ރައްޔިތުންގެ މަޖިލިސް

ޕްރެޝަރުކޮށް ނަފުރަތުގެ ބިލް އެޖެންޑާއިން ނަގުވައިފި

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ފަހު ނަގަައިފި އެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާއަށް އެ ބިލް ލާފަައިވަނީ ކޮމެޓީން މިދިޔަ ހަފްތާގައި ބިލްގެ މަސައްކަތް ނިންމުމުންނެވެ. ނަމަވެސް މިއަދުގެ ވަގުތެއްގައި މި ބިލަށް ވަނީ ބޮޑެތި އިސްލާހުތަކެއް ހުށައަޅާފައެވެ. އެ އިސްލާހުތައް އެމްޑީޕީގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށައެޅުއްވީ ސަރުކާރުން އެދުނު ގޮތަށް ކޮމެޓީ މަރުހަލާގައި ބަދަލު ނުގެނެސް ބިލްގެ މަސައްކަތް ނިންމުމުންނެވެ.

މި ބިލަށް ގެނަންޖެހޭ މުހިންމު އިސްލާހުތަކެއް އިސްލާމިކް މިނިސްޓްރީ އާއި ހިއުމަންރައިޓްސް ކޮމިޝަނުންވެސް ހުށައެޅިއެވެ. ނަމަވެސް އެ އިސްލާހުތައް ގެނައުމުގެ ނަމުގައި ބިލްގެ ބައެއް މާއްދާތައް އުނިކޮށް ބިލް ކުރީން އޮތް ގޮތަށްވުރެވެސް ގޯސްކޮށްލިއެވެ.

އެހެން ކަމުން މިއަދު ޔައުގޫބު ހުށައަޅުއްވާފައިވަނީ ބިލުގެ ފުރަތަމަ މާއްދާއިން ގާނޫނުގެ 123 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށް ހުށައަޅާފައިވާ 124 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ. ކުށް ކަނޑައެޅުމުގެ އެ މާއްދާއަށް ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެ މީހަކަށް އަނިޔާވެރިވުމަށް ގޮވާލުމާއި އިސްލާމީ ޝަރީއަތުގައި މީހަކު ކުފުރުވެ މުރުތައްދުވެއްޖެ ކަމަށް ކަނޑައެޅުމަށް އޮތް މިންގަނޑުން ބޭރުވެ އާންމު ތަނެއްގައި މުސްލިމަކަށް ނިސްބަތްކޮށް އެ މީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފަިއވާ މީހެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ކުށެއް ކަމަށެވެ. ނަމަވެސް ވަކި ބަސްތަކަކީ ކުފުރުވެދާނެ ބަސްތަކެއްކަން ނުވަތަ ވަކި އަމަލުތަކަކީ ކުފުރުވެދާނެ އަމަލުތަކެއްކަން ބަޔާންކުރުމަށް މި މާއްދާ ހުރަސް ނާޅާ ކަމަށެވެ.

މީގެ އިތުރުން މާތްﷲ އާއި ކީރިތި ރަސޫލާ އާއި ކީރިތި ގުރުއާން އާއި ކީރިތި ރަސޫލާގެ ސުންނަތާއި އެކަލޭގެފާނުގެ އަހުލުބަައިތުންނާއި ސަހާބީންނާއި އަދި އިސްލާމްދީނާއި އިސްލާމީ ޝިއާރުތަކާމެދު ނަފުރަތު އުފެދޭ ގޮތަށް ފުރައްސާރަ ކުރުމާއި މަލާމަތް ކުުރުން ނުވަތަ އިސްލާމީދީނާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުން ނުވަތަ ދޮގު މައުލޫމާތު ދިނުން ނުވަތަ މިފަދަ އަމަލަކަށް ހިތްވަރު ދިނުން ނުވަތަ މިފަދަ އަމަލެއް ކުރުމާއި އަދި ކުރުމުގައި ބައިވެރިވުމާއި ނުވަތަ އެކަމަށް ގޮވާލނުން ނުވަތަ އަމުރު ކުރުން ވެސް ކުށެއްގެ ގޮތުގައި ހިމަނަން ވަނީ ހުށައަޅާފައެވެ.

ޔައުގޫބުގެ އިސްލާހުތަކުގައި ވަނީ ކުށްތައް ދަރަޖަ ކުރުމުގެ ބަޔާއި މަނާކުރުމުގެ ބަޔަށްވެސް އިސްލާހު ހުށައަޅުއްވާފައެވެ.

