މިރޭގެ މެޗަށް ނިކުންނަ އިރު ފްރާންސަކީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ނުދެކޭނެ ކަމަށް ފްރާންސްގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބެ ބުނެފި އެވެ.
ކިމްޕެމްބެ ބުނީ ގްރޫޕް ސްޓޭޖް ނިމުމުން މިއީ މުޅިން އާ މުބާރާތެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި ގުރޫޕް ސްޓޭޖާއި ހިލާފަށް މިހާ ހިސާބުން ފެށިގެން އެންމެ މެޗަކުން ބަލިވި ނަމަވެސް މުބާރާތުން ވަކިވާންޖެހޭނެތީ މިރޭގެ މެޗަށް ނިކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ. އަދި ސްވިޒްލެންޑަކީ ދަށް ޓީމެއް ކަމަށް ދެކިގެން މިރޭގެ މެޗު ފަސޭހަ ކޮށްލެވެން ނެތް ކަމަށެވެ.
އޮއެވަރު އޮތްގޮތް
ރުމޭނިއާގެ ނޭޝަނަލް އެރީނާގައި މިރޭ ސްވިޒްލެންޑާއި ފްރާންސް ބައްދަލުކުރާ މެޗަކީ ބޮޑު މުބާރާތެއްގައި މި ދެޓީމު ބައްދަލު ކުރާނެ ފަސްވަނަ ފަހަރެވެ. މީގެ ކުރިން ޔޫރޯ 2004، ވޯލްޑް ކަޕް 2006، ވޯލްޑް ކަޕް 2014 އަދި ޔޫރޯ 2016 ގައި މި ދެ ޓީމު ވަނީ ބައްދަލުކޮށްފަ އެވެ. މީގެ ތެރެއިން ދެ މެޗުން ފްރާންސް މޮޅުވިއިރު ދެ މެޗުން ވަނީ އެއްވަރު ވެފަ އެވެ. އެންމެ ފަހުން މި ދެ ޓީމު ބައްދަލު ކުރި ޔޫރޯ 2016 ނިމުނީ އެއްވަރު ވެގެންނެވެ. ނަމަވެސް މިއީ ނޮކްއައުޓް ސްޓޭޖެއްގައި މި ދެޓީމު ބައްދަލު ކުރާނެ ފުރަތަމަ ފަހަރެވެ.
ސްވިޒްލެންޑް ވަނީ އެންމެ ފަހުން ކުޅުނު ބޮޑު ހަތަރު މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. އެއީ ޔޫރޯ 2016، 2020 އަދި ވޯލްޑް ކަޕް 2014، 2018 ގަ އެވެ. ނަމަވެސް މީގެ ތެރެއިން ތިން މެޗުގައި ސްވިޒްލެންޑް ވަނީ ގަދަ 16 އިން ކަޓާފަ އެވެ.
ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މަރުގެ ގްރޫޕްގެ ގޮތުގައި ބެލެވުނު ގްރޫޕް އެފްގެ އެއް ވަނައިގައި ފްރާންސުން ގަދަ 16 އަށް ދަތުރު ކުރީ ފަސް ޕޮއިންޓާއި އެއް މެޗުން މޮޅުވެ ދެ މެޗުން އެއްވަރު ވެގެންނެވެ.
ސްވިޒްލެންޑް
އެއް ގޮތަކުން ބަލާނަމަ މިރޭގެ މެޗަށް ނިކުންނަ އިރު ސްވިޒްލެންޑް ޓީމަށް މާބޮޑު ޕްރެޝަރެއް ނެތެވެ. ސަބަބަކީ ދުނިޔޭގެ ޗެމްޕިއަނުންނާއި ވާދަކޮށް ބަލިވިޔަސް އެމީހުންނަށް މާބޮޑު ފިއްތުން ތަކެއް ނޯންނާނެތީ އެވެ. ނަމަވެސް މިރޭގެ މެޗަށް ނިކުންނަ އިރު ސްވިޒްލެންޑުގެ މުޅި ޓީމު މެޗުން މޮޅުވުމަށް ވަރަށް ރަނގަޅަށް ތައްޔާރު ވާނެ ކަން ޔަގީނެވެ. އަދި މިރޭގެ މެޗުގައި ފްރާންސަށް ރަނގަޅު ފިލާވަޅެއް ދިނުމަކީ ސްވިޒްލެންޑުގެ އަމާޒަކަށް ވާނެ އެވެ.
މިރޭގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެން ބޭނުން ވާނަމަ ހައި ޓެމްޕޯގައި ރަނގަޅު ކުޅުމެއް ދައްކަން ސްވިޒްލެންޑަށް މަޖުބޫރު ވާނެ އެވެ. އަދި ޑިފެންސް ލައިނުގައި މިސްޓޭކެއް ނުހަދައި، އެޓޭކް ކުރަން ލިބޭ ފުރުސަތުތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަން ޖެހޭނެ އެވެ.
