ގުޅިފަޅުގައި ޕޯޓް އަޅަން މިސަރުކާރުން ގެންގުޅޭ ޕްލޭނަށް ބަދަލު ގެނެސް ގުޅިފަޅު ތަރައްގީ ކުރުމުގައި މާލެ ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާ މިހާރު އޮތް ޕްލޭން ބަދަލު ކުރެއްވުމަށް ސިޓީ ކައުންސިލާއެކު ކަމާގުޅޭ އިދާރާތަކުން މަޝްވަރާތައް ފައްޓަވާނެ ކަމަށް ވިދާޅުވިތާ މަސް ދުވަސް ވީއިރު ވެސް އެކަން ފެށިފައި ނުވާތީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސް ސޯލިހަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ޅިފަޅުގައި މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައި އޮތް ބޮޑު މަޝްރޫއަކަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވީ މެއި 27 ގައި މުއިއްޒުއާ ބައްދަލު ކުރެއްވުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެންމެ ބޭނުންވަނީ ބޯހިޔާވަހިކަމެއް ކަމަށްވާއިރު އެކަން ކޮށްދޭން މާލޭގައި ބިމެއް ނެތް ކަމަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ބިމުން އެކަނި ވެސް އެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް ރައީސަށް ދެންނެވި ކަމަށެވެ. އެހެންކަމުން މާލޭގެ ރައްޔިތުން އެދެނީ ގުޅިފަޅަކީ ގެދޮރުވެރިކަމުގެ މަންޒިލަކަށް ބަދަލު ކުރުން ކަމަށާއި އެކަމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ވާހަކަ ދެންނެވި ކަމަށެވެ.
މުއިއްޒު ވިދާޅުވީ ގުޅިފަޅުގައި ޕޯޓް އަޅަން މި ސަރުކާރުން ނިންމީ ކަމާ ގުޅޭ ފަންނީ ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާ ކޮށްގެން ކަމުގައި ރައީސް ފާހަގަކުރެއްވި ކަމަށާއި އެގޮތުން އެ ނިންމުން ނިންމީ އޭނާ ހައުސިން މިނިސްޓަރަކަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުންނެވިއިރު އެ ސަރުކާރުން 2015 ވަނަ އަހަރު ހިސާބުގައި ތައްޔާރު ކޮށްފައިވާ ލިޔެކިޔުންތަކަށް ވެސް ބަލާފައި ކަމުގައި ރައީސް ސޯލިހް ވިދާޅުވި ކަމަށެވެ.
"އަޅުގަނޑު ދެންނެވިން އޭރުގެ ސިޔާސަތުގައި ތިލަފުއްޓަކީ ކުނި އަންދައިގެން ކުނި މެނޭޖުކުރާ ތަނެއްގެ ގޮތުގައި އޮތް ތަނެއް ކަމާއި ފަހުން 2018 އާ ހަމައަށް އައި އިރުގައި އެތަނަކީ އެގޮތަށް ކުނި މެނޭޖު ކުރާ ތަނެއް ނޫން ކަމަށް ކަނޑައެޅިފައި އޮތް ކަން. އެހެންވީމާ އެތަނަކީ ގުޅިފަޅަކީ ލައިޓް އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ކުރީގެ ޕްލޭނެއްގައި އޮތް ނަމަވެސް ފަހުން އެތަނަކީ ރެސިޑެންޝަލް ޒޯނެއް ކަމަށް ކަނޑައެޅުމަށް ކެބިނެޓުން ވިސްނާ ސިޔާސަތަށް ގެނައި ބަދަލު އަޅުގަނޑު [ރައީސަށް] ދެންނެވިން. އެހެންވީމާ ގުޅިފަޅަކީ ރެސިޑެންޝަލް ޒޯނެއްގެ ގޮތުގައި ދެން ތަރައްގީ ކުރެވިދާނެ ތަނެއް ކަމަށް އަޅުގަނޑު ދެންނެވީ،" ރައީސް ޔާމީންގެ ސަރުކާރުގައި ގުޅިފަޅުގެ ސިޔާސަތަށް ގެނެވުނު ބަދަލު ހިއްސާ ކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.
ގުޅިފަޅާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ ވިސްނުން ހުރި ގޮތް އޮޅުންފިލުއްވައި ދެއްވުމުން ގުޅިފަޅުގެ މަޝްރޫއުގައި މާލެ ސިޓީ ކައުންސިލުން ވަރަށް މުހިއްމު ދައުރެއް އަދާ ކުރަން ޖެހޭ ކަމުގައި ރައީސް ވިދާޅުވި ކަމަށް ވެސް މުއިއްޒު ފާހަަގަ ކުރެއްވި އެވެ. އަދި ސީދާ މޭޔަރުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ގުޅިފަޅު ޕްލޭން ނިންމަން ބޭނުންވާ ކަމުގައިވެސް ރައީސް ވިދާޅުވި ކަމަށްވެސް މުއިއްޒު ވިދާޅުވެ އެވެ.
"މިހާރު ހެދިފައި އޮތް ޕޯޓް އެޅުމުގެ ޕްލޭނަށް ބަދަލު ގެންނަވަން އަޅުގަނޑާ އެކީގައި މަސައްކަތް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާނެ ކަމަށާއި އެތަނުގައި މިހާރު 1200 ވަރަކަށް ހައުސިން ޔުނިޓް ނޫނިއްޔާ ގޯތި ދޭން ޖާގަ ކަނޑައެޅިފައިވީ ނަމަވެސް އެ ނިންމުން ބަދަލު ކުރަން އަޅުގަނޑާ އެކީ މަސައްކަތް ކުރަނ އެމަނިކުފާނުގެ ވިސްނުންފުޅުގައި [އޮތް]." މޭޔަރު ކުރީން ވިދާޅުވި އެވެ.
