ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އެމެޖެންސީކޮށް ބޭނުން ކުރުމަށް އެސްޓްރާޒެނެކާ ވެކްސިން ޖަހަން ހުއްދަ ދީފި

އެމެޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް އެސްޓްރާޒެނެކާ ވެކްސިން ޖަހަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފި އެވެ. މިއީ ރާއްޖޭގައި ޖެހުމަށް ހުއްދަ ދިން ފަސް ވަނަ ވެކްސިނެވެ.

އެސްޓްރާޒެނެކާ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ އެމްއެފްޑީއޭ އިން ދީފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

އެމްއެފްޑީއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެސްޓްރާޒެނެކާ ވެކްސިނަށް ހުއްދަ ދީފައިވާނީ ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް އިމަޖެންސީ ހާލަތްތަކުގައި ބޭނުން ކުރުމަށް ކަމަށެވެ. އެ ވެކްސިން ޖެހޭނީ އުމުރުން 18 އަހަރުން މަތީ މީހުންނަށެވެ.

ރާއްޖޭގައި އެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނީ، ފުރިހަމަ ކުރަންޖެހޭ ހުރިހާ ލިޔެކިޔުންތައް ފުރިހަމަ ކޮށް ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކުގައި ކަމަށް ބަޔާނުގައިވެ އެވެ.

އެސްޓްރާޒެނެކާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އެމަޖެންސީ ޔޫޒް ލިސްޓްގައި ހިމެނޭ ވެކްސިނެކެވެ. އަދި މިހާތަނަށް 115 ގައުމެއްގައި އެމަޖެންސީ ޔޫޒް އެޕްރޫވަލް ލިބި އެ ވެކްސިން ދަނީ ބޭނުން ކުރަމުން ނެވެ.

ވެކްސިން ބަހައްޓަންޖެހެނީ 8 - 2 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގަ އެވެ. އެހެންވެ އެމްއެފްޑީއޭ އިން ވެކްސިނަށް ހުއްދަ ދީފައިވާނީ ވެކްސިން ރާއްޖެ އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހު އަދި ވެކްސިން ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެން ކަމަށް ބަޔާނުގައިވެ އެވެ. އަދި އެމްއެފްޑީއޭ އާއި ހެލްތް މިނިސްޓްރީ އަދި އެޗްޕީއޭ ގުޅިގެން އެސްޓްރާޒެނެކާ ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓާކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އާންމު ގޮތެއްގައި ކޮންމެ ވެކްސިނަކީ ވެސް، ބޭނުންކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ފެންނަ އެއްޗެކެވެ. އެހެންކަމުން އެ ވެކްސިން މީހުންނަށް ދިނުމަށްފަހު ދިމާވެދާނެ ކަންކަން ގާތުން ބަލަމުންދާނެ ކަމަށްވެސް ބުނެ އެވެ.

މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯހިލް ވިދާޅުވެފައިވަނީ ސަރުކާރުން ގަންނަން ހުށަހަޅާފައިވާ އެސްޓްރާޒެނެކާ ވެކްސިން ޑޯޒު ތަކުގެ ތެރެއިން ފަސް ލައްކަ ޑޯޒް މި މަހުގެ ތެރޭގައި ލިބޭނެ ކަމަށެވެ. މި މަހުގެ ބާކީ ދެން އޮތީ ނުވަ ދުވަސް ކަމުގައި ވާއިރު އަދި ވެކްސިން ރާއްޖެ ގެނެސްފައެއް ނުވެ އެވެ.

ރާއްޖޭގައި ފަސް ވެކްސިނަކަށް ހުއްދަ ދީފައިވީ ނަމަވެސް، ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުންކުރަނީ ތިން ވެކްސިނެކެވެ. އެގޮތުން އެންމެ ފުރަތަމަ ދޭން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. އެއީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. ދެވަނައަށް ދޭން ފެށީ ޗައިނާގެ ސިނޮފާމް ވެކްސިނެވެ. އެ ވެކްސިން ދޭން ފެށީ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެނެވެ. ތިންވަނަ އަށް ދޭން ފެށީ ފައިޒާ-ބަޔޯންޓެކް ވެކްސިނެވެ. އެ ވެކްސިން ދޭން ފަށާފައިވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އެވެ.

ރާއްޖޭގެ އާބާދީގައި ހިމެނޭ 313،156 މީހުން ކޮވިޑް 19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 182،715 މީހުން ވަނީ ވެކްސިން ދެވަނަ ޑޯޒް ޖަހާފަ އެވެ.