މޯލްޑިވްސް ޕޮލިސް ސާވިސް

މިސްކިތެއްގައި މާރާމާރީ ހިންގި މައްސަލަ ބަލަނީ

Jun 22, 2021

ހުޅުމާލޭގެ މިސްކިތެއްގެ ތެރޭގައި މާރާމާރީ ހިންގި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.

މާރާމާރީ ހިންގާފައިވަނީ ހުޅުމާލޭގެ 171 ނަންބަރު ފްލެޓް ކައިރީގައި ހުންނަ ވަގުތީ މިސްކިތުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިސްކިތަކަށް ވަދެ އަޑުގަދަކޮށް މީހުންނަށް އުދަނގޫ ކުރި މީހަކަށް، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވި މީހަކާ ދެމެދު މާރާމާރީ ހިންގި މައްސަލައެއް މިރޭ 6:38 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މާރާމާރީއާއި ގުޅިގެން އެކަކަށް ކުދި އަނިޔާ ލިބިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެެވެ.

މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ބުނެފައެއް ނުވެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މިސްކިތުގެ ތެރޭގައި އަޑުގަދަކޮށްފައި އުޅުނު މީހަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލަށް ލާފައި ވަނިކޮށް ގޭބަންދަށް ގެނެސްފައި ހުރި މީހެކެވެ. އަދި އޭނާގެ ނަފްސާނީ މައްސަލަ ތަކެއް ހުންނަ ކަމަށްވެސް އެނގިފައިވެ އެވެ.