިން ޕްރޮގްރާމެއް އެޗްއާރްސީއެމުން މިހާތަނަށް ކުރިއަށް ގެންގޮސްފައި ވެއެވެ. އެއީ މިދިއަ އަހަރު އައްޑޫ ސިޓީގެ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ހިންގި ޕްރޮގްރާމަކާއި މީރާ އާއި އެޗްއާރްސީއެމްގެ މުވައްޒަފުންނަށް އަމާޒު ކުރި ޕްރޮގްރާމްތަކެއް ކަމަށް ވެސް އަދުހަމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ކޮވިޑާ ގުޅިގެން ހަރަދު ކުރުމުގައި ހިފެހެއްޓުންތަކެއް ހުރުމުން ވިސްލް ބްލޯވާ ޕްރޮޓެކްޝަން ޔުނިޓްގެ މަސައްކަތް ތަކަށް ދަތިތަކެއް ހުރި ކަމަށާއި ނަމަވެސ މިއަހަރަށް ބަޖެޓެއް ލިބިފައިވާތީ ޕްރޮގްރާމްތައް ހިންގާނެ ޕްލޭނެއް އެބައޮތް ކަމަށެވެ. ވަރަށް އަވަހަށް އެ ޕްރޮގްރާމުތައް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް މިހާތަނަށް ހުށަހެޅިފައި ވަނީ އަށް މައްސަލަ އެކެވެ. އޭގެތެރޭގައި ގިނައީ ވަޒީފާއާ ގުޅުން ހުރި މައްސަލަތަކެވެ. އެ ޔުނިޓަށް ހުށަހެޅި އެއްވެސް މައްސަލައަކާ ގުޅިގެން އެއްވެސް މީހަކަށް މިހާތަނަށް ސެކުރިޓީ ފޯރުކޮށްދީފައެއް ނުވެ އެވެ.
އަދުހަމް ވިދާޅުވި ގޮތުގައި އެއީ ހުށަހެޅި މައްސަލަތަކުގައި އެފަދަ ހާލަތެއް ނެތުމުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި، ކޮރަޕްޝަނުން ދައުލަތަށް ލިބޭ ގެއްލުން ކުޑަކޮށް ކޮރަޕްޝަން ހުއްޓުވަން ފެބްރުއަރީ 2019 ގައި ވިސްލްބްލޯވާ ޕޯޓަލެއް ތައާރަފް ކުރި އެވެ. އެއީ ކާކުކަން ނޭނގޭ ގޮތަށް ހިމާޔަތް ލިބިގެން އޮންލައިންކޮށް ރިޕޯޓް ކުރެވޭ ވަސީލަތެކެވެ. އޭގެ ފަހުން ވަނީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނެއް ގެނެސްފަ އެވެ.

އެ ގާނޫނުގެ ދަށުން އައި ވިސްލް ބްލޯ ޕްރޮޓެކްޝަން ޔުނިޓަކީ ގާނޫނޫގެ 23 ވަނަ މާއްދާގެ އަކުރު (ހ) ގެ ދަށުން އުފެއްދި ޔުނިޓެކެވެ. އަބަދުވެސް ކަންކަމުގައި އަމަލު ކުރާ ގޮތުން އާންމުންގެ ފާޑުކިޔުން އަމާޒުވެފައި އޮންނަ އެޗްއާރްސީއެމްގެ ދަށުގައި އޮންނަ މި ޔުނިޓްގެ މައިގަނޑު މަސައްކަތަކީ ވިސްލްބްލޯވާ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދޭން މަސައްކަތް ކޮށް އެ ފަރާތްތަކުން ދޭ މައުލޫމާތުތައް ތަހުގީގީ އިދާރާތަކަށް ފޯރު ކޮށްދިނުމެވެ.