މާލޭ ސިޓީ ކައުންސިލް

ޖަލާލުއްދީން މިސްކިތުން ވައްކަން ކުރަން އުުޅުނު ދެ މީހަކު ހައްޔަރުކޮށްފި

Jul 27, 2022

މާލޭގެ ޖަލާލުއްދީން މިސްކިތުން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި ދެ މީހުން ހައްޔަރުކުރީ މާލެ ސިޓީ ކައުންސިލުން ޖަލާލުއްދީން މިސްކިތުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމަރާގެ ފުޓޭޖުތައް ސިޓީ ކައުންސިލްގެ މުވައްޒަފުން ބަލައި ދެނެގަނެ ފުލުހުންނަށް ރިޕޯޓްކޮށްގެން ފުލުހުން މެދުވެރިކޮށެވެ.

މާލޭގެ މިސްކިތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން މާލެއާއި ވިލިމާލެ ހިމެނޭ ގޮތަށް ޖުމްލަ 39 މިސްކިތެއްގައި މާލެ ސިޓީ ކައުންސިލުން ސީސީޓީވީ ކެމަރާ ހަރުކޮށްފަ އެވެ. މާލޭ ސިޓީ ކައުންސިލް އިދާރާގައި ގާއިމުކޮށްފައިވާ ކެމަރާތަކުގެ ކޮންޓްރޯލް ރޫމުގައި މުވައްޒަފުން ބައިތިއްބައިގެން ސިޓީ ކައުންސިލުން ދަނީ ސީސީޓީވީ މެދުވެރިކޮށް 24 ގަޑިއިރު މިސްކިތްތައް ބަލަހައްޓަމުންނެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެސް މިއަދު ވިދާޅުވީ ދެ މީހުން ވައްކަން ކުރަން އުޅެނިކޮށް ހުއްޓުވާ ފުލުހުންނާ ހަވާލުކުރެވުނީ މިސްކިތުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމަރާތަކުގެ އެހީގައި ކަމަށެވެ.

"މިސްކިތްތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމާއި މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތައް ހިންގުން މިފަހުން އިތުރުވެފައިވާކަން ކަމާގުޅޭ އިދާރާތަކުން ހިއްސާކުރާ މައުލޫމާތުން އެނގެ އެވެ.

މިސްކިތްތަކުގައި ސީސީޓީވީ ކެމަރާ ހަރުކޮށް މިސްކިތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ސިޓީ ކައުންސިލުން ހަވާލުވެ ތިން ބަޔަކާ ހަވާލުކޮށްގެން މިސްކިތްތަކުގައި ކެމަރާ ހަރުކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.