ޑޮކްޓަރަކާއި ބަލި މީހެއްގެ މެދުގައި އޮންނަނީ ވަރަށް ހާއްސަ ގުޅުމެކެވެ. ހުދު ކޯޓުލައިގެން ތިބޭ "ހީރޯ" އިންނަށް ބަލިމީހުންގެ ހިތުގައި ޚާއްސަ ގަދަރެއް ދެވެ އެވެ. ޚާއްސަކޮށް ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ ގިނަ މީހުން އެމީހުންގެ ޑޮކްޓަރާ ވަރަށް ގާތް ގުޅުމެއް ބާއްވަ އެވެ. ދާދިފަހުން ސޯޝަލް މީޑިއާގައި ޑޮކްޓަރަކު ޝެއާކުރި ވާހަކައަކީ މިފަދަ ވާހަކަ އެކެވެ.
ބެންގަލޫރޫގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޑރ. ސޯމަލަރާމް ވެންކަޓޭޝްގެ މެސެޖުގައި ބުނެފައިވާ ގޮތުގައި 10 އަހަރު ވަންދެން އޭނާ ފަރުވާ ކޮށްދިން ކޯލާރު ކިޔާ ރަށެއްގެ ބަލި މީހަކު ކޮންމެ އަހަރަކު ވެސް އަނބު މޫސުމުގައި އޭނާއަށް ހަދިޔާއަކަށް އަނބު ފޮނުވަ އެވެ. އެގޮތަށް އަނބު ފޮނުވާތާ އެތައް އަހަރެއް ވީފަހުން މިދިޔަ އަހަރު ބަލި މީހާ ވަނީ ދުނިޔެ ދޫކޮށްފައި ކަމަށް ޑޮކްޓަރު ބުނެފައި ވެއެވެ. ބަލިމީހާ މަރުވީ އޭނާ ފަރުވާ ކުރަމުން ދިޔަ ބަލި ރަނގަޅު ނުވެ ބޮޑުވަރު ވަމުން ގޮސް ކަން ވެސް ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.
ބަލިމީހާ މަރުވިޔަސް އޭނާ ފާއިތުވީ 10 އަހަރުއްސުރެ ކުރަމުންދިޔަ މިކަންތައް އޭނާގެ އާއިލާއިން ވަނީ ދަމަހައްޓާފަ އެވެ. މިއަހަރުގެ އަނބު މޫސުމުގައި ޑޮކްޓަރަށް އަނެއްކާވެސް އަނބު ވަށިގަނޑެއް ލިބުނެވެ. ނަމަވެސް ތަފާތަކީ މިފަހަރު އަނބުފޮނުވީ އޭނާ ފަރުވާ ކޮށްދިން މީހާގެ އާއިލާއިން ކަމަށް ވުމެވެ.
ޑޮކްޓަރަށް އެންމެ އަސަރުކުރީ އޭނާ ފަރުވާ ކޮށްދިން މީހާގެ އާއިލާގެ މީހުންނާއި އޭނަގެ މެދުގައި ބުނެދޭން ނޭނގޭ ކަހަލަ ހާއްސަ ގުޅުމެއް އުފެދިފައިވާކަން ޔަގީން ވުމުންނެވެ. އަދި މިގޮތަށް އުފެދޭ ގުޅުމަކީ ހަދިޔާ ދިނުމަށްވުރެ މާ މާނަ ފުން ގާތް ގުޅުމެއް ކަން ޑޮކްޓަރު ފާހަގަ ކޮށްފައި ވެއެވެ.
ޑޮކްޓަރުގެ މި ޕޯސްޓް ސޯޝަލް މީޑިއާގައި ވައިރަލްވެ އެތައް ލައްކަ ބަޔަކަށް މީ ވަރަށް ކަމުދިޔަ ޕޯސްޓަކަށް ވަނީ ވެފަ އެވެ. އަދި ބަލިމީހުންނަށް ފަރުވާ ކުރުމުގައި މެޑިކަލް ސްޓާފުން ކޮށްދޭ އަގުހުރި ޚިދުމަތުގެ އަގު ވަޒަންކޮށް ގިނަ ބަޔަކުވަނީ އެ މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ.