ހަބަރު

އެލްޖީއޭގެ ބައްދަވުން ހޫނުވެ ކުރިޔަށް ނުގެންދެވިގެން ހުއްޓާލައިފި

Jan 15, 2015

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި އެ އޮތޯރިޓީގެ ނައިބު ރައީސް މޫސާ ނަސީރުގެ މައްޗަށް ހުށަހެޅި އިތުބާރުގެ ވޯޓް މިއަދަށް އެޖެންޑާކޮށްފައި ނެތުމުން ބޯޑު ބައްދަލުވުން ހޫނުވެ ކުރިޔަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.

އެލްޖީއޭއިން އިސް އޮފިޝަލަކު ވިދާޅުވީ ހެނދުނު 10:00 ޖެހި އިރު ބޯޑް ބައްދަލުވުން ފެށި އިރު ނާޒިމާއި ނަސީރުގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބައްދަލުވުން ހުއްޓާލަން ޖެހުނީ ދެފަރާތުގެ ބަހުސް ހޫނުވެ ކުރިޔަށް ނުގެންދެވޭނެ މާހައުލެއް ނެތިގެން ކަމަށެވެ. 

"ދެން އެލްޖީއޭގެ ބޯޑް ބައްދަލުވުމެއް ބާއްވާނީ ބަންޑާރަނައިބުގެ ލަފައެއް ލިބިގެން. އެ މަނިކުފާނުގެ ލަފައެއް ހޯދަން އެލްޖީއޭއިން މިއަދު ހުށަހަޅާނެ،" އެލްޖީއޭގެ އޮފިޝަލު ވިދާޅުވި އެވެ.

އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ ނުވަ ބޭފުޅެކެވެ. މިއަދު ޖަލްސާ ކުރިޔަށްދާ ގޮތް ނުވީ އެބޯޑްގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މިއަދުގެ އެޖެންޑާގައި ނާޒިމާއި ނަސީރުގެ އިތުބާރުގެ މައްސަލަ ހިމަނާފައި ނެތުމުން އެކަމާ މިއަދު ނުރުހުން ފާޅު ކުރި އެވެ.

އެލްޖީއޭގެ ރައީސާއި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ނިމިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ހުށަހެޅުއްވީ އެ އޮތޯރިޓީގެ ބޯޑް މެމްބަރު ސުޖާއު ހުސެއިން އެވެ.