އިސްލާހުގައިވާ ގޮތުން "އާންމު ތަނެއް" ކަމަށް ބުނެފައިވަނީ ވަނީ އާންމުން ހިނގާބިނގައިވާ ތަންތަނާއި އެ ތަނަކަށް އާންމުން އައިސް އަދި އެނބުރި ގޮސް އުޅޭ ތަންތަނާއި އާންމުން މަޑުކޮށްލައިގެން ތިބޭ ގޮތަށް ނުވަތަ އެކި ބޭނުންތަކުގައި އެއްވެ އުޅެވޭ ގޮތަށް ހުންނަ ތަންތަނާއި ކަނޑައެޅިފައިވާ އަގެއް ދައްކައިގެން ނުވަތަ ދައުވަތެއް ދީގެން ނުވަތަ އެ ނޫންވެސް ގޮތަކުން އާންމުންނަށް ބައިވެރިވެވޭ ފޯރަމްތަކާއި ހަބަރާއި މައުލޫމާތު އާންމުކުރާ އެހެނިހެން ވަސީލަތްތައް ކަމަށެވެ.

އަަދި "އަނިޔާވެރިވުމަށް ގޮވާލުން" ކަމަށް ބުނެފައިވަނީ މީހެއްގެ ނަފްސަށް ނުވަތަ މުދަލަށް ނުވަތަ އާއިލާއަށް ގެއްލުމެއް ދިނުމަށް ގޮވާލުމަށް ކަަމަށް ބުނެފައިވެއެވެ. މީހަކު ކުރާ ކުށަކަށް އިސްލާމީ ޝަރީއަތުގަައިވާ ގޮތުގެ މަތިން ޝަރުއީ މަރުހަލާއަކުން އިސްލާމީ ޝަރީއަތުގައިވާ އަދަބެއް ދިނުމަށް ގޮވާލުން މި މާނައިގެ ތެރޭގައި ނުހިމެނޭ ކަމަށްވެސް ބުނެފަައިވެއެވެ.

އިސްލާހުގައި ބުނެފައިވަނީ "މުރުތައްދުވުން" ކަމަށް ބުނެފައިވަނީ ވަނީ އަހްލުއްސުންނަ ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި މުރުތައްދުވުމުގެ އަމަލެއް ކަމާއިމެދު ހިލާފެއް ނެތް އަމަލެއް ކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ.

މި އިސްލާހުތަކަކީ ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް އިސްލާމިކް މިނިސްޓްރީން ހުށައަޅާފައިވާ އިސްލާހުތައް ހިމަނައިގެން ހުށައެޅި އިސްލާހެކެވެ.

މި އިސްލާހުތައް ހުށައެޅިއިރު މަޖިލީހުގެ ރިޔާސަތުން ނިންމާފައި އޮތީ މާދަމާގެ ޖަލްސާގެ އެޖެންޑާގައި އެ ބިލް ހިމަނާ ވޯޓަށް އަހާށެވެ. ނަމަވެސް ސަރުކާރަށް ވަފާތެރި މެންބަރުން ވަނީ އެކަމަށް ހުރަސް އަޅުއްވާފައެވެ. އަދި އެ ޕްރެޝަރުތަކާއި ގުޅިގެން މިހާރު ވަނީ ބިލް މާދަމާގެ އެޖެންޑާއިން ނަގާފައެވެ.

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލަށް އެމްޑީޕީގެ ހަތަރު މެންބަރުންވެސް ދެކޮޅު ހައްދަވާފައިވެއެވެ. އެ ހަތަރު މެންބަރުންނަކީ ދެކުނުގެ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އެ ސިޓީގެ ތިން މެންބަރުން ކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އާއި، ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެވެ. އެމްޑީޕީގެ އަނެއް މެންބަރަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ.

ބިލް މިހާރު އޮތް ގޮތަަށް ފާސްކުރުމާ ދެކޮޅު ހައްދަވާ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު އާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ސޮއިކުރައްވާ މިއަދު ވަނީ ގުޅިފައިވާ ބަޔާނެއްވެސް ނެރުއްވާފައެވެ.

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށް ހުށައެޅި ބިލް ފުރަތަމަ އޮތީ ދީނާ ހިލާފު ވާހަކަތަކަށް ފުރުސަތު ދީ އެފަދަ ވާހަކަތައް ފަތުރާ، ދައްކަމުންދާ މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ކަމަށް ބުނެ އެތައް ބަޔަކު ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. ބިލާ ދެކޮޅަށް ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުންވެސް ވަނީ ތެދުވެފައެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީވެސް ހިމެނެއެވެ. އަދި 101 އިލްމުވެރިއަކު ވަނީ ބިލާމެދު ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ސޯލިހަށް ޕެޓިޝަނެއްވެސް ހުށައަޅުއްވާފައެވެ. 100 ވުރެ ގިނަ ކައުންސިލުންވެސް ބިލާ ދެކޮޅަށް ބަޔާން ނެރެފައިވެއެވެ.