ލައިފްސްޓައިލް

ލޮލަށް އަޅާ ބޭހެއް ކަމަށްހިތާ ތެރަސް އެޅިގެން ލޯ ތަތްވެއްޖެ

އިނގިރޭސި ވިލާތުގެ 35 އަހަރު އަންހެނެއްގެ ލޮލަށް ތެރަސް އެޅި ލޯ ތަތްވެ އޭނާގެ ލޮލުގެ ފެނުން ގެއްލުމާ ކައިރި ވެއްޖެ އެވެ. ލޮލަށް އަޅާ ބޭހެއް ކަމަށް ހީކޮށް އެ މީހާގެ ލޮލަށް އެޅިފައިވަނީ މަސްނޫއީ ނިޔަފަތި ތަތްކުރަން ގެންގުޅޭ ތެރަހެކެވެ. ލޮލަށް ތެރަސް އެޅި ދެލޯ ތަތްވުމުގެ ސަބަބުން އެމީހާއަށް އެއްވެސް އެއްޗެއް މިހާރު ނުފެންނަ ކަމަށް އޭނާ ބުނެ އެވެ.

ކެޓީ ބެއިތު އެ ދުވަހު އިނީ ޓީވީ ބަލާށެވެ. އެހެން އިނދެފައި ލޮލަށް ބޭސް އަޅަން ވެގެން ބޭސް ފުޅިއަށް ނުބަލާލާ ނަގާފަ ލޮލަށް އެޅީ އެވެ. ވަގުތުން އޭނާގެ ލޯ ވަރަށް ބޮޑަށް ކަރައިގަނެ ލޯ ތަތްލި އެވެ.

އިނގިރޭސި ވިލާތުގެ 'ދަ ސަން' ނޫހުން ބުނި ގޮތުގައި ކެޓީގެ ލޮލަށް އެޅުނީ ވަރަށް އަވަހަށް ހިއްކާލާ ޒާތުގެ ތެރަހަކަށް ވާތީ އޭނާގެ ލޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

"ހުން އައުމުގެ ސަބަބުން އަހަރެންގެ ލޯ ވަރަށް ބޮޑަށް ހިރުވާ. އެހެންވެ ހިރުވުން ރަނގަޅު ކޮށްލަން ލޮލަށް ބޭސް އަޅަން ހިތަށް އަރައިގެން ބޭސް ކަމަށް ހިތާ ތެރަސް އެޅުނީ،" ކެޓީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބޭސްފުޅި ކަމަށް ހިތާ ތެރަސް ފުޅި ނަގައިގެން އޭނާ ގޮސް ލޯގަނޑު ކައިރިއަށް ހުއްޓި ފުރަތަމަ ޖެހީ ކުޑަ ކުޑަ ތިއްކެކެވެ. އެ ތިކިން ވެސް ވަރަށް ބޮޑަށް ލޯ ކަރައިގަތަސް އިތުރު ތިއްކެއް ވެސް ވަގުތުން ޖެހި ކަމަށާއި އެ ތިކި ޖެހުމާއެކު ވަރަށް ވަރުގަދަ ރިހުންގަނޑެއް ލޮލަށް އަރައިގެން ކަމަށް ވެސް ކެޓީ ބުންޏެވެ.

"އަހަރެން ދުވެފައި ބަދިގެއަށް ގޮސް ވަގުތުން ލޮލަށް ފެން އަޅަން ފެށިން. ނަމަވެސް އެ ލޯ އޭރު އިނީ އެއްކޮށް ތަތްވެފައި. އަދި އެހާ ގަދަޔަށް ރިއްސާ،" ކެޓީ ބުންޏެވެ.

އެންމެ ފަހުން އޭނާ ދުވެފައި އަވަށްޓެރިއެއްގެ ގެއަށް ގޮސް އެމީހާއާއެކު ހޮސްޕިޓަލަށް ދިޔައީ ކަމަށާއި އަދިވެސް ލޮލަށް ރަނގަޅަށް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

ކެޓީ ލޮލަށް އަޅަން ގެންގުޅުނު ބޭސް ފުޅިޔާއި އޭނާ ނޭފަތި ތަތްކުރަން ގެންގުޅުނު ގްލޫފުޅި ހުންނަނީ ވަރަށް އެއްވައްތަރަކަށެވެ. އޭނާއަށް އޮޅިގެން ގްލޫ އެޅުނީ އެހެންވެ އެވެ.