ޑރ. މުހައްމަދު މުއިއްޒު

އީއީޒެޑް 24 ގަޑިއިރު ބެލެހެއްޓޭނެ ގާބިލުކަން ގާއިމުކުރާނަން: ރައީސް މުއިއްޒު

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ގާބިލުކަން ވަރަށް އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއްގަމާއި ކަނޑާއި ވައިގެމަގުންވެސް ގައުމު ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ވަރުގަދަކުރަންޖެހޭ ކަމަށާއި އެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

"ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ގާބިލުކަން ގާއިމުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ ޑްރޯންތަކެއް ގަތުމަށް ދިވެހި ސަރުކާރުން ތުރުކީގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މީގެ އިތުރުން ދިވެހި ސިފައިންނަށް ބޭނުންވާ އެއްގަމާއި، ކަނޑާއި ވައިގެ ޒަމާނީ ވަސީލަތްތައް ސިފައިން ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީންވެސް ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ގާއިމުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.