ކުޅިވަރު

އަހަރެން އަދި ނުނިމޭ، ކާފަ މަރެއް ނުވޭ: ޖިރޫޑް

އޮލިވާ ޖިރޫޑް، ފްރާންސް ޓީމާއެކު ކުރިއަށް ދާން ބޭނުންވާ ކަމަށް ބުނެފި އެެވެ. އެނާ މިހެން ބުނީ ޔޫރޯ 2020 އަށްފަހު އޭނާ ގައުމީ ޓީމާއި ދުރުވާނެ ކަމުގެ އަޑުތައް ފެތުރުމާއި ގުޅިގެންނެވެ. ޖިރޫ ބުނެފައި ވަނީ މިހެނެވެ: "އަހަރެން އަދި ނުނިމޭ، ކާފަ މަރެއްނުވޭ!"

ޑިޑިއޭ ޑެޝަމްޕްގެ ޓީމުގައި ޖިރޫޑް ހިމަނާފައި ވަނީ ޗެލްސީގައި ޖިރޫޑަށް ރަނގަޅު ކުޅުމެއް ނުދެއްކި، ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. ފްރާންސްގެ ޓީމުގައި ޖިރޫޑް ހިމަނާފައިވީ ނަމަވެސް، ކަރީމް ބެންޒީމާގެ އެނބުރި އައުމާއެކު އޭނާއަށް ވަނީ ޓީމުގެ ފުރަތަމަ 11 އިޖާގަ ގެއްލިފަ އެވެ. ޔޫރޯގައި ފްރާންސުން ދެ މެޗު ކުޅެފައި ވާއިރު، އުމުރުން 34 އަހަރުގެ ޖިރޫޑް ފެނިގެން ގޮސްފައިވަނީ އެންމެ މެޗެއްގަ އެވެ. އެއީ ހަންގޭރީ އާއި ވާދަކުރި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

އަހަރެން އަދި ނުނިމޭ. ކާފަ މަރެއް ނުވޭ! ފްރާންސްގެ އޮތީ ވަރުގަދަ އެޓޭކިން ލައިނެއް. އެކަމަކު އަހަރެން މިއީ ތަފާތު ކުޅުންތެރިއެއް. އަހަރެންގެ ހުނަރުގެ ބޭނުން ހިފާ، އަހަރެން ބޭނުންވާ ކަންތައް ހާސިލް ކުރާނަން. އަހަރެންނަށް އެނގޭ އެކަން ކުރަންވީ ގޮތް. ޒުވާން ކުޅުންތެރިން އަހަރެން ދުރުކުރަން ބޭނުން ނަމަ އެމީހުން ޖެހޭނީ އެކަމަށް ތައްޔާރުވަން
އޮލިވާ ޖިރޫޑް | ފްރާންސް

ޖިރޫޑަށް އެންމެ ފުރަތަމަ އޭނާގެ ގައުމީ ވާޖިބު އަދާ ކުރުމަށް ގޮވާލާފައި ވަނީ 2011 ގައި އުމުރުން 25 އަހަރުގަ އެވެ. މިހާތަނަށް ޖިރޫޑް 107 މެޗެއް ގައުމީ ޓީމަށް ކުޅެފައި ވާއިރު އޭނާ ވަނީ 44 ގޯލު ކާމިޔާބު ކޮށްފަ އެވެ. މިއާއެކު އޭނާ ވަނީ ގައުމީ ޓީމަށް ދެވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއަށް ވެސް ވެފަ އެވެ. ފްރާންސަށް އެންމެ ގިނަ ގޯލު ޖަހައިދީފައި ވަނީ އާސެނަލްގައި ވިދާލި ތިއެރީ އޮންރީ އެވެ. އޭނާ ވަނީ ފްރާންސަށް 51 ގޯލު ޖަހައިދީފަ އެވެ.

ޖިރޫޑް ވަނީ ފްރާންސްގެ ޓީމަށް ބޮޑު ފަސް މުބާރާތް ކުޅެދީފަ އެވެ. އަދި ޔޫރޯ 2016 ގެ ފައިނަލަށް ފްރާންސް ގެންދިއުމާއި، 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕް ކާމިޔާބު ކުރުމުގައި ޖިރޫޑް ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ.