ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި އެވެ.
ބޯޓު ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) އަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 3:21 ގައެވެ.
ބޯޓު ފެނިފައިވަނީ ލ. އަތޮޅުގެ އިރުން 45 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުން "ސީލައިން-03" ނަމަކަށް ކިޔާ ދިވެހި ދޯންޏަށެވެ.
ބޯޓު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މި ބޯޓު ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލ. އަތޮޅުގެ އިރުން 139 ނޯޓިކަލް މޭލު ބޭރުންނެވެ.
މި ބޯޓު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވުނު އިރު ބޯޓުގައި ފަސް ފަޅުވެރިން ތިއްބެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް އަދި ކޮން ގައުމެއްގެ ފަޅުވެރިންތަކެއް ކަމެއްވެސް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ސަރުކާރުގެ ކަމާގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން، ކޯސްޓްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށުން ލ. އަތޮޅަށް މި ބޯޓުގެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.