އަމީތާބު

އަމީތާބާއި ފަރްހާންގެ "ވާޒިރް" ރިލީޒްކުރުން ދެވަނަ ފަހަރަށް ލަސްކޮށްފި

Nov 16, 2015
1

މެގަސްޓާ އަމީތާބް ބައްޗަން އާއި ފަރްހާން އަޚްތަރު ލީޑްރޯލުން ފެނިގެންދާ "ވާޒިރް" ރިލީޒްކުރުން އަނެއްކާވެސް ލަސްކޮށްފި އެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ރިލީޒްކުރާ ގޮތަކަށް ބަދަލުކުރުމަށްފަހު، އަނެއްކާވެސް މިފިލްމު ރިލީޒްކުރާ ދުވަސް ބަދަލުކުރި މިއީ ދެވަނަ ފަހަރެވެ. އެގޮތުން މިހާރު މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 8ވަނަ ދުވަހު އެވެ.

ފިލްމު ރިލީޒްކުރުން ލަސްކުރި ސަބަބު ހާމަކޮށްފައިނުވާއިރު، އަމީތާބް އާއި ފަރްހާން އެކުގައި ފެނިގެންދާ މިފިލްމުގެ ޓްރެއިލާ މިމަހުގެ 18 ވަނަ ދުވަހު އާންމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ބެޖޯއި ނަމްބިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ފަރްހާން އެންޓި ޓެރަރިޒަމް ސްކޮޑްގައި މަސައްކަތްކުރާ އޮފިސަރެއްގެ ރޯލުން ފެނިގެންދާއިރު، އަމީތާބް ފެނިގެންދާނީ ޕެރެލައިޒްވެފައިވާ މޮޅު ރާޒުވާ ކުޅުންތެރިއެއްގެ ރޯލުންނެވެ.

އަދިތީ ރާއޯ ހައިދަރީ އާއި ނީލް ނިތިން މުކޭޝް މުހިންމު ރޯލުން ފެނިގެންދާ މިފިލްމަށް އެންމެ ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެވެ. އެހެންނަމަވެސް ވަކި ސަބަބެއް ހާމަކުރުމެއް ނެތި ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ ފަރާތުން ވަނީ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ރިލީޒްކުރުމަށް ލަސްކުރިކަން އިއުލާންކޮށްފަ އެވެ.

"ޕީކޭ"ގެ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އާއި ޕްރޮޑިއުސަރު ވިންދޫ ވިނޯދު ޗޯޕްޅާ ޕްރޮޑިއުސްކޮށްފައިވާ "ވާޒިރް" އަށް އެންމެ ފުރަތަމަ ކިޔާފައިވަނީ "ދޯ" އެވެ. ނަމަވެސް ފަހުން މިފިލްމުގެ ނަން ވަނީ ބަދަލުކޮށްފަ އެވެ.

ފަސް އަހަރު ދުވަހުން ސްކްރިޕްޓް ލިޔެ ނިންމާލެވުނު މިފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ އަބިޖާތް ޖޯޝީ އާއި ވިންދު ވިނޯދް ޗޯޕްޅާ އެވެ.