ޔުއެއާފާ ޔޫރޯ 2020

އަލަށް ޔޫރޯގެ ފައިނަލަށް ދާން އިންގްލެންޑް ކެތްމަދުވެފައި

މިރޭ ދަންވަރު 12 ޖަހާއިރު އޮންނަ ޔޫރޯ 2020 ގެ ދެވަނަ ސެމީ ފައިނަލަށް އިންގްލެންޑުން ނުކުންނާނީ ޑެންމާކު ބަލިކޮށް ފުރަތަމަ ފަހަރަށް ޔޫރޯގެ ފައިނަލެއްގައި ކުޅުމުގެ ފުރިހަމަ އަމާޒަށް ވާސިލުވާށެވެ.

ޔޫރޯގެ ދިގު ތާރީހުގައި މިހާތަނަށް އިންގްލެންޑަށް ޔޫރޯއެއްގެ ފައިނަލު ކުޅެވިފައެއް ނުވެ އެވެ. އިންގްލެންޑަށް އެންމެ ދުރަށް ދަތުރު ކުރެވިފައި ވަނީ ޔޫރޯގެ ސެމީ ފައިނަލާއި ހަމައަށެވެ. އެއީ ޔޫރޯ 1968, 1996 އަދި 2020 ގަ އެވެ. އެހެން ކަމުން އަމިއްލަ ގައުމުގެ ދަނޑުގައި 60،000 ސަޕޯޓަރުން ކުރިމަތީ މިރޭ އެމީހުން ނުކުންނާނީ މާޒީ ބަދަލު ކޮށްލައި އިނގިރޭސި އަދި ޔޫރަޕްގެ ފުޓްބޯޅައިގެ ޑައިރީގައި އާ ސަފްހާއެއް ލިޔާށެވެ.

އޮއެވަރު އޮތްގޮތް

އިންގްލެންޑުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރީ ކުއާޓާ ފައިނަލުގައި 4-0 ގެ ނަތީޖާ އަކުން ޔުކްރެއިން ބަލި ކުރުމަށް ފަހު އެވެ. މިއީ ވޯލްޑްކަޕް 1966 ގެ ފައިނަލަށް ފަހު އެ ޓީމުން ބޮޑު މުބާރާތެއްގެ ނޮކްއައުޓް ސްޓޭޖުގައި އިދިކޮޅު ގޯލަށް ހަތަރު ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ގެރެތު ސައުތު ގޭޓުގެ ޓީމަކީ ޔޫރޯއެއްގެ ފުރަތަމަ ފަސް މެޗުން ބައިކޮޅަށް ގޯލަށް ނުވަދެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ޓީމެވެ. މިއީ ދަނޑުގެ ދެކޮޅުގައި ވެސް އިންގްލެންޑުން ވަރުގަދައަށް ކުޅެމުން އަންނަ ކަމުގެ ހެއްކެކެވެ.

އަނެއްކޮޅުން މިދިޔަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގައި މި ދެޓީމު ބައްދަލު ކުރި ދެ މެޗަށް ބަލައި ޑެންމާކުން ހޯދަމުން އަންނަ ކުރިއެރުން ވަރަށް ރަނގަޅަށް ހާމަވެ އެވެ. ފުރަތަމަ މެޗުގައި ލަނޑެ ނުޖެހި އެއްވަރުވި އިރު ދެވަނަ މެޗުން ޑެންމާކް މޮޅުވީ މި މުބާރާތުގެ ފުރަތަމަ މެޗުގައި ހާޓް އެޓޭކަކާ ކުރިމަތިވެ ކުޅުމާއި ދުރަށްދާން ޖެހުނު އެރިކްސަން ކާމިޔާބު ކޮށްދިން ޕެނަލްޓީންނެވެ.

މުބާރާތުގެ ފުރަތަމަ ދެމެޗުގައި ބަދުނަސީބު ކަންތައްތަކެއް ދިމާވި ޑެންމާކުން ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި 10 ގޯލު ޖަހައި އެމީހުންގެ ގޯލު މެޝިން ރަނގަޅަށް ސްޓާޓް ކޮށްފަ އެވެ.

އިންގްލެންޑް

މިއީ 1996 ގެ ފަހުން ޔޫރޯގެ ސެމީ ފައިނަލުގައި އިންގްލެންޑް ވާދަކުރާ ފުރަތަމަ ފަހަރެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުން އިންގްލެންޑް ބަލިވީ މިހާރު އިންގްލެންޑްގެ ކޯޗު ސައުތުގޭޓް ޖެހި ފަހު ޕެނަލްޓީ ނާކާމިޔާބު ވެގެނެވެ. އެހެން ކަމުން މިރޭގެ މެޗަކީ އޭނާގެ ޖަޒުބާތު ތަކާއި ކުޅެލާނެ މެޗެއްކަން ގައިމެވެ.

