ބޮލީވުޑް

ކަބީރް ސިންގް - ޝާހިދުގެ އެންމެ ކާމިޔާބު ފިލްމު

ޝާހިދު ކަޕޫރުގެ "ކަބީރް ސިންގް" މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ރިލީޒް ކުރުމުގެ ކުރިން ވެސް އޭނާގެ ގާބިލްކަމާއި ހުނަރު ދައްކާލެވޭ ކަހަލަ ގިނަ ފިލްމުތަކެއް އޭނާ ކުޅެފައި ވެއެވެ. ނަމަވެސް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ހޯދިފައި ވަނީ އޭނާގެ މަދު ފިލްމަކަށެވެ.

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށް 2018 ގައި ރިލީޒްކުރި "ޕަދުމާވަތު" އަކީ ބްލޮކްބަސްޓާއެއް ނަމަވެސް އެ ފިލްމުން ޝާހިދުގެ ކެރިއަރަކަށް މާ ބޮޑު ފައިދާއެއް ނުކުރި އެވެ. ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް މުހިއްމު ބައިތައް ކުޅުނު އެ ފިލްމުން އެ ދެ ތަރިންނަށް ވުރެ ގަދަޔަށް ވިދާލާނެ ފުރުސަތެއް ޝާހިދަކަށް ނުލިބުނެވެ. ނުވަތަ އެ ދެ އެކްޓަރުންގެ ވިދުވަރުގެ ތެރޭގައި ޝާހިދުގެ ވިދުން ފަނޑު ކަމުން ނުފެނުނީ އެވެ.

އެކަމަކު "ކަބީރް ސިންގް" ވަރަށް ތަފާތެވެ. ޝާހިދުގެ ހުނަރާއި ގާބިލިއްޔަތުގެ އިތުރުން ބޮކްސް އޮފީހުގައި ވެސް ފިލްމެއް ބްލޮކްބަސްޓާއަކަށް ހަދާނެ ކުޅަދާނަކަން އޭނާގެ ހުރި ކަމަށް ހާމަވީ އެ ފިލްމުންނެވެ. ފިލްމުގެ ވިޔަފާރި އިންތިހާއަށް ރަނގަޅުއިރު ޝާހިދުގެ އެކްޓިންގެ ސަބަބުން އޭނާއަކީ އެހާ ފަސޭހައިން ފިލްމު އިންޑަސްޓްރީއަށް ހަނދާން ނައްތާލެވޭނެ އެކްޓަރެއް ނޫންކަމާއި ޒަމާން ތަކަކަށް އޭނާގެ ކެރިއަރު ދެމިގެން ހިނގައިދާނެކަން ޔަގީންވި އެވެ.

ގާތްގަނޑަކަށް 300 ކްރޯޑު ރުޕީސްގެ ވިޔަފާރި "ކަބީރް ސިންގް" އަށް ވިއެވެ. ފިލްމުގައި ގެވެށިއަނިޔާގެ ކަންތައްތަކެއް ދައްކާތީ މީހުން ރުޅިގަދަވިޔަސް އެ ފިލްމު ބަލަން އެންމެން ވެސް ބޭނުންވި އެވެ.

"ކަބީރް ސިންގް" އަކީ ތެލުގޫ ފިލްމު "އަރްޖުން ރެޑީ" ގެ ރިމޭކެކެވެ. ތެލުގޫ ފިލްމުގެ ބަތަލަކީ ވިޖޭ ދޭވަކޮންޑާ އެވެ. މީގެ ތެލުގޫ އަދި ހިންދީ ފިލްމު ވެސް ޑައިރެކްޓްކުރީ ސަންދީޕް ރެޑީ ވަންގާ އެވެ. ހަގީގަތުގައި "ކަބީރް ސިންގް" ގައި އެއްވެސް އާ ވާހަކައެއް ނުކިޔައިދެ އެވެ. އަދި އާ ކަމެއް ވެސް ނުދައްކަ އެވެ. އަދި ދެ ބަހުން އުފެއްދި ދެ ފިލްމުގައި މާ ބޮޑު ތަފާތެއް ވެސް ނެތެވެ. ނަމަވެސް ބެލުންތެރިންގެ ޝައުގުވެރިކަން އެ ފިލްމަށް ލިބުނީ ހީނުކުރާ ވަރަށެވެ.

