މާލޭ ސިޓީ ކައުންސިލް

ތިން މިސްކިތެއް މަރާމާތުކުރަން އެއް މިލިއަން ރުފިޔާ ދީފި

މާލޭ ސަރަހައްދުގެ ތިން މިސްކިތެއް މަރާމާތު ކުރަން ވަގުފް ފަންޑުން އެއް މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމާ ބެހޭ ގޮތުން މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިސްކިތްތަކުގައި މިހާތަނަށް މަރާމާތުގެ މަސައްކަތެއް ކުރަންހުރި ނަމަ އެކަމެއް ހައްލުކުރުމުގެ މަސައްކަތް ވަގުތުން ފަށާނެ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ވެސް ބައެއް މިސްކިތްތައް ވަނީ މަރާމާތު ކޮށްފަ އެވެ. ނަމަވެސް ނިސްބަތުން އެއީ ކުދިކުދި މަރާމާތުގެ މަސައްކަތްތަކެކެވެ.

މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް މިހާތަނަށް ކޮށްފައިވާނީ ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ބަޔާނުގައިވެ އެވެ.

ބޮޑެތި މަރާމާތުތަކެއް ކުރަންޖެހޭ ތިން މިސްކިތެއް ފާހަަގަކުރެވިފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ. އެކަމަކު އެ މަސައްކަތް ކުރަން އަދި ބަޔަކާ ހަވާލުކޮށްފައެއް ނުވެ އެވެ.

ބޮޑެތި މަރާމާތުތަކެއް ކުރަންޖެހޭ މިސްކިތްތައް

  • ހުޅުމާލެ، މަސްޖިދުއް ޝައިހް ގާސިމް ބިން މުހައްމަދު އާލްޘާނީ
  • މާލެ، މަސްޖިދުލް ފުރުގާން
  • މާލެ، މަސްޖިދު ޝަހީދުއަލީ

މި ތިން މިސްކިތް މަރާމާތުކުރުމަށް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން އެ މަސައްކަތަށް ވަގުފް ފަންޑުން އެއް މިލިއަން ރުފިޔާ މިހާރު ވަނީ ސިޓީ ކައުންސިލާ ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން މަސްޖިދުލް އިބްރާހީމް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، އީދު މިސްކިތުގައި ވެސް ބޮޑުތި މަރާމާތުތަކެއް ކުރަން ހުރި ކަން ފާހަގަކުރެވޭ ކަމަށްވެސް ސީޓީ ކައުންސިލުން ބުނެ އެވެ.

މާލޭގައި ހުރި ބައެއް މިސްކިތްތަކަކީ ވަރަށް ދުވަސްވީ މިސްކިތްތަކަކަށް ވާތީ ބައެއް ތަންތަން ކުއްލިއަކަށް މަރާމާތުކުރަން ޖެހިދާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެެވެ. އަދި މާލޭގެ ހުރިހާ މިސްކިތެއް ވެސް ހުރީ ކުލަލާން ޖެހިފައި ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.