ބޮލީވުޑް

ޝާހް ރުކަށް އަބިޖީތު ލަވަކިޔައި ނުދެނީ ކީއްވެ؟

ޝާހްރުކް ޚާންގެ 30 އަށް ވުރެ ގިނަ ލަވަ އަބިޖީތު ބަޓަޗާރިޔާ ކިޔައިދީފައި ވެއެވެ. ރޮމެންސް ކިންގްގެ ނަމުން މަޝްހޫރުވެފައިވާ ޝާހް ރުކްގެ ކާމިޔާބު ރީތި ލަވަތަކުގެ ފަހަތުގައި އެންމެ އިސް ދައުރެއް ކުޅެފައި ވަނީ އަބިޖީތުގެ އަޑެވެ. ނަމަވެސް 2007 ގައި ޝާހް ރުކް އާ ޖެހުނު މައްސަލައެއްގައި އަބިޖީތު ވަނީ ޝާހްރުކް އަށް ލަވަ ކިޔައި ދިނުން ހުއްޓާލާފަ އެވެ. އޭނާ އެންމެ ފަހުން ޝާހްރުކްގެ ފިލްމަކަށް ލަވަކިޔައިދިނީ "އޯމް ޝާންތީ އޯމް" އަށެވެ.

ހަގީގަތުގައި އަބިޖީތު އާ މައްސަލަ ޖެހުނީ ޝާހްރުކް އަކާ ނޫނެވެ. "އޯމް ޝާންތީ އޯމް" އުފެއްދި މީހުނާ އެވެ. ނަމަވެސް އެ ދުވަސްވަރު އެމީހުންނާ އޭނާއާ ޖެހުނު މައްސަލައާ ބެހޭ ގޮތުން އަބިޖީތު ވާހަކައެއް ނުދައްކަ އެވެ.

އޭގެ 14 އަހަރު ފަހުން އަބިޖީތު ވަނީ އެކަން ވީ ގޮތް ކިޔައިދީފަ އެވެ. ފޭސްބުކް ލައިވް ސެޝަންއެއްގައި ފޭނަކު އަބިޖީތު އާ ސުވާލު ކުރީ އަލުން ޝާހްރުކް އާ ގުޅިގެން އޭނާގެ ފިލްމުތަކަށް ލަވަ ކިޔައި ދޭން ފަށާނީ ކޮން އިރަކުންތޯ އެވެ؟

އަބިޖީތު ބުނީ ތި ސުވާލުގެ ޖަވާބު އޭނާއަށް ދެވޭ ގޮތަކުން ގިނަ ބަޔަކު ވަރަށް ހިތްހަމަ ނުޖެހިދާނެ ކަމަށެވެ. އަދި އެއީ ސަލްމާން ޚާން ކައިރީ ކައިވެނި ކުރަނީ ކޮން އިރަކުންތޯ ސުވާލު ކުރުން ފަދަ ކަމެއް ކަމަށެވެ.

އަބިޖީތު ބުނީ އޭނާ އާ ޝާހްރުކް އާ ދެމެދު އެއްވެސް އިރެއްގައި މައްސަލައެއް ނުޖެހޭ ކަމަށެވެ. އޭނާ އާ މައްސަލަ ޖެހުނީ ޝާހްރުކްގެ ފިލްމުތަކަށް މިއުޒިކް ތައްޔާރުކޮށްދޭ މިއުޒިކް ޑައިރެކްޓަރުންނާ ކަމަށެވެ.

"އެމީހުން އަހަންނާ އެކު މަސައްކަތް ކުރުން ހުއްޓާލުމުން ޝާހްރުކްގެ ފިލްމުތަކަށް ލަވަ ކިޔައިދޭނެ ފުރުސަތު ނުލިބެނީ،" އަބިޖީތު ބުންޏެވެ. އަދި އަބިޖީތު ބުނި ގޮތުގައި އޭނާ އަކީ ޝާހްރުކްގެ "އަޑެއް" ނޫނެވެ.

"ބޭރު ގައުމުތަކަށް ގޮސް އަހަރެން ލަވަ ކިޔައިދޭއިރު މީހުން ހީކުރަނީ އަހަރެން ލަވަ ކިޔަނީ ޝާހްރުކް ކިޔާ ގޮތަށޭ. އެމީހުންނަކަށް ނޭނގެ ޝާހްރުކް ނޫން ކަމެއް އެ ލަވަތައް ކިޔައިފައި ހުންނަނީ،" އަބިޖީތު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާ އާއި ޝާހްރުކް އާ ދެމެދު ރުޅިވެރިކަން އުފެއްދީ ކޮން ބައެއް ކަމެއް ހުދް އޭނާއަކަށް ވެސް ނޭނގެ އެވެ. އޭނާ އާއި ޝާހްރުކް ވަކި ކުރަން ބައެއް މިއުޒިކް ޑައިރެކްޓަރުން މަސައްކަތްކުރާ ކަމަށް އަބިޖީތު ތުހުމަތު ކުރި އެވެ.

ކުރިމަގުގައި ވެސް ޝާހްރުކްގެ ފިލްމުތަކަށް ލަވަކިޔާނެ ފުރުސަތު ލިބިއްޖެނަމަ އަބިޖީތު ހުރީ ލަވަ ކިޔައިދޭން ތައްޔާރަށެވެ. ނަމަވެސް އޭނާ ލައްވާ ލަވަކިޔުއްވަން މިއުޒިކް ޑައިރެކްޓަރުން ބޭނުން ނުވެ އެވެ. ޝާހްރުކްގެ "ތައުބާ ތުމްހާރޭހޭ އިޝާރޭ"، "ޗާންދު ތާރޭ"، "ސުނޯނާ ސުނޯނާ"، މެއި ކޮއި އޭސެ ގީތު ގާއޫން،" "ޗަލްތޭ ޗަލްތޭ" ފަދަ ލަވަތަކަކީ އަބިޖީތު ކިޔައިދީފައި ހުރި ލަވަތަކެވެ.