މި ފިލްމުގައި ޝާހިދު ކުޅުނީ ކަބީރް ސިންގް ކިޔާ ޑޮކްޓަރެއްގެ ރޯލެވެ. އޭނާއަކީ ރަނގަޅު ޑޮކްޓަރެއް ނަމަވެސް ރުޅި ގަދަ ކަމުން ވަރަށް ގިނަ މައްސަލަތަކާ އަބަދާ އަބަދު ކުރިމަތިވެ އެވެ. ކޮލެޖުގައި ކިޔެވިއިރު ވެސް އޭނާއަކީ ރުޅިގަދަކަމަށާއި ފަސޭހައިން މީހުންގެ ގަޔަށް ބޮލަށް އަރައި ތަޅާފޮޅުމަށް މަޝްހޫރު މީހެކެވެ.

ޑޮކްޓަރުކަން އަލަށް ކިޔަން ފެށި ޕްރީތީ (ކިއާރާ އަދުވާނީ) އާ ކަބީރަށް ބައްދަލުވީ ފުރަތަމަ ދުވަހު ވެސް އޭނާ ދެކެ ލޯބި ވެވުނެވެ. ލަދުވެތި ގޮތެއް ހުންނަ ޕްރީތީ އާއި ކަބީރް ރައްޓެހި ވެގެން ގިނަ އަހަރުތަކެއް ހޭދަކުރެ އެވެ. ޕްރީތީ ގްރެޖުއޭޓްވުމުން އޭނާގެ މައިންބަފައިން ކައިރިއަށް ކައިވެނި ކުރަން ހުއްދަ ހޯދަން ޝާހިދު ދެއެވެ. ނަމަވެސް އެ ގޭގައި ޕްރީތީ އާއި ކަބީރްގެ ގައިގޯޅިވާ މަންޒަރެއް ފެނި ޕްރީތީގެ މައިންބަފައިން ހިތްހަމަ ނުޖެހެ އެވެ. އަދި ވަރަށް އާދޭސް ކުރުމުން ވެސް އެމީހުން ކައިވެނި ކޮށްދޭން ދެކޮޅު ހަދަ އެވެ. އެންމެ ފަހުން ކަބީރް ޕްރީތީ އަށް އެންމެ ފަހުގެ ފުރުސަތު ދެއެވެ. އޭނާގެ މައިންބަފައިން ބުނާ ބަސް އަހާނީތޯ ޝާހިދު އާ ގުޅޭނީތޯ އެންމެ ހަ ގަޑިއިރު ތެރޭގައި ނިންމުމަށެވެ.

މައިންބަފައިންގެ ކޮޅަށް ނުޖެހި ޕްރީތީ ކަބީރްގެ ގެޔަށް ދާއިރު ހުރިހާ ކަމެއް އޮންނަނީ އެކޮޅުކޮޅުން ޖެހިފަ އެވެ. ލޯބިވެރިޔާ ގެއްލުމުގެ ހިތާމައިގައި ރާ ބުއިމާއި ސިނގިރޭޓު ބުއިމުގައި ކަބީރް ހުންނަނީ ހައްދުން ނައްޓާފަ އެވެ. މިހިސާބުން ޝާހިދުގެ ހުނަރު ހުރި ވަރު އޭނާއަށް ވަރަށް ރަނގަޅަށް ދައްކާލާނެ ފުރުސަތު ލިބެ އެވެ.

"ކަބީރް ސިންގް" އަކީ ޝާހިދުގެ ކެރިއަރުގެ ވެސް އެންމެ ކާމިޔާބު ފިލްމެވެ. "ހައިދަރު"، "އުޅްތާ ޕަންޖާބު" އަދި "ރަންގޫން" ފަދަ ފިލްމުތަކުން އޭނާގެ ހުނަރު ދައްކާލެވުނަސް މި ފިލްމުތަކަކީ ބޮކްސް އޮފީހުގައި މާ އެދެވޭ ކާމިޔާބުތަކެއް ލިބުނު ފިލްމުތަކެއް ނޫނެވެ.

ޝާހިދު ދެން އެންމެ އަވަހަށް ފެންނާނީ ތެލުގޫ ފިލްމެއްގެ ރިމޭކެއް ކަމަށްވާ "ޖާޒީ" އިންނެވެ. ސުވާލަކީ "ކަބީރް ސިންގް" އިން އޭނާ އެ ދައްކާލި ޖާދޫ މި ފިލްމުން ވެސް ދައްކާލެވިދާނެ ހެއްޔެވެ؟