އަދި މާލެ ސިޓީ ކައުންސިލްގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް ގުޅިފަޅުގައި ގުދަން ކުރަން މިހާރު ކަނޑައަޅާފައިވާ ޖާގަ މާލެ ސަރަހައްދުގެ އެހެން ތަނަކަށް ބަދަލުކޮށް ގުޅިފަޅުގައި 30،000 ރައްޔިތުންނަށް އުޅެވޭ ވަރުގެ ޖާގައެއް ކަނޑައަޅަން ސިޓީ ކައުންސިލާއެކު ކަމާ ގުޅޭ އިދާރަތަކުން ބައްދަލުވެ ގޮތްތަކެއް ނިންމަން ދަންނަވާނެ ކަމުގައި ވެސް ރައީސް ވިދާޅުވި ކަމަށެވެ.
މުއިއްޒު މިރޭ ވިދާޅުވީ މާލެ ރައްޔިތުން އެދޭ ގޮތަށް ގެދޮރުގެ މަންޒިލަކަށް ގުޅިފަޅު ހެދުމަށް ރައްޔިތުން އެދޭ ގޮތަށް ގުޅިފަޅުގެ ޕްލޭން ބަދަލު ކުރުމަށް މާލެ ސިޓީ ކައުންސިލާއި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފައްޓަވާނެ ކަމަށް ވިދާޅުވިތާ ހަތަރު ހަފުތާ ވެފައިވާއިރު އެކަން އަދިވެސް ނުފެށޭ ކަމަށެވެ. އަދި އެ މަޝްވަރާތައް އަވަސް ކޮށްދެއްވުން އެދި ރައީސަށް ސިޓީ ފޮނުއްވާފައިވާނެ ކަމަށެވެ.
ރައީސް ސޯލިހްގެ ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުގައި ޕޯޓެއް ހެދުމަށް ފަހު އެތަނުން 600 އަކަފޫޓުގެ 1200 ގޯތި ދޫކުރާށެވެ. ނަމަވެސް މުއިއްޒު ގެންދަވަނީ ކައުންސިލް އިންތިހާބުގެ ދުވަސްވަރުން ފެށިގެން ގުޅިފަޅު ބޯހިޔާވަހި ކަމަށް ހާއްސަ ރަށަކަށް ހަދައިދިނުމަށް އިލްތިމާސް ކުރައްވަމުންނެވެ.
ގުޅިފަޅުގައި ޕޯޓް އެޅުމަށް މި ސަރުކާރުން ގެންގުޅޭ ޕްލޭނަށް ބަދަލު ގެނެސް ގުޅިފަޅަކީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހާއްސަ ތަނަކަށް ހަދަން ކުރާ މަސައްކަތަށް އަލި މަގެއް ނުފެނިއްޖެނަމަ ކޯޓަށް ދާން ވެސް މާލެ ސިޓީ ކައުންސިލުން ފަހުން ވަނީ ނިންމާފަ އެވެ.
މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ކުރާ މަސައްކަތަށް އެއްވެސް އަލިމަގެއް ނުފެނިއްޖެނަމަ ކޯޓަށް ވެސް ދާން ކައުންސިލުގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ. އެފަދަ ނިންމުމެއް އޮތަސް ކޯޓަށް ދާން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާ މާލެ ރައްޔިތުން އެދޭ ގޮތަށް މައްސަލަ ހައްލުވާނެ ކަަމަށް އުންމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް މާލެ ރައްޔިތުންގެ ހައްގުތައް ހޯދަން ކޯޓަށްދާން ފަސް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ދެން އެއްވެސް ހާލެއްގައި އަޅުގަނޑުމެން މިކުރާ މަސައްކަތް އަދި ކުރަމުންދާނެ މަސައްކަތަށް އެއްވެސް އަލިމަގެއް ނުފެނިއްޖެނަމަ، މި ދެންނެވީ ވޯސްޓް ކޭސްގައި އެއްވެސް އަލިމަގެއް ނުފެނިއްޖެނަމަ ކަންކުރާނެ ގޮތެއް ކަމަށް ބައްދަލުވުމުގައި އަޣުލަަބިއްޔަތުން ފާސްކުރީ މާލޭގައި ރައްޔިތުންގެ ހައްގުގައި މި މައްސަލާގައި ކޯޓަށް ދިއުމަށް. އެއީ މިހާރަކު ކުރާނެ ކަމެއް ނޫން އަދި މާދަމާއަކު ވެސް ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެން އުންމީދެއް ވެސް ނުކުރަން އެކަން ކުރަންޖެހޭނެ ކަަމަކަށް. އަޅުގަނޑުމެން ގަބޫލެއް ވެސް ނުކުރަން އެހާ ހިސާބަށް ދާނެ ކަމަކަށް. އެހެން ނަމަވެސް އެ ހިސާބަށް ދާންޖެހިއްޖެނަމަ ކޯޓަށް ގޮސްގެން ވެސް މިކަމުގައި އިންސާފުވެރި މަގެއް މާލޭގެ ރައްޔިތުންނަށްޓަކައި ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރުމަށް ކައުންސިލު ބައްދަލުވުމުން ވަނީ ނިންމާފައި،" މުއިއްޒު ވިދާޅުވި އެވެ.