ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި ހިންގަމުން އައި ކާފިއުގެ ވަގުތު ކުރުކޮށްފި އެވެ.
އެޗްއީއޯސީން މިރޭ ބުނީ މާދަމާއިން ފެށިގެން ކާފިއު ވަގުތު ފެށޭނީ އިރުއޮއްސި ހައެއް ޖަހާއިރު ކަމަށެވެ. އެހެންވީމަ ދެން ކާފިއު ހިންގާނީ 12 ގަޑިއިރަށެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން މީގެ މަހެއްހާ ދުވަސްކުރިން ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގާ އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރުގައި އުޅުން މަނާކުރި އެވެ. އެ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވެނީ ފުލުހުން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދޫކޮށްފައިވަނީވެސް ކޮންމެ ގޭބީސީއަކަށް ދެ މީހަކަށެވެ.
އެ ފިޔަވަޅުތަކަށް ތިން ހަފްތާވުމުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ކާފިއު ވަގުތު ކުރުކޮށް ބައެއް ލުއިތައް ދިނެވެ. އެގޮތުން ކާފިއު ވަގުތު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކުރި ކުރިއެވެ. އަދި ފަތިހު ހަތަރަކުން ހެނދުނު އަށަކަށް އެކަނި ކުރާ ކަސްރަތު ތަކަށް ހުއްދަ ދިނެވެ. މީގެ އިތުރުން ވަކިން ނަމާދު ކުރުމަށް މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތައް ވަނީ ހުޅުވާލާފައެވެ.
މިރޭ އިއުލާނުކުރި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ޖިމްތައް ހުޅުވަން ހުއްދަ ދިނުމާއި ރަށްރަށަށް ދަތުރުކުރުމުގައި ބައެއް ލުއިތައް ދިނުން އަދި ޓޭކް އަވޭގެ ހިދުމަތް ދެވޭ ވަގުތު އިރުއޮއްސި ހަޔަކާ ހަމަައަށް ވަނީ ހުއްދަ ދީފައެވެ.