ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 704 ހައުސިން ޔުނިޓުތަކުގެ ބައެއް ފްލެޓްތަކަށް އެއްގޮތަކަށް ވެސް ކުލި ނުދައްކާ މީހުންނަށް ނޯޓިސް ދޭން ފަށައިފި އެވެ.
އެ ފްލެޓްތައް ބަލަހައްޓަމުންދާ ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު އަވަސްއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ ފްލެޓްތަކުގައި އެއްގޮތަކަށް ވެސް ކުލި ނުދައްކާ 12 މީހަކު އުޅޭ ކަމަށެވެ.
އޭގެ ތެރެއިން އެކަކަށް ފައިސާ ދައްކަން މަސް ދުވަހުގެ ނޯޓިހެއް އިއްޔެ ފޮނުވާފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ. ދެން ތިބި އެފަދަ ފަރާތްތަކަށް ވެސް ވަރަށް އަވަހަށް ނޯޓިސް ފޮނުވަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއިން ކޮންމެ މީހަކު ވެސް މިދިޔަ ޖެނުއަރީ މަހާ ހަަމައަށް 235،000 ރުފިޔާ ދައްކަން ޖެހޭ" އޮފިޝަލް ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށް ދިމާވި ދަތިތަކާ ގުޅިގެން ނުދެއްކިވާ ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ވެސް މިދިޔަ ޖެނުއަރީ މަހު ހަމަޖައްސައިދި ނެވެ. އެގޮތުން ޖޫރިމަނާ އާއި ކުލި ހަ މަސް ދުވަހަށް ބަހާލައިގެން ދައްކާ ގޮތަށް އޭރު ހަމަޖައްސައިދި ނެވެ.
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރި ފްލެޓްތަކަކީ ޗައިނާ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި އެގައުމުގެ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުން އެޅި ފްލެޓްތަކެ ކެވެ. އެ ފްލެޓްތަކިގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކުރީ 2017 ވަނަ އަހަރު އެވެ.