ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ރަޝިއާ ވެކްސިން ގަންނަން އެއްބަސްވުމެއް ނެތް

ރަޝިޔާއިން ކޮވިޑް-19 އާ ދެކޮޅަށް ތައްޔާރުކުރި ސްޕުޓްނިކް ވީ ވެކްސިންގެ 200،000 ޑޯޒް ގަންނަން އޯޑަރު ދޭނެ ކަމަށް ސަރުކާރު ބުނިތާ މަސް ދުވަސްވީއިރު ވެސް ވެކްސިން ގަތުމަށް މިހާތަނަށް އެއްބަސްވުމެއްގައި ސޮއި ކޮށްފައި ނުވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި ސްޕުޓްނިކް ވީގެ 200،000 ޑޯޒް ގަންނަން ނިންމާފައިވާއިރު ދެ ފަރާތުގެ މެދުގައި ވަރަށް އަވަހަށް އެއްބަސްވުން ގާއިމު ކުރާނެ ކަމަށް ވިދާޅުވި އެވެ. ނަސީމު އެރޭ ވިދާޅުވި ގޮތުގައި އޭރު އޮތީ މަޝްވަރާގެ މަރުހަލާގަ އެވެ. އަދި ދެތިން ދުވަސްތެރޭ ވެކްސިނަށް އޯޑަރު ދޭނެ އެވެ.

މިނިސްޓަރު ވަނީ ރަޝިޔާ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެއްބަސްވުން ހަދާތާ މަސް ދުވަސްތެރޭ ވެކްސިން ލިބޭނެ ކަމަށެވެ.

އެ ވެކްސިން ގަތުމުގެ އެންމެ ފަހުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލު ކުރުމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ފުރަތަމަ މަރުހަލާގެ މަޝްވަރާތަކަށް ފަހު އިތުރު ކަމެއް އަދި ނެތް ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން ކޮށްފައި ވެސް ނުވާ ކަމަށެވެ.

"އެއްބަސްވުމުގައި ސޮއި ކުރުމާއި ކަންތައްތައް އަަދި ކުރިއަށް ނުދޭ،" ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ސްޕުޓްނިކް ވީ ބޭނުން ކުުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދީފައެވެ.

ރާއްޖެއިން މިހާތަނަށް ބޭނުން ކުރަމުން ދަނީ ކޮވިޝީލްޑް އާއި އެސްޓްރަޒެނިކާ އާއި ފައިޒާ އަދި ސިނޯފާމް ވެކްސިނެވެ. ކޮވިޝީލްޑް ވެކްސިން ގިނަ ބަޔަކަށް ދީފައިވާއިރު އެ ވެކްސިން މިހާރު ވަނީ ހުސްވެފަ އެވެ. މިހާރު ދެމުން ގެންދަނީ ސިނޯފާމް އާއި ފައިޒާ އެވެ. ފައިޒާ ވެކްސިން ދެމުން ދަނީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެެކަންޏެވެ.

އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ 700،000 ޑޯޒް ގަތުމަށް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އެ ވެކްސިން ލިބޭނެ ކަމަށް އެކި ތާރީހުތައް ދީފައިވާއިރު އެންމެ ފަހުން ދިން ތާރީހަކީ ޖޫން މަހުގެ ފުރަތަމަ ހަފްތާއެވެ. ނަމަވެސް ޖޫން ފަހު ހަފްތާ ފެށެން ތައްޔާރުވެފައިވާއިރު އަދިވެސް އެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ލިބޭނެ ސީދާ ދުވަހެއް ޔަގީނެއް ނޫނެވެ.