އިންގްލެންޑުގެ ފުޓްބޯޅަ ލެޖެންޑް ވޭން ރޫނީގެ ބަސް އަހައި، އިންގްލެންޑުން ގްރޫޕްގެ އެއް ވަނައިގައި ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ޗެކް ރިޕަބްލިކާއި ބައްދަލު ކުރި މެޗުން އިންގްލެންޑް މޮޅުވީ 1-0 ގެ ނަތީޖާ އަކުންނެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ޖެކް ގްރީލިޝް ނަގައިދިން ބޯޅަ އަކުން ރަހިމް ސްޓާލިން އެވެ. ގްރީލިޝް މަތިމަތިން ނަގައިދިން ހުރަސް، ޗެކް ރިޕަބްލިކްގެ އޭރިއާ ތެރޭގައި ހުރެފައި ސްޓާލިން ވަނީ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
ދެ ވަނަ ހާފުގައި އިންގްލެންޑުން އިތުރު ލަނޑެއް ޖެހި އެވެ. ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑު ލަނޑެއް ކަމަށް ނިންމާފަ އެވެ.
މިރޭގެ މެޗު ފެށުމުގެ ކުރިން ވާހަކަ ދައްކަމުން ރޫނީ ބުނީ މި މެޗުގައި ޓީމުގެ ފުރަތަމަ އެގާރައިން ގްރީލިޝްއަށް ޖާގަދޭން ޖެހޭ ކަމަށެވެ. އަދި ގްރީލިޝް ތަފާތު ދައްކާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. ރޫނީ ބުނި ގޮތަށް މިރޭގެ މެޗުގައި އޭނާ ވަނީ ތަފާތު ދައްކައި މޮޅަށް ކުޅެފަ އެވެ.
ނަތީޖާ ހަމަ ކުރުމަށް ޗެކް ރިޕަބްލިކަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އޭރިއާ ބޭރުގައި ހުރެފައި ގޯލުގެ ކަނަށް ހޯލްސް ފޮނުވާލި ބޯޅަ އިންގްލެންޑްގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން އޭރިއާ ތެރޭގައި ހުރެފައި ސޯޗެކް ފޮނުވާލި ބޯޅަ އިންގްލެންޑްގެ ޑިފެންޑަރު މެގުއާ ވަނީ ބްލޮކް ކޮށްފަ އެވެ.
މިއާއެކު ގްރޫޕްގެ އެއްވަނައިގައި ނެދަލެންޑްސް ދެވަނަ ބުރަށް ދަތުރުކުރީ ހަތް ޕޮއިންޓާއި އެކުގަ އެވެ. ޗެކް ރިޕަބްލިކާއި ކޮރޭޝިއާ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ކޮރޭޝިއާއަށް ދެވަނަ ލިބެނީ ފައިދާ ގޯލުންނެވެ. މިރޭ ކުޅުނު މެޗުން ބަލިވެ ސްކޮޓްލެންޑް އޮތީ ގްރޫޕްގެ ފުލުގަ އެވެ.
އެހެންކަމުން އިންގްލެންޑާއި ކޮރޭޝިއާއަށް ވަނީ ދެވަނަ ބުރު ޔަގީން ވެފަ އެވެ. ޗެކް ރިޕަބްލިކް އަށް ދެވަނަ ބުރު ޔަގީން ވާނީ ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމުމުންނެވެ. ތިންވަނައިގެ ގަދަ ހަތަރެއްގައި ހިމެނިގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ޗެކް ރިޕަބްލިކަށް އެބައޮތެވެ.