ބޮލީވުޑް

ހިނގާނީ ކާފަ އަމްރިޝް ޕޫރީ ދެއްކި މަގުން: ވަރްދާން

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަމްރިޝް ޕޫރީ އުފަންވީތާ 89 އަހަރުވީއިރު އޭނާ ދުނިޔޭގައި ނެތަސް ކާފަ ދަރިފުޅު ވަރްދާން ޕޫރީ އަދިވެސް ކާފަ މަތިން ވަރަށް ހަނދާން ކުރެ އެވެ.

ބޮލީވުޑްގައި ކެރިއަރެއް ބިނާ ކުރުމުގެ މަސައްކަތްކުރަމުންދާ ވަރްދާން ބުނި ގޮތުގައި އޭނާގެ ހަޔާތް ބައްޓަން ކުރުމުގައި ކާފަގެ ދައުރު މިއަދު ވެސް ވަރަށް ބޮޑު ކަމަށެވެ. އަދި ފިލްމު ކުޅެން އޭނާ ޝައުގުވެރިވީ ވެސް ކާފަގެ ސަބަބުންނެވެ.

"ކާފައަކީ ވަރަށް އަހުލާގު ރަނގަޅު، ކެތްތެރި އަދި ގަޑިއަށް ފަރުވާތެރިވީ މީހެއް. ކާފަގެ މި ރަނގަޅު ސިފަތައް އަހަރެންނަށް ހިފޭތޯ ވަރަށް މަސައްކަތް ކުރަން. އޭގެ އިތުރުން ކާފަ އަބަދުވެސް އަހަރެން ކައިރީގައި ބުނޭ އެކްޓަރުންގެ މޫ އޮންނަނީ ޖެހޭތީ ތިއޭޓަރުގައޭ. ތިއޭޓަރުގައި މަސައްކަތް ކުރީމައޭ މޮޅު އެކްޓަރުންނަށް ވާނީ. އެހެންވެ ތިއޭޓަރު އެކްޓަރަކަށް ވާށޭ. ޕާޓީ ކުރުމާއި ޒަމާނީ ލައިފްސްޓައިލްގެ މަޅީގައި ޖެހި އޮޔާ ދިޔަ ނުދެއްޗޭ ކާފަ އަބަދުވެސް ބުނޭ،" ވަރްދާން ބުންޏެވެ.

ވަރްދާން ބުނި ގޮތުގައި ކާފަގެ ނަސޭހަތް ގަބޫލުކޮށް އޭނާ ޕާޓީތަކަށް ގޮހެއް ނޫޅެ އެވެ. ވަރަށް މަދުމަޑުން ރައްޓެހިންނާއެކު ބޭރަށް ނުކުމެލާ އުޅުނަސް ރަލާއި ސިނގިރޭޓް އަދި ޖުވާ ކުޅުން ފަދަ ކަންތައްތަކާ މުޅިން ދުރުހެލިވެގެން އުޅޭ ކަމަށް އޭނާ ބުންޏެވެ.
"މިއަދު ކާފަ ދުނިޔޭގައި ހުރި ނަމަ އަހަރެން ކާފަ ކައިރީ ބުނީމުސް ފިލްމީ ރޮނގުން ކުރިއަށް ދާން އަހަރެންނަށް ހިތްވަރު ލިބުނީ ކާފަގެ ސަބަބުންނޭ. ކާފަ ހިތްހަމަޖެހޭ ކަހަލަ މީހަކަށްވާން އަހަރެން ގަދައަޅާ މަސައްކަތްކުރަން މިހިރީ ކެތްތެރިކަމެއް ނެތި އިންތިޒާރުގައި،" ވަރްދާން ބުންޏެވެ.

ކާފައާއެކު ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް އާ ކުރަމުން ވަރުދާން ބުނީ ސިންގަޕޯގައި އޮތް އެވޯޑު ޝޯއަކަށް ބައްޕަ އާއި ކާފައާ އެކު ދިޔަ ހަނދާން ވަރަށް ވާ ކަމަށެވެ. އެއީ 2003 ވަނަ އަހަރު ކަމަށާއި އެ ދުވަސްވަރު ކާފައާއެކު ވަރަށް އުފާވެރި ގިނަ ވަގުތުތަކެއް ހޭދަކުރެވުނު ކަމަށް ވެސް ވަރްދާން ބުންޏެވެ.

"ކާފަ އާއި އަހަރެންގެ އޮތީ ބެސްޓް ފްރެންޑުންގެ އޮންނަ ކަހަލަ ގާތް ގުޅުމެއް. ގާތް އެކުވެރިއެއްގެ ގޮތުގައި އަބަދުވެސް ކާފަ ދެކެނީ. ސިންގަޕޫރަށް ގޮސް އުޅުނުއިރުވެސް ކާފަގެ އަތުގައި ހިފާލައިގެން މަގުމަތީގައި ވެސް ހިނގަނީ. ކާފަ އުޅޭނީ މީހަކަށް އެނގިދާނެތީ ބޮލުގައި ބޮޑު ސާލެއް އަޅައިގެން،" ވަރްދާން ބުންޏެވެ.

ވަރްދާން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފްވީ 2019 ގައި ރިލީޒްކުރި "ޔޭ ސާލީ އިޝްގް" ކިޔާ ފިލްމަކުންނެވެ. މީގެ އިތުރުން "އިޝަގްޒާދޭ" (2012) އާއި "ދާވަތޭ އިޝްގް" (2014) ގައި އޭނާ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އަދި ސަޕޯޓިން އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި އެވެ.

އުމުރުން ފަސް އަހަރުއްސުރެ އޭނާ ދިޔައީ ނެޝަނަލް އެވޯޑު ލިބިފައިވާ ޑައިރެކްޓަރު ސަތުޔަދޭވް ޑޫބޭގެ ކައިރިން އެކްޓިންގެ ތަމްރީނުތައް ހޯދަމުންނެވެ. އެގޮތުން 90 އަށް ވުރެ ގިނަ ތަމްސީލުތައް އޭނާ ތިއޭޓަރުގައި ކުޅެފައި ވެއެވެ.