އަހުމަދު ސިޔާމް މުހައްމަދު

ކޮމިޓީތައް އެކުލަވާލައި މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ސިޔާމް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.

ކޮމިޓީތައް އެކުލަވާލައި ކުރިއަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެމްޑީއޭގެ ލީޑަރު ސިޔާމް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ކޮމިޓީތައް އެކުލަވާލުމުގެ ބަހުސްގަ އެވެ.

ބަހުސްގައި ސިޔާމް ވިދާޅުވީ މަޖިލިސް ހިންގުމަށް އެންމެ މުހިންމު މަސައްކަތަކީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލައި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށެވެ.

މަޖިލީހުގެ ދައުރު ނިންމާލުމުގެ ކުރިން އެންމެ ފައިދާ ބޮޑު ގޮތަކީ މަޖިލިސް ހިންގޭނެ ގޮތަށް ކަންކަން ބައްޓަންކުރުން ކަމަށް ސިޔާމް ވިދާޅުވި އެވެ.

"މަޖިލިސް އިތުރަށް ކުރިއަށް ގެންގޮސްގެން ނަމަވެސް މި ކޮމިޓީގެ އެންމެހާ މަސައްކަތްތައް، ހިންގޭނެ ގޮތަކަށް ބައްޓަން ކުރެވިގެންދިއުން،" އެދިވަޑައިގަންނަވާ ކަމެއް ކަމަށް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ މަޖިލީހަށް މެންބަރުން އިންތިހާބު ކުރީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދުތަކަކާއެކު ކަމަށާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ކަންކަން ކުރުމަކީ ކޮންމެ މެންބަރެއްގެ ޒިންމާއެއް ކަމަށެވެ.