ރައްޔިތުންގެ މަޖިލިސް

ހިސާން ބިލާ ދެކޮޅަށް 100 ކައުންސިލް، 509 ކައުންސިލަރުން

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި އަދި "ހިސާން ބިލް" ގެ ގޮތުގައި މަޝްހުރު ވެފައިވާ ބިލާ ދެކޮޅު ހެދުން ބޮޑުވެފައިވަނިކޮށް 100 ކައުންސިލަކުން އެ ބިލް ފާސްނުކުރުމަށް ގޮވާލާ ބަޔާންތަކެއް ނެރެފި އެވެ.

ކައުންސިލުތަކުން ވަކިވަކިން ނެރުނު ބަޔާންތަކުގައި ވަނީ އެ ބިލްގެ ނުރައްކާތެރިކަން ފާހަގަކޮށްފައެވެ. އަދި ދާއިރާގެ މެންބަރާއި މުޅި މަޖިލީހަށް އެ ބިލް ފާސްނުކުރުމަށް އިލްތިމާސްކޮށްފަައިވެއެވެ.

ބިލު ފާސްކުރުމާއި ދެކޮޅަށް 100 ރަށެއްގެ ކައުންސިލުން ބަޔާން ނެރެފައިވާއިރު ސިޓީ ކައުންސިލުތަކުގެ ތެރެއިން މާލެ ސިޓީންވެސް ވަނީ ބަޔާން ނެރެފައެވެ. އަދި ތިން އަތޮޅެއްގެ އަތޮޅު ކައުންސިލުންވެސް ބަޔާން ނެރެފައިވެއެވެ. އެކު ޖުމްލަ 104 ކައުންސިލަކުން 509 ކައުންސިލަރުން ބަޔާންތަކުގައި ސޮއިކޮށްފައިވެއެވެ.

ގާނޫނުލް އުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދަން ގޮވާލައި ދިވެހިރާއްޖޭގެ 101 ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއްވެސް ވަނީ ހުށައަޅާފައެވެ.

އިލްމުވެރިންގެ ޕެޓިޝަންގައި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކަކީ ގޯސް ކަންތައްތައް ކަން ބަޔާންކޮށް އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާންމުން ހޭލުންތެރި ކުރަން ދީނީ އިލްމުވެރިންނާއި އެނޫން އާއްމު ރައްޔިތުންނަށް އެކީއެކަށް ހުރަސް އެޅި ބަންދު ވެގެން ދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަދި ސެކިއުލާ ހަރަކާތްތައް ރާއްޖޭގައި ވަރުގަދަ ކުރުމަށް ބައިނަލްއަގްވާމީ ޖަމާއަތްތަކާ ގުޅިގެން އެކި ޖަމާއަތްތަކުން ހިންގާ ޖަރީމާތަކާ ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާ މައްސަލަތައް ކުރިއަށް ނުގޮސް އޮތްކަން ފާހަގަކޮށް އެގޮތަށް އެކަން ހިނގާ ވަގުތެއްގައި ދީނާ ދެކޮޅު ޖަރީމާތައް ހިންގާ މީހުންނާމެދު އިލްމުވެރިންނާއި ދީނަށް ޣީރަތްތެރިކަން ހުންނަ އާންމުންގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން، މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި ތެދުވާ މީހުންގެ މައްޗަށް ދައުވާ އުފުލޭ ގޮތަށް އޮތުމަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގައުމިއްޔަތާ ހިލާފު ކަމެއް ކަމަށް ބުނެފައި ވެއެވެ.

"ހިސާން ބިލު" ގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.

ހަމަ އެހެންމެ އާންމުތަނެއްގައި މުސްލިމަކު ކާފަރު ކުރުން ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ވާނެ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ

އަދި މިކަންކަމުގެ ނުރައްކާ ކުރިމަތިވާނީ މިހާރު ވެރިކަމުގައި ހުންނެވި ފަރާތަކަށާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަމަށްވާތީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ނަންގަވައި ދެއްވުމަށް ރާއްޖޭގެ ދީނީ އިލުމުވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރައްވާފައެވެ.

އިލްމުވެރިންގެ ޕެޓިޝަންގައި ބުނެފައި ވަނީ ބިލުގެ ބޭނުން ނުރަނގަޅު ގޮތަކަށް ނުހިފާނެ ކަމުގެ ޔަގީންކަން މިހާރު ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެރުއްވި ކަމުގައިވިޔަސް އެހެން ބަޔަކަށް ބާރުތައް ލިބިއްޖެނަމަ އެގޮތަށް އެކަން ނުހިނގާނެ ކަމުގެ ޔަގީންކަން ނޯންނާނެތީ އެފަދަ ކަމަކަށް މަގުފަހި ނުކުރެއްވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އަދި ބިލުގައި ހިމެނިފައިވާ އަސާސީ ކަންކަމަކީ އެކަންކަމަށް އިސްލާހުތަކެއް ގެނެސްގެން ވެސް ފާސް ކުރުމަށް އިސްލާމީ މުޖުތަމައަކަށް އެއްވެސް މަސްލަހަތެއް އޮތް ކަންކަން ކަމުގައި ނުވާތީ އާއި އޭގެ ސަބަބުން ލިބިގެން ދާނީ ފޫނުބެއްދޭ ފަދަ ގެއްލުންތަކެއް ކަމުގައި ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިންހެން އެއްބަސްވެވަޑައިގަންނަވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

މުސްލިމަކު ކާފަރުކޮށް އެ މީހާއާމެދު އަނިޔާވެރި ވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއަށް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.

ހިސާން ބިލާ އެކޮޅު ޕެޓިޝަނެއް ހަދާ ސޮއިކުރަންވެސް ވަނީ ފަށާފައެވެ. އެ ޕެޓިޝަނުގައި ބުނެފައިވަނީ ބޭނުމަކީ މީހުންނަށް ލާދީނީ އަދި ކާފަރަށް ގޮވުން ހުއްޓުވުން ކަމަށެވެ. އެގޮތަށް މީހުން ލޭބަލްކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ފާއިތުވި 10 އަހަރުގެ ތެރޭގައި ލޭއޮހޮރުވުން ހިނގައި އެތައް ބައެއްގެ ދިރިއުޅުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

މި ޕެޓިޝަން ޓްވީޓް ކުރެއްވުމަށްފަހު ނަފްރަތު އުފެެއްދުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށް މި ޕެޓިޝަނުގައި ސޮއި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.