މިރޭގެ މެޗަށް ނުކުންނަ އިރު ޖަރުމަނާއި ދެކޮޅަށް ނުކުތް ގޮތަށް ތިން ޑިފެންޑަރުން ހިމަނައިގެން ނުވަތަ އާންމުކޮށް އިންގްލެންޑް ކުޅޭ -4-2-3-1- ފޯމޭޝަނަށް ވެސް ކުޅެފާނެ އެވެ. އަމިއްލަ ދަނޑުގައި 60،000 ސަޕޯޓަރުން ކުރިމަތީގައި މިރޭގެ މެޗަށް އިންގްލެންޑް ނުކުންނަ އިރު އެމީހުންނާއި ދޭތެރޭގައި ކުރެވޭ އުންމީދު ވަރަށް ބޮޑެވެ.

އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް މިރޭގެ މެޗާއި ގުޅޭ ގޮތުން ބުނީ މިހާތަނަށް ޔޫރޯގެ ފައިނަލުގައި ކުޅެވިފައި ނެތުމުން އެ ފުރުސަތު ހޯދަން މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ. މިއީ އިތުރު ޕްރެޝަރެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އޭނާ ގަބޫލު ކުރާ ގޮތުގައި މިއީ އިތުރު ޗެލެންޖެކެވެ. އަދި ޑެންމާކަކީ ކިހާ މޮޅު ޓީމެއްކަން މި މުބާރާތުގައި އެމީހުން ދައްކައިދީފައިވެ އެވެ.

ޑެންމާކް

ގަދަ 16 އަދި ކުއާޓާ ފައިނަލުގައި ޑެންމާކުގެ ނަން ވިދާލި ނަމަވެސް މިރޭގެ މެޗަށް ނުކުންނަ އިރު ވަރުގަދަ ޓީމެއްގެ ގޮތުގައި ބެލެވިފައި އޮތީ އިންގްލެންޑެވެ. އެހެން ކަމުން މިރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޑެންމާކުން ކުޅުމުގެ ބަދަލުގައި އެ ފުރުސަތު ބޮޑަށް އޮތީ އިންގްލެންޑަށެވެ.

ބެލެވޭ ގޮތުގައި މިރޭގެ މެޗުގައި ޑެންމާކުން ކުޅޭނީ ކައުންޓާ އެޓޭކް ކުރުމަށެވެ. އަދި ކުރިން މެޗުތަކާއި އެއްގޮތަށް ދެފަޅިން ގިނަ ހުރަސްތަކެއް ނަގައިގެން އިންގެލެންޑުގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރާނެ އެވެ. މިއީ ޑެންމާކުގެ ފަރާތުން އިންގްލެންޑް އެންމެ ބޮޑަށް ސަމާލުވަން ޖެހޭނެ ވެސް ކަންތަކެވެ. އަދި ޑެންމާކުގެ ޑިފެންޑަރުންނަށް އިތުބާރުކޮށް އިންގްލެންޑުގެ އެޓޭކިން ލައިން ހުއްޓުވޭނެ ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.

މިރޭގެ މެޗާއި ގުޅޭ ގޮތުން ޑެންމާކުގެ ކޯޗު ކެސްޕާ ހިއުމަންޑް ބުނީ އެންމެ ލެގެއް ކުޅުނު ނަމަވެސް މިމެޗަކީ އަވޭ މެޗެއް ކުޅުން ކަހަލަ ކަމެއް ކަމަށެވެ. އަދި ސްޓޭޑިއަމްގައި ސަޕޯޓަރުން ތިބޭނެކަމީ އުފަ ކުރާ ކަމެއް ކަމަށާއި، އުންމީދަކީ ސްޓޭޑިއަމްގެ ދެބައިކުޅަ އެއްބައި ޑެނިޝް ސަޕޯޓަރުން ފުރާލުން ކަމަށެވެ. ޑެންމާކުގެ އަމާޒަކީ އިންގްލެންޑްގެ ސަޕޯޓަރުންގެ އަޑު ކަނޑާލުން ކަމަށައި ނަމަވެސް އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

އިންގްލެންޑާއި ޑެންމާކުގެ ކުރިމަތިލުންތައް

މިހާތަނަށް މިދެޓީމު ވަނީ 21 މެޗެއްގައި ބައްދަލު ކޮށްފަ އެވެ. އޭގެ ތެރެއިން 12 މެޗުން އިންގްލެންޑް މޮޅުވެފައި ވާއިރު ފަސް މެޗުން ވަނީ އެއްވަރު ވެފަ އެވެ. ޑެންމާކު މޮޅުވީ ހަތަރު މެޗުންނެވެ. އެންމެ ފަހުން ނޭޝަންސް ލީގުގައި މިދިޔަ އަހަރު ކުޅުނު މެޗުން ޑެންމާކު މޮޅުވީ 1-0 ގެ ނަތީޖާ އަކުންނެވެ.

މީގެ ކުރިން ބޮޑު މުބާރާތެއްގައި މިދެޓީމު ވަނީ ދެފަހަރެއްގެ މަތިން ބައްދަލު ކޮށްފަ އެވެ. އެގޮތުން ވޯލްޑް ކަޕް 2002 ގައި 3-0 އިން އިންގްލެންޑް މޮޅުވި އިރު ޔޫރޯ 1992 ގައި ކުޅުނު މެޗު ނިމުނީ ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ.