އަހުމަދު ސިޔާމް މުހައްމަދު

ސިޔާމަށް ނަސޭހަތް ދީފި

Jun 23, 2021
1

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު "ދަންޖައްސަން ޖެހޭ" ކަމަށް ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވި މައްސަލައިގައި އޭނާއަށް ލިޔުމުން ނަސޭހަތް ދޭން މަޖިލީހުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ކަރާމާތާއި ގަދަރާއި އަބުރު ދެމެހެއްޓޭނެހެން މެމްބަރުންގެ އަމަލުތައް ބެހެއްޓުމަށް، ސިޔާމް ދެއްކެވި ފަދަ ވާހަކަތަކެއް ތަކުރާރު ނުކުރެއްވުމަށް މީދޫ ދާއިރާގެ މެމްބަރު ސިޔާމަށް ނަސޭހަތްތެރިވާން ކޮމިޓީން ނިންމާފައިވާ ކަމަށެވެ. މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން މައްސަލަ ބެލުމަށްފަހު ނިންމި ގޮތް ލިޔުމަކުން މެންބަރަށް ފޮނުވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

މިމަހުގެ ހަވަނަ ދުވަހު ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށް ފަހު ސިޔާމް ވަރަށް ހުތުރުކޮށް ވާހަކަ ދެއްކެވިކަމަށް ހިސާން ތުހުމަތު ކުރައްވަ އެވެ. އަދި ހަމަ އެ ދުވަހުގެ އެހެން ވަގުތެއްގައި "ހިސާނަކީ ދަންޖައްސަން ޖެހޭ މީހެއް" ކަމަށާއި "މަރާލިޔަސް ފާފަވެރި ނުވާނެ" ކަމަށް ސިޔާމް ވިދާޅުވާ އޯޑިއޯ އެއްވެސް ވަނީ އާންމުވެފަ އެވެ.

ސިޔާމުގެ އޯޑިއޯގެ މައްސަލަ މަޖިލީހުގެ އިދާރާ އިން ވަނީ ފުލުހުންނަށާއި ޑިފެންސް މިނިސްޓްރީއަށް ވެސް ހުށަހަޅާފަ އެވެ.

ސިޔާމުގެ އޯޑިއޯގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބެލުމަށް ފަހު ހިސާންގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް ސިޔާމަށް އެންގުމަށް ވެސް ކޮމިޓީން ނިންމާފައިވެ އެވެ. އިމްތިޔާޒު ކޮމިޓީގައި މަަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ހިސާންގެ ކިބައިން ސިޔާމް މައާފަށް އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އެބޭފުޅުން ސަލާން ގަލަން ކުރައްވާ އެކަން ކުރައްވާ އެކަން މިހާރު އޮތީ ހަމަޖެހިފައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ސިޔާމްގެ އޯޑިއޯ ކްލިޕްގައި ދައްކަވާފައިވާ ވާހަކަތަކުގެ މަފްހޫމު އޮޅުވާލައިގެން ނަފްރަތު އުފެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ސިޔާމް ލީޑަރު ކަން ކުރައްވަމުން ގެންދަވާ މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފައިވެ އެވެ.