ރައީސް އޮފީސް

ވިސްލްބްލޯވާ ޕޯޓަލަށް ހުށަހެޅި 264 މައްސަލަ އޭސީސީއަށް

ކޮރަޕްޝަނުން ދައުލަތަށް ލިބޭ ގެއްލުން ކުޑަކޮށް ކޮރަޕްޝަން ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުފެއްދެވި ވިސްލްބްލޯވާ ޕޯޓަލަށް ހުށަހެޅުނު 264 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވިސްލްބްލޯވާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ މައްސަލަތަކަށް ބިނާކޮށް މިދިޔަ މަހުގެ ނިޔަލަށް 264 މައްސަލައެއް އޭސީސީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން ބައެއް މައްސަލަ ތަހުގީގު ކުރުމަށް ފަހު އެ މުއައްސަސާއަކަށް އިސްލާހީ ފިޔަވަޅުތައް އެޅުމަށް ލަފާދީފައިވާނެ ކަމަށެވެ.

"ތަހުގީގީ އިދާރާތަކުގެ ލަފަޔަށް ބިނާކޮށް ސިޔާސީ ފަރާތްތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ރައީސް ވަނީ އަޅުއްވާފައި" މަބްރޫކް ވިދާޅުވި އެވެ.

ޕޯޓަލް އިން ފާހަގަވާ ކަންކަމާ މެދު އެކި މުއައްސަސާތަކާއި މަޝްވަރާކޮށް، ސިޔާސަތު ކަނޑައަޅާ މަރުހަލާގައި އަދި ހިންގުމުގެ އެހެން މަރުހަލާތަކުގައި ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ނުސީދާކޮށް ނުވަތަ ނޭނގުމުގެ ތެރެއިން ގޯސްކޮށް ހިނގާފައިވާ ބައެއް މައްސަލަތައް ވެސް ވިސްލްބްލޯވާ ޕޯޓަލް އިން ފާހަގަވެފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަން މުއައްސަސާގެ އިސްވެރިޔާއާ މުއާމަލާތް ކޮށްގެން ހުއްޓުމަކަށް ގެނެެސްފައިވާ ކަމަށެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ކޮރަޕްޝަނުން ދައުލަތަށް ލިބޭ ގެއްލުން ކުޑަކޮށް ކޮރަޕްޝަން ހުއްޓުވަން ފެބްރުއަރީ 2019 ގައި ވިސްލްބްލޯވާ ޕޯޓަލެއް ތައާރަފް ކުރި އެވެ. އެއީ ކާކުކަން ނޭނގޭ ގޮތަށް ހިމާޔަތް ލިބިގެން އޮންލައިންކޮށް ރިޕޯޓް ކުރެވޭ ވަސީލަތެކެވެ.

އޭގެ ފަހުން ވަނީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނެއް ވެސް ވުޖޫދަށް ގެނެސްފަ އެވެ. އެ ގާނޫނުގެ ދަށުން އައި ވިސްލްބްލޯ ޕްރޮޓެކްޝަން ޔުނިޓަކީ ގާނޫނޫގެ 23 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފެއްދި ޔުނިޓެކެވެ.

އެޗްއާރްސީއެމްގެ ދަށުގައި އޮންނަ މި ޔުނިޓްގެ މައިގަނޑު މަސައްކަތަކީ ވިސްލްބްލޯވާ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދޭން މަސައްކަތް ކޮށް އެ ފަރާތްތަކުންދޭ މައުލޫމާތުތައް ތަހުގީގީ އިދާރާތަކަށް ފޯރު ކޮށްދިނުމެވެ.