ރާއްޖެ ކުޅިވަރު

ވިކްޓަރީގެ ފިކުރަކީ ކެޕްޓަން އިންޖަރީގައި ހުރުން

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ވިކްޓަރީ އަށް އޮތް ހަމައެކަނި ފިކުރަނީ ކެޕްޓަން އިސްމާއީލް ޝަފީގު އިންޖަރީގައި ހުރުން ކަމަށް ކޯޗު އަހުމަދު ނާޝިދު ބުނެފި އެވެ.

"އޭނާ ހުރީ އިންޖަރީގައި. ވަރަށް މުހިންމު މެޗެއް މިއީ. މިވަރުގެ މުހިންމު މެޗަކަށް ނުކުނައިރު ޑިފެންސް ލައިނުގެ އެންމެ މުހިންމު ކުޅުންތެރިޔާ އިންޖަރީގައި ހުރީމަ އެކަމާ ކިރިޔާ ވެސް ވިސްނަންޖެހޭ ކަމަކަށް މިއޮތީ. އެނޫނީ ވިކްޓަރީ ހަމަ ބަރާބަރު. މެޗުން މޮޅުވުމަކީ ނުވާވަރުގެ ކަމެއްނޫން،" ނާދު ބުންޏެވެ.

މި މެޗަށް ނުކުންނައިރު ވިކްޓަރީ އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނާގަ އެވެ. މޮޅު ކުޅުންތެރިން ގިނަ ނަމަވެސް ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން މާޒިޔާ އޮތީ 12 ޕޮއިންޓާއެކު ފަސް ވަނާގަ އެވެ. މިހެންވެ މިއީ އެ ޓީމަށް ވެސް ނުހަނު މުހިންމު މެޗެކެވެ.

ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން އެއްވަނާގައިވަނީ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އެކުލަބަށް 23 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނާގައިވަނީ 21 ޕޮއިންޓާއެކު ޓީސީ އެވެ.