ޔުކްރޭންގައި ގަޑުބަޑު އުފައްދައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް އާންމުން މަގުތަކަށް ނުކުންނަށް ގޮވާލައި 2014 ގައި ގެނައި ބަޣާވާތަކީ އެމެރިކާ އަޑީގައި އޮވެގެން ކުރުވި ކަމެއް ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ. ޕޫޓިން ވިދާޅުވީ ރައީސް ވިކްޓޯރު ޔެނުކޮވިޗްގެ ސަރުކާރު ވައްޓާލުމުގައި ޔޫރަޕުން ވެސް ބައިވެރިވި ކަމަށެވެ.
"ޔުކްރޭން ބައިބައިކޮށް ވަކިވެ ގަތުމަށް މަގުފަހިކޮށް ދިނީ އެމެރިކާއާ ޔޫރަޕުން،" ޕޫޓިން ވިދާޅުވި އެވެ. އެމަނިކުފާން ވިދާޅުވީ ޔުކްރޭންގެ ބެލެނިވެރިކަމުގެ ދަށުން ވަކިވެގަތުމަށް ކްރައިމިއާ މަސައްކަތް ވެށީ ވެސް އެ ގައުމުގެ ސަރުކާރު ވައްޓާލުމުން ކަމަށެވެ.
ޕޫޓިން ވިދާޅުވީ އަސްލު މައްސަލައަކަށްވީ ޔުކްރޭންއާ ރަޝިއާ މާ ގާތްވުން ކަމަށެވެ.
"އެމެރިކާއާ ޔޫޕަރުން ބުނާހާ ގޮތެއް ވިކްޓޯރު ޔެނުކޮވިޗް ނުހެއްދެވި،" ޕޫޓިން ވިދާޅުވި އެވެ. ޕޫޓިން ވިދާޅުވީ ޔޫރަޕާއެކު ވިޔަފާރި އެއްބަސްވުމަކަށް ވަޑައިގަންނަވަން ޔުކްރޭން ސަރުކާރުން ބޭނުން ނުވުމުން މުޅި ގައުމުގައި ހަމަނުޖެހުން އުފައްދައި ޔެނުކޮވިޗް އަޒުލުކުރީ ކަމަށެވެ.
ފިނި ހަނގުރާމަ ނިމުނީއްސުރެ އެމެރިކާއާ ޔޫރަޕުން ކުޅުނު ކުޅިގަނޑަކީ ބައިއެޅުން ކަމަށާއި އެމެރިކާއާ ބައިވެެރި ވަނީ ކޮން ގައުމުތަކަކުންތޯ ބަލައި ބޮނޑިބަނުން ކަމަށެވެ. ޕޫޓިން ވިދާޅުވީ ރަޝިއާއަށް ބަޔަކު ކަމޭ ހިތައިފި ނަމަ އެބައެއްގެ ގައިގާ އަލިފާން ޖެހުން ނޫން ކަމެއް އެެމެރިކާއާ ޔޫރަޕުން ނުކުރާ ކަމަށެވެ. އެމީހުންގެ ފަރާތުން މިހާރު ވެސް ފެންނަނީ ހަމަ އެއާދަ ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ނޭޓޯގެ ފައުޖުތަކުން ކަޅުކަނޑުގައި މިހާރު ވެސް ފަރިތަކުރުންތަކެއް ކުރިއަށް އެބަ ގެންދެ އެވެ. އަސްކަރީ ފައުކުތަކުން ހަރަކާތްރެވަމުން އެގެންދަނީ ރަޝިއާއާ ނުލާހިކު ކައިރީގަ އެވެ.
"އެކަމަކު އެމެރިކާއަށް މައްސަލަކަށް ވަނީ ރަޝިއާ އުޅަނދެއް ކަޅުކަނަޑަށް ނުކުތުމުން،" ޕޫޓިން ވިދާޅުވި އެވެ. އެމަނިކުފާން ވިދާޅުވީ ރަޝިއާގެ އަސްކަރިއްޔާއިން ހަރަކާތްތެރި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުން ހުއްދަކޮށް ސިއްކަ ޖަހާދީފައި އޮތް ސަރަހައްދެއްގައި ކަމަށެވެ.
"އެމެރިކާ އެބުނަނީ ރަޝިއާއިން މަސައްކަތް ކުރަނީ ޔުކްރޭން ހިފާށޭ،" ޕޫޓިން ވިދާޅުވި އެވެ. "އަޅުގަނޑުމެން ވެސް ބުނަންވީ ނޫންތޯ ނޭޓޯއިން ރަޝިއާ ހިފައިފިއޭ" އެމަނިކުފާން ވިދާޅުވި އެވެ.