ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރުންނާ ގުޅޭ ގޮތުން މިފަހުން ފެންމަތިވި މައްސަަލަތައް ބަލަން މަޖިލީހަށް ފޮނުވައިފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މަސައްކަތްތައް ބޮއްސުންލައި ކޮމިޝަންގެ އިދާރާގެ މާހައުލުގައި ފުރައްސާރުން އިންތިހާއަށް ގޮސްފައިވާ ކަމަށް ބުނެ އެ ކޮމިޝަންގެ ގިނަ މުވައްޒަފުންތަކެއް ހިމެނޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށާއި އޭސީސީއަށް ޝަކުވާގެ ސިޓީއެއް މިދިޔަ ފެބްރުއަރީ މަހު އޮތީ ފޮނުވައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ހުށަހެޅުނު ޝަކުވާތައް ބަލަން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް އަންގަަވައި ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީ ފޮނުއްްވީ ކޮން އިރަކު ކަމެއް މަބްރޫކް ވިދާޅެއް ނުވެއެވެ. އެ މައްސަލަ ފެންމަތިވިތާ ދެ މަސްވާން ކައިރިވެފައިވާއިރު އެ މައްސަލަ މަޖިލީހުގެ އެއްވެސް ކޮމެޓީއަކަށް މިހާތަނަށް އެޖެންޑާކޮށްފައެއްވެސް ނުވެ އެވެ.
މިނިވަން މުވައްސަސާތަކުގެ ކޮމެޓީން އެ މައްސަލަ ބަލަަން އެންގެވިޔަސް، ރައީސްވެސް އެ މައްސަލަ މިހާރު ބައްލަވަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އެޗްއާރުސީއެމްގެ މުވައްޒަފުން ހުށެހެޅި ސިޓީގައި 84 މައްސަަލައެއް ފާހަގަކޮށްފައިވާއިރު އެ ކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރި މެމްބަރުންނާއި ސެކެޓްރީ ޖެނެރަލަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފައި ވެއެވެ. އަދި އެ މުވައްޒަފުން އެދިފައި ވަނީ އެ ތުހުމަތުތައް ބަލައި ރަނގަޅަށް ވަޒީފާ އަދާކޮށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމް ކޮށްދޭށެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ އައިމިނަތު ޝިފާތު އަބްދުއް ރައްޒާގާއި މުއުމިނާ ވަހީދުގެ އިތުރުން ޑރ. އަހުމަދު އަދުހަމް އަބްދުﷲ އަދި މަރިޔަމް މުނާ އެވެ. އެ ހަތަރު މެމްބަރުން ވެސް އައްޔަނުކޮށްފައި ވަނީ މި ސަރުކާރު އައި ފަހުންނެވެ. މުވައްޒަފުންގެ ޝަކުވާތަކުގައި ވެސް ބުނަނީ އެ ކޮމިޝަން މަސައްކަތްތައް ބޮއްސުންލައިގެން ދިޔައީ އެ މެމްބަރުންތައް އައްޔަނުކުރި ފަހުން ކަަމަށެވެ.