ސްވިޒްލެންޑްގެ ކޯޗު ވްލަޑިމިރް ޕެޓްކޮވިޗް ބުނީ ފްރާންސް ކަހަލަ ޓީމަކާއި ދެކޮޅަށް ކުޅޭއިރު އެ ޓީމުން 100 ޕަސެންޓު ދީފި ނަމަ ސްވިޒްލެންޑުން ކުރާ މަސައްކަތް ނުފުދޭނެ ކަމަށެވެ. އަދި އޭނާ ބުނީ ސްވިޒްލެންޑަށް މޮޅުވެވެން އޮތީ އެމީހުންގެ އެންމެ ރަނގަޅު ކުޅުން ދައްކާފައި އިދިކޮޅުން އެޓީމުގެ އެންމެ ރަނގަޅު ކުޅުން ނުދެއްކިއްޖެ ހާލަތުގައި ކަމަށެވެ. މީގެ އިތުރުން ކުރިން ކުޅުނު ވަރުގަދަ މެޗުތަކުން ފިލާވަޅު ލިބިގަނެ މަސައްކަތް ކުރާނީ މިރޭ ފްރާންސް ކައިރިން މޮޅުވަން ކަމަށް ޕެޓްކޮވިޗް ބުންޏެވެ.
ފްރާންސް
މުބާރާތުގެ އެންމެ ވަރުގަދަ ގްރޫޕްގެ އެއް ވަނައިގައި ފްރާންސުން ދެވަނަ ބުރަށް ދަތުރު ކުރި ނަމަވެސް، މިރޭގެ މެޗުން މޮޅުވަން ބޭނުން ނަމަ އިތުރު ހިތްވަރަކާއި އެކު ވަރުގަދަ ކުޅުމެއް ދައްކަން ޖެހޭނެކަން ގައިމެވެ. އެހެން ނޫން ނަމަ ގަދަ 16 ގައި މޮޅުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި ބައެއް ޓީމު ކަޓައިގެން ދިޔަ ފަދައިން ދަތުރުގެ މިސްރާބު ބަދަލު ކޮށްލަން ފްރާންސަށް ޖެހިދާނެ އެވެ.
މިރޭގެ މެޗަށް ނިކުންނަ އިރު ފްރާންސްގެ ފޯވާޑު ބެންޒިމާ އެނބުރި އައިސް ޕޯޗުގަލް މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުމަކީ ފްރާންސަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. އެމްބާޕޭ އާއި ގްރީޒްމަން އާއި އެކު ބެންޒިމާގެ ކުޅުން ރަނގަޅު ވުމަކީ ޓީމުގެ އެޓޭކިން ވަރުގަދަ ވާނެ ކަމުގެ ރަނގަޅު ފާލެކެވެ. އެހެން ކަމުން މިރޭގެ މެޗުގައި ފްރާންސްގެ ޓީމުން ރަނގަޅު މޮޅު ކުޅުމެއް ފެނިގެން ދާނެ ކަމަށް ބެލެވެ އެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝަމްޕްސް ބުނީ ސްވިޒްލެންޑް ޓީމަކީ ވަރަށް ރަނގަޅަށް ރާވާލައިގެން ކުޅޭ ޓީމެއް ކަމަށާއި އެމީހުންގެ އެޓޭކިން ލައިނަށް ސަމާލުވަން ޖެހޭނެ ކަމަށެވެ. އަދި ސްވިޒްލެންޑް ޓީމަކީ ދެރަ ޓީމެއްގެ ގޮތުގައި ނުބަލައި، މެޗު ނިމޭއިރު ޓީމުގެ ކުޅުންތެރިންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވާ ކަހަލަ ނަތީޖާއެއް ނެރެން ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން އެންމެ ފަހުން ކުޅުނު މެޗުގައި ހޫނު ގަދަވެފައި، އަރާމުކުރަން ބޭނުންވާ ވަރަށް ވަގުތު ނުލިބުމުން އެކަމުގެ އަސަރު މިމެޗުގައި ފެނިދާނެ ކަމަށް ވެސް ޑެޝަމްޕްސް ބުންޏެވެ.
ފްރާންސާއި ސްވިޒްލެންޑްގެ ކުރިމަތިލުންތައް
މިހާތަނަށް މި ދެޓީމު ވަނީ 38 މެޗުގައި ބައްދަލު ކޮށްފަ އެވެ. އޭގެ ތެރެއިން 16 މެޗުން ފްރާންސް މޮޅުވި އިރު 10 މެޗުން ވަނީ އެއްވަރު ވެފަ އެވެ. އަދި ސްވިޒްލެންޑުން މޮޅުވީ 12 މެޗުންނެވެ. މިހާ ބައިވަރު މެޗުތަކެއްގައި މި ދެޓީމު ބައްދަލު ކޮށްފައި ވުމުން ދެޓީމުގެ ކުޅުމުގެ ވައްޓަފާޅި އާއި އިދިކޮޅު ޓީމުގެ ބަލި ދިމާތައް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ގަބޫލު ކުރެވެ އެވެ.
އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ސްވިޒްލެންޑަށް ފްރާންސް ބަލި ކުރެވިފައެއް ނެތެވެ. އަދި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.