އިންޑިއާގެ ކޮމެޑީގެ ދުނިޔޭގައި ރަސްކަން ކުރާ ދެ ފަންނާނުން ކަމަށްވާ ކަޕިލް ޝަރުމާ އާއި ސުނިލް ގްރޯވަރު މަޝްހޫރުވީ "ކޮމެޑީ ނައިޓްސް ވިތު ކަޕިލް" ގައި އެކުގައި މަސައްކަތްކުރި ދުވަސްވަރު އެވެ. އޭގެ އެތައް އަހަރެއް ފަހުން ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ވެސް މި ދެ ކޮމޭޑިއަން މަސައްކަތް ކުރީ އެކުގަ އެވެ. ނަމަވެސް ވަކި ހިސާބަކުން ދެ މީހުންގެ މެދުގައި މައްސަލަތަކެއް ޖެހި ސުނިލް ޝޯ އިން ވަކިވީ އެވެ.
ހަގީގަތުގައި ކަޕިލްގެ ޝޯގެ މަގްބޫލުކަން އިތުރު ވެގެން ދިޔައީ ކަޕިލް އާއި ސުނިލްގެ މޮޅު ކަމުންނެވެ. އެތަނުން އެކަކު ވެސް ޝޯގައި ނެތުމަކީ ޝޯއަށް ލިބުނު އުނި ކަމަށް ވިއެވެ. އަދި ބެލުންތެރިންގެ މަގްބޫލު ކަން ވެސް ކޮންމެ ވެސް ވަރަކަށް ގެއްލިގެން ދިޔަ ސަބަބަކަށް ސުނިލް ޝޯ އިން ވަކިވުން ވެގެން ދިޔަ އެވެ.
ސުނިލް މީގެ ކުރިން އަބަދުވެސް ބުނަމުން ދިޔައީ ކަޕިލް އާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. ނަމަވެސް މިހާރު އޭނާ ދައްކާ ވާހަކަ ތަކުން އަލުން ކަޕިލްގެ ޝޯގައި ބައިވެރި ވެދާނެ ކަމުގެ ނިޝާންތަކެއް ވަނީ ފެނިފަ އެވެ.
ސުނިލް ވަރަށް ފަހުން އިންޑިއާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނީ މި ވަގުތަށް އަދި އޭނާ އާއި ކަޕިލް އެކުގައި މަސައްކަތް ކުރުމުގެ ޕްލޭނެއް ނެތް ނަމަވެސް ކުރިމަގުގައި އެފަދަ ރަނގަޅު ފުރުސަތެއް ލިބިއްޖެނަމަ ޔަގީނުން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ކަޕިލް އާއި ސުނިލްގެ ރުޅިވެރިކަން ފެށުނީ 2017 ގައި ދެ މީހުން ކޮމެޑީ ޝޯތަކެއް ބާއްވަން އޮސްޓްރޭލިޔާ އަށް ކުރި ދަތުރެއް ނިންމާފައި އެނބުރި އައި ފްލައިޓު މަތީގަ އެވެ. އޭގެ ފަހުން ދެ އަހަރެއްހާ ދުވަހު ދެ މީހުން ވަރަށް ރުޅިން އުޅުމަށް ފަހު މަޑުމަޑުން ގުޅުން ރަނގަޅު ވަމުން އައިސް މިހާރު އަނެއްކާ ވެސް ކުރީގަ އޮތް އެކުވެރިކަން ދެ މީހުންގެ މެދުގައި އަލުން ވަނީ އުފެދިފަ އެވެ.
ކަޕިލްގެ ޝޯ މިދިޔަ ޖެނުއަރީ މަހު ވަނީ މެދުކަނޑާލާފަ އެވެ. ޝޯގެ ޝޫޓިންގްގައި އޯޑިއަންސް އަށް ބައިވެރި ނުވެވޭތީ ޝޯއަށް ލިބޭ ފަޅުކަން ފޫނުބެއްދިގެންނެވެ. ނަމަވެސް މި ޝޯގެ އާ ސީޒަނެއް ފަށަން އުޅޭކަމުގެ އިޝާރާތެއް ކަޕިލް އާއި ޝޯގެ މުހިއްމު އެހެން ބައިވެރިއެއް ކަމަށްވާ ކްރުޝްނާ އަބީޝެކް ވެސް ދާދިފަހުން ވަނީ ދީފަ އެވެ. ނަމަވެސް ޝޯގެ ޝޫޓިން ފަށާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.
އާ ސީޒަންގައި ކަޕިލް އާއެކު ސުނިލް ބައިވެރިވެއްޖެނަމަ އެއީ މި ޝޯގެ ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެ އެވެ. އަދި ޝޯގެ މަގްބޫލުކަން އަނެއްކާވެސް ވަރަށް މައްޗަށް ދާނެ ސަބަބަކަށް ވެސް މިކަން ވާނެ އެވެ.