ލައިފްސްޓައިލް

ކަޕިލް ޝަރުމާ ޝޯގެ ސުގަންދާ އާއި ސަންކޭތު ކައިވެނިކުރަނީ

ސޮނީ ޓީވީގެ މަޝްހޫރު ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ގެއްވާ މަޖާ ބައިތަކެއް ކުޅެފައިވާ ދެ ކޮމޭޑިއަނުން ކަމަށްވާ ސުގަންދާ މިޝްރާ އާއި ސަންކޭތު ބޯސްލޭ ކައިވެނި ކުރަން ތައްޔާރު ވެއްޖެ އެވެ.

ކަޕިލްގެ ޝޯގައި ދެ އެކްޓަރުން ބައިވެރިވާން ފެށީއްސުރެ ވެސް އެމީހުން ރައްޓެހި ވެގެން އުޅޭ ކަމުގެ ވާހަކަތައް ތުންތުންމަތިން ދެކެވެމުން އައިސްފައި ވެއެވެ. ނަމަވެސް ކައިވެނި އިއުލާން ކުރުމާ ހަމައަށް ސުގަންދާ އާއި ސަންކޭތު ބުނަމުން ދިޔައީ އެމީހުންގެ މެދުގައި އޮންނަނީ ގާތް އެކުވެރިކަން ކަމަށާއި ލޯބީގެ ގޮތުން ގުޅިގެން ނޫޅޭ ކަމަށެވެ.

މި ދެ ކޮމޭޑިއަނުންގެ ގާތް އެކުވެރިން ބުނާ ގޮތުގައި 2017 އިން ފެށިގެން ދެ މީހުން އުޅެނީ ރައްޓެހި ވެގެންނެވެ. ނަމަވެސް ކައިވެނި ހަމަނުޖެހޭތީ އެ ވާހަކަ މީޑިއާއަށް ހާމަ ނުކުރީ އެވެ.

ކައިވެނި ހަމަޖެހުމަށްފަހު ސުގަންދާ އާއި ސަންކިތު ވަނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން މި ވާހަކަ ޝެއާ ކޮށްފަ އެވެ. ދެ މީހުން އެކުގައި ވަރަށް ލޯބިން ތިއްބާ ފެންނަ ފޮޓޯއަކާއެކު ސުގަންދާ ޝެއާ ކުރި މެސެޖުގައި އަނގޮޓިއެއްގެ އީމޯޖީ އަކާއެކު "އަބަދަށްޓަކައި ޑރ. ސަންކޭތުގެ" މިހެން ލިޔެފައި ވެއެވެ. ސަންކޭތު އަކީ ކޮމޭޑިއަން އެއްގެ އިތުރުން ޕްރޮފެޝަނަލް ޑޮކްޓަރެކެވެ.

ސަންކޭތު ޝެއާ ކުރި ޕޯސްޓުގައި "އަހަރެންގެ ސަންޝައިން ލިބިއްޖޭ،" ބުނެ ސުގަންދާ ޓެގް ކޮށްފައި ވެއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ސުގަންދާ އާއި ސަންކީތުގެ ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ މި ހިނގާ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ޕަންޖާބުގެ ޖަލަންދަރުގަ އެވެ. އެއީ ސުގަންދާގެ އުފަން ރަށެވެ.

އެންގޭޖްމަންޓާއި ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ އެއް ދުވަހު ކަމަށާއި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ގިނަވެފައިވާތީ މި ރަސްމިއްޔާތުގައި ބައިވެރިކުރާނީ ވަރަށް މަދު ބަޔަކު ކަމަށް މި ދެ މީހުންގެ އެކުވެރިއަކު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.