ބޮލީވުޑް

ކްރިކެޓް ތަރި ޔުވްރާޖް ސިންގް އާއި ބަތަލާ ހޭޒަލް ކީޗް އެންގޭޖްވެއްޖެ

Nov 16, 2015

މަޝްހޫރު ކްރިކެޓް ތަރި ޔުވްރާޖް ސިންގް އާއި "ބޮޑީގާޑް" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ހޭޒަލް ކީޗް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ދެކެވޭތާ ލައްކަ ދުވަސްވެއްޖެ އެވެ.

މިދެމީހުން ލޯބީގެ ގުޅިގެން އުޅޭ ކަމުގެ އަޑު އަނެއްކާވެސް ގަދަވެފައިވަނީ މިދިޔަ ހަފްތާގެ ބުދަދުވަހު ބާލީގައި އެންގޭޖްވި ކަމުގެ ހަބަރާއެކު އެވެ.

އެންގޭޖްވި ވާހަކަތައް ދެކެވެމުން އަންނަނިކޮށް ޔުވްރާޖްގެ މަންމަ ވަނީ ހޭޒަލް އާއި ޔުވްރާޖް އެންގޭޖްވިކަން ޔަގީންކޮށްދީފަ އެވެ. އެންމެފަހުން ޔުވްރާޖް ވެސް ވަނީ އޭނާގެ ޓްވީޓާގައި ހޭޒަލް އާއި އެންގޭޖްވި ވާހަކަ ލިޔެފަ އެވެ.

ހޭޒަލް އާއި އެންގޭޖްވި ވާހަކަ ލިޔަމުން ކުރި ޓްވީޓްގައި ޔުވްރާޖް ވަނީ އޭނާ ހޭޒަލް އާއި އެންގޭޖްވީ މުޅި އުމުރަށް އޭނާ އާއެކު ހުންނާނެ އެކުވެރިއަކަށް ހޭޒަލް ވާތީ ކަމަށެވެ. އަދި ހޭޒަލް އާއި އޭނާގެ މަންމައާއި އެއްގޮތް ކަންތައްތަކެއް ހުންނަ ކަމަށް ވެސް ޔުވްރާޖް ވަނީ ބުނެފަ އެވެ.

ޔުވްރާޖް އިތުރަށް ވަނީ އެންގޭޖްވި ވާހަކައާއި ބެހޭގޮތުން އިތުރަށް ވާހަކަދައްކަން ބޭނުން ނުވާ ކަމަށާއި ކުރިއަށް އޮތީ އޭނާގެ ކެރިއަރަށް ވަރަށް މުހިންމު މެޗްތަކެއް ކަމުން އެކަމަށް ފޯކަސް ކުރަން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.

އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގައި ވެސް ހިމެނޭ ޔޫވްރާޖް އަށް ވަނީ 2011 ވަނަ ކެންސަރު ޖެހިފަ އެވެ. ކެންސަރަށް ފަރުވާ ހޯދުމަށްފަހު ޔުވްރާޖް އަލުން ކްރިކެޓް ކުޅެން ފަށާފައިވަނީ ޖެހިގެން އައި އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

މީގެކުރިން ޔުވްރާޖް އާއި ބަތަލާ ދިޕިކާ ޕަދުކޯން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަޑުތަކެއް އަރާފައިވާއިރު، ބަތަލާ ކިމް ޝަރްމާ އާއި ވަނި ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ.