ދިހަ މެޗަށް ފަހު ޕެރޫ އިން ކޮލަމްބިއާ ބަލިކޮށްފި އެވެ. ބްރެޒިލްގެ އެސްޓާޑިއޯ އޮލިމްޕިކޯ ޕެޑްރޯ ލުޑޯވިކޯ ސްޓޭޑިއަމްގައި ޕެރޫ އާއި ކޮލަމްބިއާ ބައްދަލު ކުރި މެޗު ޕެރޫ އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލު ކުރި 10 މެޗުންވެސް ކޮލަމްބިއާ ބަލި ވެފައެއް ނުވެ އެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ވެސް ޕެރޫ އިންނެވެ. އޭރިއާ ބޭރުން އާދައިގެ ވަރަކަށް ޔޮޝިމާ ޔޮޓޫން ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނުގައި ޖެހިފައި ނިކުތުމުން އެ ބޯޅަ ގޯލުގެ ފަހަތު ދާގަނޑަށް ފޮނުވާލީ ސާޖިއޯ ޕެނާ އެވެ.
ނަތީޖާ ހަމަ ކުރަން ފުރަތަމަ ހާފުގައި ކޮލަމްބިއާ އަށް ރަނގަޅު ފުރުސަތު ތަކެއް ލިބުނު ނަމަވެސް ވަނީ ބޭކާރުވެފަ އެވެ. އެގޮތުން ޕެރޫގެ ޕެނަލްޓީ އޭރިއާ ތެރެއިން މިގުއެލް ބޯޖާ ފޮނުވާލި ބޯޅަ ދިޔައީ ޕެރޫ ގޯލުގެ ދަނޑިމަތިން ބޭރަށެވެ. އޭނާ އަށް މި މެޗުގައި ވަނީ ގިނަ ފުރުސަތު ތަކެއް ލިބި އޭގެ ބޭނުން ނުހިފިފަ އެވެ.
މެޗުން ބަލިވި ނަމަވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ކޮލަމްބިއާ އިން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އޭގެ ފަހުން މެޗުން މޮޅުވަން ރަނގަޅު ފުރުސަތެއް ވެސް ލިބުނެވެ.
މެޗުން އެއްވަރުކޮށް މާ ގިނައިރަކު ކޮލަމްބިއާ އަށް ކެތްކޮށްލެވޭ ގޮތެއްނުވި އެވެ. މެޗުގެ 64 ވަނަ މިނެޓުގައި ޕެރޫއިން ނެގި ހުރަހެއް ކޮލަމްބިއާގެ ޔެރީ މިނާގެ މޭގައި ޖެހިފައި ވަނީ ބައިކޮޅަށް ވަދެފަ އެވެ. ގޯލަށް ވަނަ ނުދީ ހިފެހެއްޓުމަށް ވެއްޓިގެންފައި ކީޕަރު ޑޭވިޑް އޮސްޕިނާ އެބޯޅަ ބޭރަށް ފޮނުވާލި ނަމަވެސް އޭރު ބޯޅަ އޮތީ ލައިނު ހުރަސްކޮށް ގޯލުގެ ތެރޭގަ އެވެ.
އޭގެ ފަހުން ނަތީޖާ ހަމަ ކުރުމަށް ބޯޖާ އަށް ލިބުނު ފުރުސަތު ވަނީ ބޭކާރުވެފަ އެވެ. ކޮލަމްބިއާ އިން ނެގި ކޯނަރު ބޯޖާގެ ބޮލުން ޖަހާ ގޯލަށް ފޮނުވާލި ނަމަވެސް ޕެރޫގެ ކީޕަރު ވަނީ ހުށިޔާރު ކަމާއެކު ބޯޅަ ދިފާއު ކޮށްފަ އެވެ. މި މެޗުގައި އެންމެ ގިނަ ފުރުސަތު ލިބި ބޭނުން ނުހިފުނީ ކޮލަމްބިއާގެ 19 ނަންބަރު ބޯޖާ އަށެވެ.
މި ނަތީޖާ އާއިއެކު ޕެރޫ އިން ވަނީ ދެ މެޗު ކުޅެ ތިން ޕޮއިންޓާއި އެކު ގްރޫޕް އޭގެ ތިން ވަނައަށް އަރާފަ އެވެ. އެއް މެޗު އިތުރަށް ކުޅެ ކޮލަމްބިއާ އޮތީ ހަތަރު ޕޮއިންޓާއި އެކު ދެ ވަނައިގަ އެވެ. ރޭ އެކުއާޑޯ އާއި ބައްދަލު ކުރި މެޗުން އެއްވަރުވެ ވެނެޒުއެލާ އޮތީ ދެ ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ. އެންމެ ޕޮއިންޓަކާއި އެކު ގްރޫޕުގެ ފުލުގައި އޮތީ އެކުއާޑޯ އެވެ.