ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މުވައްޒަފުން އެ ކޮމިޝަންގައި މަސައްކަތް ކުރަނީ އުފަލުން ކަމަށާއި މުވައްޒަފުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ނެތް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެޗްއާރްސީއެމް އިން މިހެން ބުނެފައި މިވަނީ އެކޮމިޝަންގެ މުވައްޒަފުންނަށް ލިބިގެންވާ އަސާސީ ހައްގުތަކާއި އިންސާނީ ކަރާމާތް ގެއްލޭ ގޮތަށް އަދި އިހާނެތިކޮށް ކޮމިޝަންގެ މެންބަރުން، މުވައްޒަފުންނާ މެދު އަމަލުކުރަމުންދާ ކަމަށް ބުނެ އެ މައްސަލަ ރައީސް އޮފީހާއި މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށެވެ.
މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ކޮމިޝަންގެ މެންބަރު މަރިޔަމް މުނާ ވިދާޅުވީ އެޗްއާރްސީއެމްގެ މުވައްޒަފުންނާ ގުޅޭގޮތުން މީޑިއާގައި ރިޕޯޓް ކުރަމުންދާ ހަބަރުތަކާ ގުޅިގެން ކޮމިޝަންގެ މެންބަރުން، މުވައްޒަފުންނާ ބައްދަލުކުރައްވާ ކަންބޮޑުވުންތައް އޮޅުންފިލުއްވަން މަސައްކަތް ކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ކޮމިޝަންގައި މައްސަލައެއް އުޅޭ ކަމަށް މުވައްޒަފުން ބުނެފައި ނުވާ ކަމަށާއި އަދި އެ މީހުން ތަނުގައި މަސައްކަތް ކުރަނީ އުފަލާއި ހިތްހަމަޖެހުމާ އެކު ކަމަށް މުވައްޒަފުން ބުނެފައިވާ ކަމަށެވެ.
"އަނެއްކާ ކޮމިޝަންގެ މިފަދަ ބައްދަލުވުންތަކަކީ ރެކޯޑް ވެސް ކުރެވިގެން ބާއްވާ ބައްދަލުވުންތަކެއް. މުވައްޒަފުން މައްސަލައެއް ނޫޅޭ ކަމަށް ބުނާނަމަ އަޅުގަނޑުމެން އެކަން ހައްލުކުރާނެ ގޮތެއް ނޭނގޭ. އަނެއްކާ އެޗްއާރްސީއެމްގެ މުވައްޒަފުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓް ކުރާއިރު އަޅުގަނޑުމެންނަށް އެ މުވައްޒަފުން އެނގިގެން ދެއްތޯ އެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރެވޭނީ ވެސް،" މުނާ ވިދާޅުވި އެވެ.
އެޗްއާރްސީއެމްގެ ރައީސް ކަމަށް އައްޔަންކުރަން މަޖިލީހުގެ ކޮމިޓީން ރުހުން ދީފައިވާ މުނާ ވިދާޅުވީ އެޗްއާރްސީއެމްގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކޮށްފައިވީ ނަމަވެސް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަޒީފާ އިން ވަކިކުރީ ތިން މުވައްޒަފުން ކަމަށެވެ. އިތުރު ބައެއް މުވައްޒަފުން ވަޒީފާ ދޫކޮށްލީ ކޮމިޝަނުން ކުރަމުންދާ ޒާތުގެ މަސައްކަތް ކުރާ އެހެން އިދާރާތަކުން ރަނގަޅު މުސާރައާއި ވަޒީފާގެ ރަނގަޅު ފުރުސަތު ލިބުމުން ކަމުގައިވެސް ވިދާޅުވި އެވެ.
