މިރޭ ކުޅުނު ސެމީ ފައިނަލުގައި ޑެންމާކު ބަލިކޮށް ތާރީހުގައި ފުރަތަމަ ފަހަރަށް އިންގްލެންޑް ޔޫރޯގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އަމިއްލަ ދަނޑުގައި އިންގްލެންޑުން މިރޭގެ މެޗު ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. ކޮންމެ ޓީމަކަށްވެސް ލަނޑެއް ޖެހި އެއްވަރު ވުމުން އިންގްލެންޑުން މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގަ އެވެ.
މިރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އިންގްލެންޑުންނެވެ. ޑެންމާކުން މަސައްކަތް ކުރީ ބައިކޮޅަށް ގޯލެއް ވަނަ ނުދީ ސަލާމަތް ކުރުމަށް ފަހު ލިބޭ ފުރުސަތުގައި ކައުންޓާ އެޓޭކް ކުރުމަށެވެ. އަދި ދެފަޅިން ހުރަސް ޖަހައިގެން އިންގްލެންޑުގެ ގޯލަށް ނުރައްކާ ކުރުމަށެވެ.
މެޗުގެ ފުރަތަމަ ކޮޅު ފެނުނީ ވަރަށް ފޯރި މަޑު ކުޅުމެކެވެ. ފުރަތަމަ ކޮޅުގައި އިންގްލެންޑުގެ މައުންޓް ފޮނުވާލި ހަމަލާ ޑެންމާކު ޑިފެންޑަރުން ބްލޮކް ކޮށްފައި ވާއިރު ސްޓާލިން ފޮނުވާލި ބޯޅަ އަމާޒުވީ ސީދާ ޑެންމާކުގެ ކީޕަރު ޝޫމައިކަލްގެ އަތަށެވެ. އަނެއްކޮޅުން ޑެންމާކުގެ ހޮއިބިއާ ފޮނުވާލި ބޯޅަ އިންގްލެންޑުގެ ކީޕަރު ޕިކްފޯޑް އަތަށް ދިޔައިރު، ބްރެތުވެއިޓް ފޮނުވާލި ހަމަލާ ދިފާއު ކުރީ އިންގްލެންޑުގެ ޑިފެންޑަރުންނެވެ.
ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ޑެންމާކަށް ލީޑު ނަގައިދިނީ ކްރިސްޓެންސަންއަށް ލޫކް ޝޯ ކުރި ފައުލަކާއި ގުޅިގެން އިންގްލެންޑުގެ ޕެނަލްޓީ އޭރިއާ ކުރިމަތިން ލިބުނު ހިލޭ ޖެހުމަކުން ޑެމްސްގާޑް އެވެ. މިއީ މިމުބާރާތުގައި އިންގްލެންޑު ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.
ނަމަވެސް މާގިނަ އިރުތަކެއް ނުވަނީސް މެޗުގެ 38 ވަނަ މިނެޓުގައި އިންގްލެންޑުން ނަތީޖާ ހަމަ ކުރި އެވެ. މިގޯލަކީ ސަކާ ދިން ޕާހެއް ދިފާއު ކުރަން އުޅެނިކޮށް ޑެންމާކުގެ ޑިފެންޑަރު އަދި ކެޕްޓަން ސިމޮން ކިއޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ދެވަނަ ހާފުގައި ގޯލު ޖަހައި ލީޑު ނެގުމަށް ދެޓީމަށްވެސް ރަނގަޅު ފުރުސަތު ތަކެއް ލިބުނު ނަމަވެސް ވަނީ ބޭކާރު ވެފަ އެވެ. އެގޮތުން ޑެންމާކުގެ ޑެމްސްގާޑް ނަގައިދިން ހުރަހަކުން ބްރެތުވެއިޓު ފޮނުވާލި ބޯޅަ ބޭރަށް ދިޔައިރު، ޕެނަލްޓީ އޭރިއާ ބޭރުން ޑޮލްބާގް ފޮނުވާލި ހަމަލާ އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ ދިފާއު ކޮށްފަ އެވެ. އަނެއްކޮޅުން އިންގްލެންޑްގެ މައުންޓް ދިން ބޯޅަ އަކުން ސްޓާލިން ފޮނުވާލި ބޯޅަ ޑެނިޝް ޑިފެންޑަރުން ބްލޮކް ކުރިއިރު، މައުންޓް ނަގައިދިން ހުރަހަކުން މެގުއާ ބޮލުން ޖަހާ ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާ ނުނެރެވުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެހާފު ކުޅެގެންނެވެ. އިތުރު ވަގުތުގައި މުޅިންހެން ކުޅުނީ އިންގްލެންޑުންނެވެ. އެގޮތުން އިންގްލެންޑުން ލީޑު ނެގީ ޕެނަލްޓީ އޭރިއާ ތެރެއިން ސްޓާލިންއަށް ޑެންމާކުން ފައުލު ކުރުމުން ލިބުނު ޕެނަލްޓީންނެވެ. އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ޕެނަލްޓީ ކީޕަރު ދިފާއު ކުރި ނަމަވެސް ރިބައުންސް ވެގެން އައި ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
މިއާއި އެކު އިންގްލެންޑް މުބާރާތުގެ ފައިނަލަށް ދަތުރު ކުރިއިރު ޑެންމާކަށް ޖެހުނީ މުބާރާތާއި އަލްވަދާއު ކިޔާށެވެ.