ބޮލީވުޑް

މަނީޝާ ކޮއިރާލާގެ ބޮޑީގާޑަކަށް އަންހެނެއް!

Nov 16, 2015

ބޮލީވުޑްގެ ތަރިން ދާ ކޮންމެ ތަނަކަށް އެމީހުންނަށް ސަޕޯޓްކުރާ އެތަކެއް ފޭނުން އެއްވެ، އެމީހުންނާއެކު ފޮޓޯ ނަގައި ނުވަތަ އޮޓޯގްރާފެއް ލިބޭތޯ ވަރަށް މަސައްކަތް ކުރެ އެވެ.

އެގޮތުން ގިނަ ތަރިން އާންމުން އުޅޭ ތަންތަނަށް ދާއިރު އެމީހުން ވަށައިގެން ހިމާޔަތުގައި އެތަކެއް ފިރިހެން ހަށިފާރަވެރިން ހަރަކާތްތެރިވެ އެވެ.

ނުވަ ދިހައިގެ އަހަރުތަކުގައި ބެލުންތެރިންގެ މެދުގައި މަޝްހޫރުވެގެން ގޮސްފައިވާ ބަތަލާ މަނީޝާ ކޮއިރާލާ، އޭނާގެ ބޮޑީ ގާޑެއްގެ ގޮތުގައި ބިޔަ ހަށިގަނޑެއްގެ ފިރިހެނަކު ހަމަޖެއްސުމުގެ ބަދަލުގައި އަންހެނަކު ފުރަތަމަ ފަހަރަށް ހަމަޖައްސާފަ އެވެ.

މަނީޝާ އޭނާގެ ބޮޑީގާޑަކަށް އަންހެނަކު ހަމަޖެއްސުމަށްފަހު ބުނެފައިވަނީ އެއީ އަންހެނުން ބާރުވެރިކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި އަންހެނެއްގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ބޮޑަށް ފޯރުކޮށްދެވޭނީ އަންހެނަކަށް ކަމަށެވެ.

"މިއީ ބަދަލަކަށް އަހަރެން އެޅި ކުޑަކުޑަ ފިޔަވަޅެއް" އަންހެން ބޮޑީ ގާޑަކު ހަމަޖެއްސުމަށްފަހު މަނީޝާ ބުނެފައިވެ އެވެ.

ބޮޑީގާޑަކަށް ހަމަޖެއްސި އަންހެން މީހާގެ ފޮޓޯއެއް މަނީޝާ ވަނީ ޓްވިޓާގައި އާންމުކޮށްފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ފިލްމު ކުޅުމާއި ދުރުގައި ހުރި މަނީޝާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މަލިޔާލަމް ފިލްމަކުންނެވެ. މިހާރު މަނީޝާ އަންނަނީ ހިންދީ ސައިކޮލޮޖިކަލް ތްރިލާ ފިލްމު "ޗެހެރޭ"ގެ މަސައްކަތްކުރަމުންނެވެ.

ކައިވެނިކޮށްގެން ފިލްމު ކުޅުމާއި ދުރުގައި ހުރި މަނީޝާ، އޭނާގެ ފިރިމީހާ ކައިރިން ވަރިވިފަހުން ވަނީ ކެންސަރު ޖެހިގެން ބައްޔަށް ފަރުވާ ހޯދާފަ އެވެ. ކެންސަރު ބަލި ފަސޭހަވިފަހުން ފަހު މަނީޝާ ވަނީ ކުރިއަށް ވުރެން ވެސް ހިތްވަރުގަދަ އަދި ކެރޭ އަންހެނަކަށް ވެފަ އެވެ.