ބޮލީވުޑް

ކިއާރާގެ ފުރަތަމަ އިޝްތިހާރު އުމުރުން އެންމެ އަށް މަހުގައި

ކިއާރާ އަދުވާނީ އަކީ ވަރަށް ތުއްތު އިރުއްސުރެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ނުކުމެފައިވާ އެކްޓަރެކެވެ. ވިޔަފާރިވެރިޔާ ޖަގްދީޕް އަދުވާނީ އާއި އަންހެނުން ޖެނެވީވް ޖެފްރީގެ ދަރިއެއް ކަމަށްވާ ކިއާރާގެ މުނިކާފަ އަކީ ކުރީގެ މަޝްހޫރު އެކްޓަރު އަޝޯކް ކުމާރެވެ. އަދި ކުޅަދާނަ އެކްޓަރު ސައީދު ޖެފްރީ އަކީ ކިއާރާގެ މަންމަގެ ބޮޑުބޭބެ އެވެ.

ކިއާރާގެ މަންމަ އަކީ ފިލްމު ކުޅޭ މީހަކަށް ނުވިޔަސް ބޮލީވުޑްގައި ސަލްމާން ޚާން، ޖޫހީ ޗައުލާ ފަދަ އެކްޓަރުންނާއި އޭނާ ވަރަށް ރައްޓެއްސެވެ.

ކިއާރާ ބޮލީވުޑަށް ތައާރަފްވީ 2014ގައި ރިލީޒްކުރި "ފުގްލީ" އިންނެވެ. އަދި އޭގެ މާކުރިން އުމުރުން އެންމެ އަށް މަހުގައި ކިއާރާ އޭނާގެ މަންމައާ އެކު އިޝްތިހާރެއްގައި ބައިވެރިވެފައި ވެއެވެ.

ކިއާރާ މިހާރު އޭނާ އާއެކު ފިލްމު ކުޅޭ އެކްޓަރެއް ކަމަށްވާ ސިދާރްތު މަލްހޯތުރާ އާ ކައިވެނިކުރަން ތައްޔާރުވަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. ނަމަވެސް މި ދެ އެކްޓަރުން ބުނަނީ އެމީހުން ކައިވެނި ކުރަން ނޫޅޭ ކަމަށެވެ. އެކަމަކު ފެޝަން ޑިޒައިނާ މަނީޝް މަލްހޯތުރާގެ ގޭގައި ކިއާރާ އާއި ސިދާރްތު މީގެ ދެ ދުވަހެއް ކުރިން ބޭއްވި ބައްދަލުވުމަށްފަހު ކައިވެނީގެ ވާހަކަތަކުގެ އަޑު ވަނީ ކުރިޔަށް ވުރެ ވެސް މާ ގަދަވެފަ އެވެ.