މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކޮންޓެއިނާ ފެރީގެ ހިދުމަތް ފެށުން ފަސް ކޮށްފި އެވެ.
ކޮންޓެއިނާ ފެރީގެ ހިދުމަތަކީ އެމްޕީއެލުން ހިންގާ މާލޭގެ ވިޔަފާރި ބަނދަރަށް ގެންނަ މުދާ އަތޮޅުތަކުގެ ތެރެއަށް ގެންދަން އަމާޒުކޮށްގެން ފަށާ ހިދުމަތެކެވެ. މި ހިދުމަތް ފަށަން އެކަމަށް ހާއްސަ ލޭންޑިން ކްރާފްޓެއް ވެސް ވަނީ ހޯދާފަ އެވެ. އަދި އެމްޕީއެލް އިން މިދިޔަ މެއި މަހުގެ ފުރަތަމަ ހަފުތާގައި ވަނީ މި ޖޫން މަހުގެ ތެރޭގައި ކޮންޓެއިނާ ފެރީގެ ހިދުމަތް ފަށާނެ ކަމަށް އިއުލާން ކޮށްފަ އެވެ.
މިއަދު އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ކޮންޓެއިނާ ފެރީގެ ހިދުމަތް ފެށުން މިހާރު ފަސް ކޮށްފައިވާ ކަމަށެވެ. އެ ހިދުމަތް ދެން ފަށާނެ ވަކި ތާރީހެއް ނުދެއްވަ އެވެ.
ޝާހިދު ވިދާޅުވީ ކޮވިޑް-19 އިގެ ސަބަބުން އަޅާފައިވާ ފިޔަވަޅު ތަކާއި ގުޅިގެން ރާއްޖޭން ބޭރުން ކޮންޓޭނަރު ގެންނަ އަދަދު ދަށްވެފައިވާ ކަމަށާއި މިފަދަ ވަގުތެއްގައި ކޮންޓެއިނާ ފެރީ ހިދުމަތް ފެށުމަކީ މާލީ ގޮތުން ފައިދާއެއް އޮތް ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އެހެންނަމަވެސް މި ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެގެން އަޅުގަނޑުމެން މިތިބީ. މި ވަގުތަށް އޮތް ދައްޗަކީ މިވަގުތު ހިދުމަތް ފަށައިފިނަމަ ކޮވިޑްގެ މިހާލަތުގެ ސަބަބުން ގެއްލުން ވެދާނެ ކަމަށް ފެނުން" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ކުރިން ކުޅުދުއްފުށި އަދި އައްޑޫގައި ހިންގާ އެމްޕީއެލްގެ ދެ ބަނދަރަށް ގިނަަ ކޮންޓޭނަރުތަކެއް ގެންދިޔަ އެވެ. ނަމަވެސް މިހާރު އެ ދެ ބަނދަރަށް ގެންދާ ކޮންޓެއިނަރުގެ އަދަދު މަދެވެ.
ކޮންޓެއިނާ ފެރީގެ ހިދުމަތް ފަށައިގަންނައިރު އައްޑޫއާއި ކުޅުދުއްފުށީގެ އިތުރުން ގދ. ތިނަދޫ ބަނދަރަށް ވެސް ހިދުމަތް ފަށަން އެމްޕީއެލް އިން ވަނީ ނިންމާފަ އެވެ. އަދި ތިނަދޫއަށް ކޮންޓެއިނަރު އުފުލައި ބޭލޭނެ އަދި ކޮންޓެއިނަރުތައް ބަހައްޓާނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އެމްޕީއެލް އިން ވަނީ މަސައްކަތްތައް ފަށާފަ އެވެ.
ކޮންޓެއިނާ ފެރީގެ ހިދުމަތް ފެށުމަށް ނިންމާފައިވަނީ ޝެޑިއުލް ކޮށްގެން ފޯރުކޮށްދޭ ހިދުމަތެއްގެ ގޮތުގަ އެވެ.
"އަޅުގަނޑުމެންނަށް މިކަމަށް ތަރުހީބު ލިބޭ ވަރު ބަލާފައި އަދި ކޮންޓެއިނާ ލިބޭ އަދަދަށް ބަލާފައި މި ހިދުމަތް ފުޅާކުރަމުން ގެންދާނަން. މިކަމަށް އަޅުގަނޑުމެންގެ ހާއްސަ ޕްލޭނެއް އެބައޮތް. މިއީ ކުރެވޭނެ ކަމެއް ކަމަށް ވާނަމަ ހިދުމަތް ފުޅާކުރަމުން ދާނަން،" ހިދުމަތް ތަރައްގީ ކުރަން ވިސްނާ ގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރުން އަތޮޅުތަކަށް މުދާ ގެންދިއުމުގައި އަމިއްލަ ފަރާތްތަކުން ހަރަކާތްތެރިވާއިރު ފުދޭ ވަރެއްގެ ބޮޑު ފީއެއް މުދާ ގެންދިއުމަށް ނަގާ ކަމަށެވެ. އެކަމަކު އެމްޕީއެލްގެ ކޮންޓެއިނާ ފެރީގެ ހިދުމަތް ފެށުމާ އެކު އަތޮޅުތަކަށް މުދާ ގެންދިއުމަށް ވިޔަފާރިވެރިން މިހާރު ކުރާ ހޭދަ ވަރަށް ބޮޑަށް ދަށްކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
އެމްޕީއެލް އިން ކޮންޓެއިނާ ފެރީގެ ހިދުމަތް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ މާލޭގެ ވިޔަފާރި ބަނދަރަށް ގެންނަ މުދާ އަތޮޅުތަކަށް ގެންދިއުމަށް ދަތިތަކެއް ހުރުމުން ވިޔަފާރިވެރިންނަށް ފަސޭހަކޮށްދީ މުދަލުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމެވެ.