ދުނިޔެ

އަރުމީނިއާ ބޮޑުވަޒީރު އާންމު އިންތިހާބު ކާމިޔާބުކުރައްވައިފި

އަރުމީނިއާގައި ހޯމަ ދުވަހު އޮތް އާންމު އިންތިހާބު ބޮޑުވަޒީރު ނިކޮލް ޕަޝިންޔަން ކާމިޔާބު ކުރައްވައިފި އެވެ. އޭނާގެ ސިވިލް ކޮންޓްރެކްޓް ޕާޓީން ވަނީ ވާދަވެރިންގެ މަައްޗަށް ތަފާތު ބޮޑު ނަތީޖާއެއް ހޯދާފަ އެވެ.

ބޮޑުވަޒީރު ޕަޝިންޔަންއަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމާމެދު ކުރިން ސުވާލު އުފެދިފައި އޮތް ނަމަވެސް، ހީކުރެވިފައި އޮތްގޮތާ ހިލާފަށް އޭނާ ވަނީ ވޯޓުގެ 54 ޕަސެންޓް ކަރަށަވަރު ކުރައްވާފަ އެވެ.

އަރުމީނިއާގައި އަވަސް އިންތިހާބެއް ޖޫން 20 ގައި ބާއްވަން ހަމަޖައްސަވައި ބޮޑުވަޒީރު ނިކޮލް ޕަޝިންޔަން މިއަހަރު އޭޕްރީލްގައި އިސްތިއުފާ ދެއްވި އެވެ. އެއަށްފަހު ޕަޝިންޔަން ހުންނެވީ ވަގުތީ ބޮޑުވަޒީރު ކަމުގައި އާންމު އިންތިހާބުން ރައްޔިތުން ވަކި ގޮތެއް ނިންމަން ދެނެވެ.

ބޮޑުވަޒީރު ޕަޝިންޔަންގެ ސަރުކާރަށް ކުރި އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ޕާޓީތަކާ ގުޅިގެން އާންމުން މިއަހަރު ކުރީކޮޅު ވެރިރަށް ޔެރެވާންގެ މަގުތަކަށް ނުކުމެ ވަނީ ހަމަނުޖެހުން އުފައްދާފަ އެވެ. އެއީ މިދިއަ އަހަރު ނޮވެމްބަރުގައި އަރުމީނިއާ އަތުން ނަގޯނަ ކަރަބާހް ގެއްލުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މެދުގައި މި މައްސަލަ ބޮޑުވެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަން އަސްކަރިއްޔާއިން ވެސް ގޮވާލި އެވެ. ޕަޝިންޔަން ރައްދުގައި އެއިރު ވިދާޅުވީ އަސްކަރިއްޔާއިން އުޅެނީ ގައުމުގައި ފިތުނަ އުފައްދަން ކަމަށެވެ.

ނަގޯނަ ކަރަބާގެ މައްސަލާގައި އަޒަރުބައިޖާންއާ ހަނގުރާމަކޮށް އަރުމީނިއާ ބަލިވުމަކީ ބޮޑުވަޒީރަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ނާކާމިޔާބީ އެކެވެ. އެހެންކަމުން ޕަޝިންޔަން ބޭނުންފުޅުވެ ވަޑައިގަތީ ގައުމުގައި އޭނާގެ ސަރުކާރަށް އޮތް ތާއީދު ކަށަވަރު ކުރެއްވުމަށެވެ.

ނަގޯނަ ކަރަބާއަކީ އަޒަރުބައިޖާންގެ ބައެކެވެ. މުޅި ދުނިޔެ ވެސް މިކަން ގަބޫލު ކުރެ އެވެ. އެކަމަކު އެ ސަރަހައްދުގައި ވެރިކަން ކުރަނީ އަރުމީނިއާގެ އަސްކަރިއްޔާއިންނެވެ.

އަޒަރުބައިޖާނުން ނަގޯނޯ ކަރަބާ ހޯދަން އެތައް ފަހަރަކު ހަނގުރާމަކުރި ނަމަވެސް ވަނީ ނާކާމިޔާބުވެފަ އެވެ. މަޝްރަހު މުޅިން ބަދަލު ކޮށްލީ ނަގޯނަ ކަރަބާ ހޯދަން މިދިއަ އަހަރު ސެޕްޓެމްބަރު 27 ގައި އަޒަރުބައިޖާނުން ހަމަލާދޭން ފެށުމުންނެވެ.

އެ ހަމަލާތައް 44 ދުވަހަށް ދިގު ދެމިގެން ދިއައިރު 6،500 މީހުން ވަނީ މަރުވެފަ އެވެ. އޭގެ އިތުރުން ވެސް އަރުމީނިއާއަށް ފޫބައްދަން ދަތި އެތައް ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އަރުމީނިއާއަށް އެހިސާބުން އަމާން ދޭން މަޖުބޫރުވީ އެވެ.