"އެޗްއާރްސީއެމްގެ ޕްރޮމޯޝަން ދިނުމުގެ އޮނިގަނޑު އޮންނަ ގޮތުން ނޯވޭ މުވައްޒަފަކު ތައުލީމީ ގޮތުން ޑިގްރީ އެއް ނުވަތަ މާސްޓާޒް އެއް ހޯދިޔަސް ވަޒީފާގެ ކުރިއެރުން ދެވޭކަށް. މިތަނުގައި މުވައްޒަފަކު ހުންނަ މަގާމަށް ވުރެ މަތީ މަގާކަށް ފުރުސަތު ހުޅުވާލުމުން މިތަނުން އެބަ ކުރިމަތިލާ ދިހަ ބާރަ މުވައްޒަފުން ވެސް. އެކަމަކު ހުރިހާ މުވައްޒަފުން ނެގޭނެ ގޮތެއް ނޯންނާނެ ނޫންތޯ؟ ދެން، ތިން މުވައްޒަފަކު ވަޒީފާ އިން ވަކިކުރަން ނިންމީ މިތަނުގެ ލިޔުންތަކެއް ނައްތާލަން އުޅުމުން. އެހެންވީ ކަނޑާލި ކަމަށް އެ ބުނާ މުވައްޒަފުންގެ އަދަދު ރަނގަޅެއް ނޫން،" މުނާ ވިދާޅުވި އެެވެ.
ވަޒީފާގެ އެއްބަސްވުމާ ހިލާފަށް މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާ ކަމަށް ބުނާ މައްސަލާގައި މުނާ ވިދާޅުވީ އެޗްއާރްސީއެމްގެ ކޮންމެ މުވައްޒަފަކީ އިންސާނީ ހައްގުގެ ދާއިރާ އިން ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރަން ޝައުގު ހުންނަ އަދި އެކަމުގައި އުޅެވޭ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އެގޮތުން އެޗްއާރްސީއެމްގެ މަސައްކަތްތަކާއި ގުޅޭގޮތުން މާލެއާއި އަތޮޅު ތަކުގައި ހިންގާ ހަރަކާތްތަކާއި ފޯރަމްތަކުގައި ބައެއް ފަހަރު މުވައްޒަފުން ގިނަ ވަގުތުތަކަކު އުޅެންޖެހިފައި ހުރެ ދާނެ ކަމަށެވެ. އެކަމަކު އެފަދަ ގޮތަކަށް މުވައްޒަފަކު މަސައްކަތް ކުރަންޖެހިއްޖެނަމަ ކަނޑައެޅިފައި އޮންނަ އެލަވަންސްތައް މުވައްޒަފުންނަށް ލިބޭނެ ކަމުގެ ޔަގީންކަން މުނާ ދެއްވެވި އެވެ.
ކޮމިޝަންގެ މެންބަރުން، މުވައްޒަފުންނާ ވާހަކަދައްކަވާއިރު އަހްލާގީ މިންގަނޑުން ބޭރުވެ، މުވައްޒަފުން ނިކަމެތިކޮށްލާ ކަމަށް ކުރެވޭ ތުހުމަތުތައް ވެސް މުނާ ދޮގުކުރެއްވި އެވެ. މުވައްޒަފެއްގެ އިހްމާލުން ކަމެއް ގޯސްކޮށް ދާނަމަ އެކަމެއް އިސްލާހުކުރަން އެ މުވައްޒަފަކާ ވާހަކަދެއްކުމަކީ ދެރަކޮށްލުން ނޫން ކަމަށްވެސް ވިދާޅުވި އެވެ.
މުނާ އިތުރަށް ވިދާޅުވީ އެޗްއާރްސީއެމްއާ އެ ބޭފުޅުން ހަވާލުވިއިރު ގާނޫނީ ގޮތުން އެ ކޮމިޝަނުން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް ހުރީ ނުކުރެވި ގިނަވެފައި ކަމަށެވެ. އެހެންވެ އެ ބޭފުޅުން ކޮމިޝަނާ ހަވާލުވެ ވަކި އަމާޒުތަކެއް ކަނޑައަޅައިގެން މަސައްކަތްތައް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ކުރިން ވަކި އަމާޒެއް ނެތި މަސައްކަތް ކުރި ބަޔަކަށް ވަކި ގޮތަކަށް މަސައްކަތް ކުރަންޖެހުނީމާ ވެސް އުދަނގޫ ގޮތެއް އިހްސާސް ވެދާނެ. އެކަމަކު ކޮމިޝަންގައި މުވައްޒަފުން މަސައްކަތް ކުރަނީ ހިތްހަމަޖެހިގެން،" މުނާ ވިދާޅުވި އެވެ.