ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ފެނިގެން ދިޔައީ ދައުލަތެއް އެއްކޮށް ލޫޓުކޮށްލިތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި އީވާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ފެނިގެންދިޔައީ އިސްރާފާއި ވައްކަން ކަމަށެވެ.
"މި ފަސް އަހަރުގެ ދައުރުގެ ހަސީލަތަކަށް އޮތީ އިސްރާފާއި ކިބުރުވެރިކަމާއި ވައްކަމާއި ފިތުނައާއި ނާގާބިލުކަން،" އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ ނޭނގުމާއި ކިބުރުވެރިކަން ޖަމާވުމުގެ ނަތީޖާ މި ފަސްއަހަރުގެ ތެރޭގައި ފެނިގެންދިޔަ ކަމަށެވެ.
"މި ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް މި ފެނުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިހުލާސްތެރިކަން އެ މާރުކުރީ ސަނާކިޔުމަށް. ތެދުވެރިކަން އެ މާރުކޮށްލީ އާނބަހަށް. އެކުވެރިކަން މާރަުކޮށްލީ ބާރަށް،" އީވާ ވިދާޅުވި އެވެ.
އޭގެ ނަތީޖާއަކީ ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 38 ޕަސަންޓް ލިބިވަޑައިގަތުން ކަމަށް އީވާ ވިދާޅުވި އެވެ.
"ކެމްޕޭންގެ ތިން މަސް ދުވަސް އިއްޒަތްތެރި ރައީސް އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ދައުލަތެއް އެއްކޮށް ލޫޓުކޮށްލާތަން އެންމެ މީހަކު ބާރުގައި ހުރުމަށް. ތާއީދެއް ނެތް، ނާގާބިލު ވެރިއަކު، ވެރިކަމުގައި ހުރުމަށްޓަކާ ސިޔާސީ ޕާޓީއަކާ ސަރުކާރު ހިންގާ ސިޔާސީ ޕާޓީވެގެން މުޅި ދައުލަތެއް ލޫޓުކޮށްލާ ހިސޯރުކޮށްގެން އުޅޭތަން އިއްޒަތްތެރި ރައީސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،" އީވާ ވިދާޅުވި އެވެ.
އީވާ އިތުރަށް ވިދާޅުވީ ސަރުކާރަށް ފާޑުކިޔާ މީހުން ޒާތީވަނީ ކަމަށް ބަލާ އެކަހެރިކޮށް ބާކީ ކުރި ކަމަށާއި ސަރުކާރަށް ސަނާ ކިޔުން އެއީ ތާއީދުކަމަށް ބެލި ކަމަށެވެ.