ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގދ. ތިނަދޫ

ތިނަދޫގައި ޕީސީއާރު ޓެސްޓު ލެބެއް ހަދަނީ

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކޮވިޑުގެ ޕީސީއާރް ޓެސްޓް ހެދޭނެ ފުރިހަމަ ލެބެއް ގާއިމް ކުރަން ނިންމައިފި އެވެ.

ޕީސީއާރު ލެބެއް އެ ހޮސްޕިޓަލްގައި ގާއިމް ކޮށްދޭނެ ފަރާތެއް ހޯދަން މިހާރު ވަނީ އިއުލާން ވެސް ކޮށްފަ އެވެ.

ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަމުން ދަނީ އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ވެސް ބަހައްޓައިފައިވާ ފެންވަރުގެ ޕީސީއާރު މެޝިނެއް ކަމަށެވެ. އަދި މެޝިނުން ދުވާލަކު 300 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑުމެން ކޮވިޑް ޓެސްޓް ކުރަމުން ގެންދިޔައީ ޖީން އެކްސްޕާޓް މެޝިނެއް ބޭނުން ކޮށްގެން. ޖީން އެކްސްޕާޓް ކާޓްރިޖް ލިބުން ދަތި،" މެނޭޖަރު ވިދާޅުވި އެވެ.

މެނޭޖަރު ވިދާޅުވީ ޕީސީއާރު ލެބް ގާއިމް ކުރަން މަސައްކަތް ފަށާތާ 20 ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށެވެ.

ތިނަދޫގައި ވެސް މިވަގުތު ކޮވިޑް ފެތުރިފައި ވެއެވެ. އެ ރަށް މިހާރު އޮތީ ވެސް މޮނީޓަރިންގަ އެވެ. އެރަށުން އިއްޔެ 30 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު ނަގާ ސާމްޕަލްތަކުގެ ނަތީޖާ ލިބުން ލަސްވަމުގެ މައްސަލަތައް ދިމާވެ އެވެ.