މިނިސްޓްރީ އޮފް އެޑިއުކޭޝަން

އިންޑިއާއިން ގުރުއާން ޓީޗަރުން ގެނައީ ދިވެހިން ނުލިބުމުން: އެޑިއުކޭޝަން

ރާއްޖޭގެ ސުކޫލުތަކުގައި ކިޔަވައިދޭން އިންޑިއާއިން އަރަބި މުދައްރިސުންނާއި ގުރުއާން މުދައްރިސުން ގެނައީ ދިވެހި މުދައްރިސުން ނުލިބުމުން ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާގެ ކެރެލާއިން ރާއްޖެ ގެނެސްފައިވަނީ އަރަބި ކިޔަވައިދޭ ފަސް މުދައްރިސުނާއި ގުރުއާން ކިޔަވައިދޭން ފަސް މުދައްރިސުންނެވެ. އެ މުދައްރިސުން ނުވަ ސުކޫލެއްގައި ދަނީ ކިޔަވައިދެމުންނެވެ.

އަރަބި އަދި ގުރުއާން ކިޔަވައިދޭން އިންޑިއާއިން މުދައްރިސުން ގެނައުމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ މި މުދައްރިސުންނަކީ ގުރުއާން އާއި އަރަބި ކިޔަވައިދޭނެ ދިވެހި މުދައްރިސުން ހޯދުމަށް ތަކުރާރުކޮށް އިއުލާނުކޮށް ޓީޗަރުން ލިބިފައިނުވާ މަގާމުތަކަށް މުދައްރިސުން ހޯދުމަށް އެކި ގަައުމުތަކުގެ ހައިކޮމިޝަންތަކުގައި އެހީތެރިކަމަށް އެދުމުން އިންޑިއާ ހައިކޮމިޝަންގެ ފަރާތުން އިންޑިއާ ސަރުކާރުން ސްޕޮންސަރު ކޮށްފައިވާ އެ ގައުމުގެ ރެކްރޫޓުމަންޓް އޭޖެންސީ އެއް ކަމަށްވާ "ނޯކާ ރޫޓްސް" މެދުވެރިކޮށް 2020 ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ މުދައްރިސުން ކަމަށެވެ.

މި ޓީޗަރުން ރެކްރޫޓް ކުުރުމުގެ ކުރިން މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނު ކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާވެސް ވާހަކަ ދެކެވި މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ މުދައްރިސުން ލިބޭތޯ މަސައްކަތްވެސް ކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

".. ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ވަނީ ބިދޭސީ މުދައްރިސުންނަށް ދެވިފައި. އަދި މި މަގާމުތަަކަށް ދިވެހި ރާއްޖޭގެ ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އަދި ދިވެހި މުދައްރިސެއް ލިބޭނަމަ ލޯކަލައިޒު ކުރުމުގެ ޕޮލިސީގެ ދަށުް އެ މަގާމުތަކަށް ދިވެހިން އައްޔަން ކުރެވޭނެ،" އެޑިއުކޭޝަންގެ ބަޔާނުގައިވެއެވެ.