ފްލެޓް މައްސަލަ

ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް މާދަމާ ނެރެނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް މާދަމާ އިއުލާން ކުރުމަށް ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީ މާދަމާ ލިސްޓް އިއުލާންކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް 15 ދުވަސް ލިބޭނެ ކަމަށެވެ.

ޝަކުވާތައް ބަލައި ދިރާސާކުރުމަށްފަހު ދާއިމީ ލިސްޓް ނެރެވޭނެ ވަކި ދުވަހެއް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރާ 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

ހަދަމުންދާ ފްލެޓްތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދާ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.

ހުޅުމާލޭގައި އިތުރު 4،000 ފްލެޓް އެޅުމަށްވެސް މިމަހުގެ ދެވަނަ އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ ހަވާލުކޮށްފައިވެ އެވެ. އެފްޑީސީ އިން ކުރިއަށް ގެންދާ މިމަޝްރޫއު ކޭޕީއައިއެލްއާ ހަވާލުކުރީ 37 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. ނަަމަވެސް މި ފްލެޓްތަކަކީ ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ފްލެޓްތަކެއް ކަމަކަށް ސަރުކާރުން އަދި ބުނެފައެއް ނުވެ އެވެ.

މީގެ އިތުރުން ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 5،000 ގޯތި ލިބޭ 10،314 މީހުންގެ ވަގުތީ ލިސްޓު މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ އާންމުކޮށްފަ އެވެ. ޝަކުވާ ހުށަހަޅަން ދިން މުއްދަތުގައި ގޯތި ލިސްޓަށް 800 ޝަކުވާ ލިބިފައިވާއިރު ޝަކުވާތައް ބަލައި، ދާއިމީ ލިސްޓު ނެރުމުގެ މަސައްކަތްވެސް ޕްލޭނިން މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނިފައިވެ އެވެ. މީގެ ތެރެއިން 19،875 މީހުން ޝަރުތު ފުރިހަމަވާއިރު ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ހިމެނިފައިވަނީ 10،314 މީހުންނެވެ. އަދި މި މީހުންނަށް ގޯތި ލިބެނީ ކޮން ތަނަކުން ކަމެއް އަންގާފައެއް ނުވެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯއްޗެވެ. އެގޮތުން ވަކި ފަރުދަކަށްނަމަ ދޫކުރާ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.