ބޮލީވުޑް

ކިއާރާ އަދުވާނީ އާ މި އަންހެންކުއްޖާ ވައްތަރުތަ؟

"އެމް.އެސް ދޯނީ: އެން އަންޓޯލްޑް ސްޓޯރީ" އަށް ފަހު ކިއާރާ އަދުވާނީގެ މަގްބޫލުކަން އެތައް ގުނަޔަކަށް އިތުރުވެގެން ދިޔަ އެވެ. އޭގެ ފަހުން "ކަބީރް ސިންގް" އާއި "ޝޭރްޝާހް"ގައި ކިއާރާ ކުޅުނު މޮޅު ރޯލުތަކުގެ ސަބަބުން މިހާރު ބޮލީވުޑްގައި ހަރަކާތްތެރިވާ ބަތަލާއިންގެ ލިސްޓުގެ އެންމެ ކުރިއަށް އޭނާގެ ނަން ވަނީ އަރާފަ އެވެ.

މިހާރު ކޮންމެ ޑައިރެކްޓަރެއް ވެސް ފިލްމެއް އުފައްދަން ފަށާއިރު އެންމެ ފުރަތަމަ ބަލަނީ ކިއާރާ އެ ފިލްމެއްގައި ބައިވެރި ކުރެވޭތޯ އެވެ. އެއީ ކޮންމެ އެކްޓަރަކާއެކު ވެސް ކިއާރާ ގުޅޭތީ އެވެ.

ކިއާރާ ކުޅޭ ފިލްމުތަކުގެ ވާހަކައާ އެއްވަރަށް އޭނާއާ ވައްތަރު އަންހެންކުދިން ފެންނަ ވާހަކަވެސް މަޝްހޫރެވެ. އެގޮތުން ސޯޝަލް މީޑީއާގައި ފާއިތުވީ ދެ ތިން ދުވަހުއްސުރެ ދައުރުވަމުންދާ އެއް ފޮޓޯއަކީ ތަނީޝާ ކިޔާ އަންހެންކުއްޖެއްގެ ފޮޓޮއެކެވެ. އެ ކުއްޖާ އާއި ކިއާރާ މާ ބޮޑަށް ވައްތަރުވެގެންނެވެ.

ތަނީޝާ އާއި ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރެއް ކަމަށްވާ ރާޖްކުމާރު ސަންތޯޝީގެ ދަރިފުޅެކެވެ. ކިއާރާގެ "ކަބީރް ސިންގް"ގެ ކެރެކްޓާ އާ ތަނީޝާ ވަރަށް ވައްތަރުކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ.

ތަނީޝާ އަކީ ބޮލީވުޑް ބަތަލާ ޖާންވީ ކަޕޫރުގެ ބެސްޓް ފްރެންޑް ވެސް މެއެވެ. އަދި އޭނާ ވެސް ފިލްމު ކުޅެން ޝައުގުވެރިވާ ކަމާއި ފިލްމީ މަސައްކަތް ފަށަން ތައްޔާރުވަމުންދާކަމަށް މިއަހަރުގެ ޖެނުއަރީގައި އިއުލާންކޮށްފައި ވެއެވެ. ނަމަވެސް ތަނީޝާ ބޮލީވުޑަށް ނުކުންނަނީ ކޮން ފިލްމަކުން ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.

ވަރަށް ގިނަ ފަންނާނުން އެމީހުންގެ ދަރިން ތައާރަފްވާ ފިލްމު އަމިއްލައަށް ޕްރޮޑިއުސްކޮށް ނުވަތަ ޑައިރެކްޓްކުރެ އެވެ. ނަމަވެސް ތަނީޝާގެ ފުރަތަމަ ފިލްމު ޑައިރެކްޓްކުރަނީ އޭނާގެ ބައްޕަކަން ނުވަތަ އެހެން މީހެއް ކަމެއް ޔަގީނެއް ނޫނެވެ.

ސަންތޯޝީ ނުވަ ވަރަކަށް އަހަރު ފިލްމު އުފެއްދުމުގެ މަސައްކަތާ ދުރުގައި ހުރުމަށްފަހު މިހާރު އަނެއްކާވެސް ވަނީ އެ މަސައްކަތް ފަށާފަ އެވެ. އޭނާ ޑައިރެކްޓްކުރާ "ގާންދީ ގޮޑްސޭ – އޭކް ޔުދް" އަންނަ ޖެނުއަރީ 26 ވަނަ ދުވަހު ރިލީޒްކުރާނެކަން ވަނީ އިއުލާންކޮށްފަ އެވެ.

މިއީ 2013ގައި އޭނާ ޝާހިދު ކަޕޫރު ލީޑް ރޯލަށް ލައިގެން އުފެއްދި "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ"އަށް ފަހު އުފައްދާ ފުރަތަމަ ފިލްމެވެ.