ސަރުކާރު ކުންފުނިތަކަށް ދޫކޮށްފައިވާ ގުދަން ކުލި ކުޑަކަމުން މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ޝަކުވާ "އޮއްސާލައިފި" އެވެ.
ރައްޔިތުން މަޖިލީހުގެ ބަޖެޓު ކޮމެޓީގައި އިއްޔެ ވާހަކަފުޅު ދައްކަވަމު ސަލީމް ވިދާޅުވީ އެންމެން ވެސް ކުރަނީ ވިޔަފާރި ކަމަށާއި، ނަމަވެސް ކުޑަ އަގެއްގައި މިގޮތަށް ސަރުކާރު ކުންފުނިތަކަށް ކުޑަ ކުލީގެ ގުދަން ލިބެން ހުރުމުން ވާދަ ކުރަން ދަތިވާ ކަމަށެވެ.
"ހަގީގަތުގައި އެންމެންނަކީ ވެސް ވިޔަފާރިކުރާ ފަރާތްތައް. ސަރުކާރުންވެސް ކުރަނީ ވިޔަފާރި. އާއްމުންނަށް ބިމެއް މި ކުއްޔަށް ހިފަނީ އަކަފޫޓެއް 30ރ. އާއި 40ރ. އަށް،" އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް ވިދާޅުވި އެވެ.
މާލޭގައި އާއްމު ގޮތެެއްގައ ގުދަނެއް ކުއްޔަށް ދޫކުރަނީ އަކަފޫޅެއް 40ރ. ގެ ރޭޓުންނެވެ. ސަލީމް ވިދާޅުވީ ހުޅުމާލޭގައި ވަރަށް ފަހުން ކުރި ބިޑެއްގައި ބިޑް ފެށޭ އަގެއް ކަމަށް ހިމަނާފައިވަނީ އަކަފޫޅެއް 20 ރ. އަށް ކަމަށެވެ.
"މިއީ ފެށޭއަގު ދެން ކިހިނެއްތޯ އާއްމު މީހުން ވިޔަފާރިކުރާނީ؟" ސަލީމް ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތަކުގެ ގުދަން ކުލި ބޮޑު ކުރަން ހުށަހަޅައިފި
މި ސުވާލުގެ ޖަވާބުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ސަރުކާރު ކުންފުނިތަކަށް ގުދަން ކުއްޔަށް ދޫކޮށްފައިވާ އަގު ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.
"އެމްޓީސީސީ އާއި އެސްޓީއޯ ފަދަ ކުންފުނިތަކަށް އާއްމުކޮށް ގުދަން ކުއްޔަށް ދޫކޮށްފައި ހުރީ އަކަފޫޅެއް ދެ ރުފިޔާ އާއި ތިން ރުފިޔާ ވަރަށް. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ފަސް ރުފިޔާއަށް ބޮޑު ކުރުމަށް ވާނީ ހުށަހަޅާފައި،" ޖިހާދު ވިދާޅުވި އެވެ.
ބަޖެޓު ކޮމެޓީގައި ވާހަކަ ދައްކަވަމުން ޕްރައިވެޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޔާޒު ވިދާޅުވީ އެ މައްސަލަ ފާހަގަ ކުރެވިފައިވާ ކަމަށާއި، އެފަދަ ކަންކަން ހަރުދަނާކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ކުންފުނިތައް ހަރުދަނާ ކުރުމުގެ ގޮތުން ޕްރައިވެޓް ސެކްޓަރާއެކު ކޮމްޕެޓިޝަން ގެންދެވޭ ގޮތް ބަލަމުންމިދަނީ. މިހާރު މި ކުރަނީ މާކެޓު ރޭޓަށް ފައްތައިގެން ނަމަވެސް ތަންކޮޅެއް ބޮޑަށް ގަވަމެންޓަށް ރެވެނިއު ލިބޭ ގޮތް ބަލަން. އެކަމަށް މަސައްކަތް މިކުރަނީ. މިކަން ފަސްޓް ކުއާޓާގައި ފައްޓައިގެން އިމްޕްލިމެންޓް ކުރެވޭނެ،" ނިޔާޒު ވިދާޅުވި އެވެ.